Roadha Mihaaru
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން

ސްރީލަންކަން އިން ގަމަށް ކުރި ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތް

19 ޖޫން 2020

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތް ނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހުގައި ވެސް އަލުން ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރުގެ ހަމައެކަނި އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ދަތުރުތައް ވެސް ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތް ނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހުގައި ވެސް އަލުން ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ބުނެފި އެވެ.

އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު). ރޭ ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން ސްރީލަންކަން އިން ގަމަށް ކުރަމުން އައި ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން މެދުކެނޑިފައިވާއިރު އަލުން ބޯޑަރުތައް ހުޅުވާލުމުން ވެސް އެ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީންކަން ނެތީ އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލިބޭތީ ކަމަށެވެ.

"ސަބަބަކަށް ބޮޑަށް ދިމާވެފައި ވަނީ އެކަށީގެން ވާ ވަރަށް ފަސިންޖަރުން ނުލިބުމާއި އައްޑު އަތޮޅު އެކަނި ހިމެނިގެން އެކަށީގެން ވާ އަދަދަށް ފަސިންޖަރުން ނުލިބޭތީ. މިއީ ފާއިތުވި ތިން އަހަރުގެ ތަޖުރިބާ އާއި ލިބުނު ގެލުމަށް ބަލާފައި،" ފިރާގު ޓްވީޓް ކުރައްވާފައިވެ އެވެ.

ފިރާގު ކުރެއްވި ޓްވީޓް

އައްޑު އަތޮޅާއި ހުވަދު އަތޮޅު ޑޮމެސްޓިކް ދަތުރުތަކުން ގުޅައިލެވިއްޖެ ނަމަ އަލުން ގަމަށް ސްރީލަންކަންގެ ދަތުރުތައް ފެށިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިރާގު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަނެވުނުހާ އަވަހަކަށް މޯލްޑިވިއަންއިން ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށޭނެ ކަމަށް ވެސް އުންމީދު ކުރައްވާ ކަމަށެވެ.

ދަތުރުތައް ހުއްޓާލުމުން ކަންބޮޑުވޭ: ޕީޕީއެމް

އިދިކޮޅު، ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުތައް ހުއްޓާލުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި އެ ދަތުރުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ސަރުކާރަށް ގޮވާލަައިފަ އެވެ.

"ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮލޮމްބޯ އާއި ގަމާ ދޭތެރޭގެ ދަތުރުތައް ފައްޓާފައިވަނީ އެ ދަތުރުތަކުގެ ސަބަބުން އައްޑޫ ސިޓީ އާއި ދެކުނު ގައި ދިރިއުޅޭ ރައްޔިތުންނަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައި އިތުރު ލުއިތައް ހޯދާދިނުމުގެ މަގުސަދުގައި. އަދި އެ ސަރަޙައްދުގެ ޓޫރިޒަމް އިތުރަށް ވަރުގަދަކޮށް ތަރައްގީ ކުރުމާއި ވިޔަފާރިތަކަށް ވެސް ލުއި ފަސޭހަތައް ހޯދައިދިނުމުގެ ވެސް މަގުސަދުގައި،" ބަޔާނުގައިވެ އެވެ.

އެ ދަތުރުތައް ހުއްޓާލުމުން، އެ ސަރައްހަދުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގައި އިތުރު ދަތިތައް ކުރިމަތިވުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދަށާއި ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި ވެސް ސްރީލަންކަން އިން ވަނީ އައްޑޫ ދަތުރުތަކުން ގެއްލުންވާކަމަށް ބުނެ، ދަތުރުތައް ހުއްޓާލުމަށް މަސައްކަތްކޮށްފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ބަޔާނުގައިވާ ގޮތުން އޭރު އެކަން ހަމަޖެއްސީ، އެ އެއާލައިނަށް ގެއްލުން ނުވެ ދަތުރުތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމުގެ ޔަގީންކަން ދީގެންނެވެ.

އެގޮތުން އެކަން ކުރުމަށް ހުވަދޫ އާއި އައްޑުއާ ދޭތެރޭ މޯލްޑިވިއަންއިން ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ނިންމި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަން އެގޮތަށް ކޮށްފި ނަމަ ސްރީލަންކަންގެ ދަތުރުތައް ހުއްޓާނުލައި ކުރެވޭނެ ކަމުގެ ޔަގީންކަން އެ އެއާލައިނުން ވަނީ ސަރުކާރަށް ދީފައި ކަމަށް ވެސް ބުނެފައިވެ އެވެ.

"ވީމާ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވައި އިންތިޒާމުތައް ހަމަޖައްސަވާފައިވާ ގޮތަށް، ހުވަދު އާއި އައްޑޫ ސިޓީ ދޭތެރޭގެ ޑޮމެސްޓިކް ދަތުރުތައް ރާއްޖޭގެ ގައުމީ އެއާލައިން ފެށުމާއެކު، ކޮލޮމްބޯ އާއި ގަމާ ދޭތެރޭ ސްރީލަންކަން އެއަލައިންސް އިން ކުރަމުން ގެންދާ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެ އެވެ.

މީގެ ކުރިން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ބޭއްވި އެވެ. ނަމަވެސް ގެއްލުންވާ ކަމަށް ބުނެ އެ ކުންފުނިން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.