Roadha Mihaaru
ސްރީލަންކަންގެ 6،000 ވަޒީފާ ގެއްލުމުގެ ބިރު

ސްރީލަންކަން އެއާލައިންސްގެ 6،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އުފެދިއްޖެ

01 ޖުލައި 2023

ސްރީލަންކާގެ ގައުމީ އެއާލައިން ހިންގުން ރީސްޓްރަކްޗާކޮށް ހިއްސާ ނުވިއްކައިފި ނަމަ އެކުންފުނީގައި ވަޒީފާ އަދާ ކުރާ 6،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް އެގައުމުގެ ޓްރާސްޕޯޓް މިނިސްޓަރު ނިމާލް ސިރީޕަލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްރީލަންކާގެ ގައުމީ އެއާލައިން ހިންގުން ރީސްޓްރަކްޗާކޮށް ހިއްސާ ނުވިއްކައިފި ނަމަ އެކުންފުނީގައި ވަޒީފާ އަދާ ކުރާ 6،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބަ އޮތް ކަމަށް އެގައުމުގެ ޓްރާސްޕޯޓް މިނިސްޓަރު ނިމާލް ސިރީޕަލާ ޑި ސިލްވާ ވިދާޅުވެއްޖެ އެވެ.

އެގައުމުގެ ޓްރާސްޕޯޓު މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު ނިމާލް ވިދާޅުވީ، އެ އެއާލައިންގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެ އެއާލައިން ކުރިއަށް ގެންދިއުމަށް ބޮޑެތި ބަދަލުތަކެއް ވަގުތުން ވަގުތަށް ގެންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން އަންނަނީ ބޭރުގެ މާލީ ތަޖުރިބާކާރުންނާ އެކު ވެސް، ސްރީލަންކަން އެއާލައިންސަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަންނަމުން ކަމަށެވެ.

"ސްރީލަންކަން އެއާލައިންސް ފެށީ މީގެ އެތައް އަހަރެއް ކުރިން. އެ އެއާލައިން ވަނީ އެމިރޭޓްސް އެއާލައިންގެ ދަށުން ހިންގި އިރު 30 މިލިއަން ރުފީސްގެ ފައިދާއެއް ހޯދާފައި. އޭގެ ފަހުން އެކުންފުނި ވަނީ ފައިދާއެއް ހޯދަން އުނދަގޫތަކާ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިން. އެ އެއާލައިންގެ ދަރަނި ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައި--

ސްރީލަންކަން އެއާލައިން. އެ އެއާލައިންގެ ދަރަނި ވަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައި--

އެމިރޭޓްސް އިން ސްރީލަންކަން އެއާލައިންސް ހިންގީ 10 އަހަރުގެ މުއްދަތަކަށެވެ. އެއީ 1998 އިން 2008 ވަނަ އަހަރަށެވެ. އޭގެ ފަހުން ލަންކާގެ ސަރުކާރުން ވަނީ އެމިރޭޓްސްއަށް ވިއްކާލި ހިއްސާ އަލުން ގަނެފަ އެވެ.

ލަންކާގެ އެންމެ ބޮޑު އެއާލައިން، ސްރީލަންކަން އެއާލައިންސް ވަނީ 1.2 ބިލިއަން ޑޮލަރުން ދަރާފަ އެވެ. އޭގެ ތެރޭގައި އެގައުމުގެ ބޭންކްތަކުން ނެގި ލޯނާއި އިންޓަނޭޝަނަލް ބޮންޑު ޕޭމެންޓްތަކާއި މަތިންދާ ބޯޓުތައް ލީޒް ކުއްޔަށް ދައްކަން ޖެހޭ އަދަދުތައް އެބަ ހުއްޓެވެ. އަދި ތެލަށް ކުރި ބައެއް ހަރަދުތަކަށް ވެސް ފައިސާ ނުދައްކާ އެބަ ހުއްޓެވެ.

މީގެ ތިން އަހަރު ކުރިން ކުރިމަތިވި، ކޮވިޑުގެ ހާލަތާ އެކު އެގައުމުގެ މުޅި އިގްތިސާދު، ބަނގުރޫޓުވުމާ ގުޅިގެން އެ އެއާލައިން ހިންގުމަށް ވެސް ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފަ އެވެ. އެ އެއާލައިން ރީސްޓްރަކްޗާ ކުރުމުގެ ގޮތުން އެ އެއާލައިންގެ 49 ޕަސެންޓް ހިއްސާ ވިއްކާލަން ވަނީ ނިންމާފަ އެވެ.

އެކަން ކުރުމަށް ލަންކާގެ ކެބިނެޓަށް އެ މައްސަލަ ހުށަހެޅީ މީގެ ހަ މަސް ކުރިންނެވެ. އެކުންފުނީގެ ހިއްސާ ވިއްކާލުމުގެ ކަންކަން ކުރިއަށް އޮތް ހަ މަސް ތެރޭގައި ހިންގާނެ ކަމަށް ބެލެވެ އެވެ.

އެ އެއާލައިން ހިންގާތާ 44 އަހަރުވެފައިވާ އިރު ކޮވިޑުގެ ކުރިން އެ އެއާލައިން އިން ދިޔައީ 40 ވަރަކަށް ގައުމަށް ދަތުރު ކުރަމުންނެވެ.