06 ޑިސެމްބަރ 2016
މިއީ އެންމެ ފުރަތަމަ ރާއްޖެ އާއި ދުނިޔެ ގުޅުވައިދިން ވައިގެ ބަނދަރެވެ؛ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެކި ތަންތަނަށް ދަތުރުކުރަން ސ. ގަމުގައި ހެދި ވައިގެ ބަނދަރަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެތަނުގެ ތަރައްގީއަށް ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.
މިއީ އެންމެ ފުރަތަމަ ރާއްޖެ އާއި ދުނިޔެ ގުޅުވައިދިން ވައިގެ ބަނދަރެވެ؛ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެކި ތަންތަނަށް ދަތުރުކުރަން ސ. ގަމުގައި ހެދި ވައިގެ ބަނދަރަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެތަނުގެ ތަރައްގީއަށް ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.
އިނގިރޭސިން ފޭބި ފަހުން އެ އެއާޕޯޓް ތަރައްގީކުރަން ހިންގި ހަމައެކަނި މަޝްރޫއަކީ 2000 ވަނަ އަހަރުގެ ކުރީކޮޅު ގަން އެއާޕޯޓްގެ އާ ޓާމިނަލް އެޅުމުގެ މަޝްރޫއު އެވެ. އޭރުވެސް އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ގަމުން ރާއްޖެ އިން ބޭރަށް ދަތުރުކުރެވޭނެ ގޮތެއް ހަމަޖެހުމެވެ.
އައްޑޫގެ ރައްޔިތުންގެ އުއްމީދުތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދެވޭތޯ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ލަގާން ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ގަން އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއެއް ހިންގުމަށް ފަހު އެތަނުގެ ނަން "ގަން އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރި އެވެ. ނަމަވެސް އެތަނުގެ ރަންވޭ އެކަށީގެންވާ މިންވަރަށް ވުރެ ކުޑަވުމުން ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ގަމަށް ސީދާ ދަތުރުތައް ކުރަން ޝައުގުވެރިއެއްނުވި އެވެ.
ގަން އެއާޕޯޓްގެ ނަން ބޯޑު އިންޓަނޭޝަނަލް ވިޔަސް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުނުވެ ދިގުލައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ އައްޑު އާއި ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމެވެ. ނަމަވެސް އައްޑޫގައި ބޮޑު ރިސޯޓު ހުޅުވުމާ އެކު ޗާޓަރު ބައެއް ދަތުރުތައް ޔޫރަޕުން ސީދާ ގަމަށް ފެށި އެވެ. އެކަމަކު އެއީ ހަމައެކަނި ޓޫރިސްޓުން އުފުލުމަށެވެ.
އައްޑޫގެ އިތުރުން ހުވަދު އަތޮޅުގައި ޓޫރިޒަމް މިހާރު އަންނަނީ ފުޅާވަމުންނެވެ. ގަން އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ބޮޑު މަޝްރޫއެއް ފަށަން ނިންމީ އެހެންވެ އެވެ. ނަމަވެސް ސަރުކާރަށް އެކަނި އެކަން ކުރެވޭނެ ގޮތެއް ނެތުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހިއްސާގެ 30 ޕަސެންޓް ކާސާ ހޮލްޑިން އިން ގަނެ، ގަމުގެ ރަންވޭ ބޮޑުކުރުމުގެ ބިޔަ މަޝްރޫއެއް 2012 ގައި ފަށައި ރަންވޭ ވަނީ 3،100 މީޓަރަށް ދިގުކޮށްފަ އެވެ.
ރަންވޭ ދިގުކުރުމުގެ ބޭނުމަކީ ބޮއިން 777 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް އެތަން ތަރައްގީކުރުމެވެ. ރަންވޭ ތަރައްގީކޮށް ނިމުމާ އެކު ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ސްރީލަންކަން އެއާލައިސުން މިހާރު ވަނީ ފަށައިފަ އެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓީއެމްއޭ އިން ހަމަ އެ ދުވަހު ހުވަދު އަތޮޅާއި ގަމާ ދެމެދު ވެސް ދަތުރުތައް ފެށި އެވެ.
ހަމާރީ ހަވޮއްޑާ ރިސޯޓު ބޭރުގައި ޓީއެމްއޭގެ ބޯޓެއް ޖައްސާފައި.
ރާއްޖެއަށް މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރަމުން އަންނަ އެއާލައިން އިން ގަމަށް ސީދާ ދަތުރުތައް ފެށުމަކީ ކުރިންސުރެ އޮތް އުއްމީދެކެވެ. އެ އެއާލައިންގެ ބޭނުމަކަށް ވެފައި އޮތީ އައްޑު އާއި ހުވަދޫގެ ރިސޯޓްތަކަށް ދަތުރުކުރާ ޓޫރިސްޓުން ސީދާ ގަމަށް ގެންދިއުމެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކަން އިން ދިރާސާތަކެއް މީގެ އަހަރުތަކެއް ކުރިން ފެށި އެވެ.
އެ ދިރާސާ އަށް ފަހު އެނގުނީ އެއީ ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވިދާނެ އޮޕަރޭޝަނެއް ކަމެވެ. އެގޮތުން އެއާލައިން އިން އަމާޒުކުރީ ދަތުރުކުރާ ޕެސެންޖަރުންގެ ތެރެއިން 50 ޕަސެންޓަކީ ޓޫރިސްޓުންނަށް ހެދުމަށެވެ. އަދި އޭގެ އިތުރުން 30 ޕަސެންޓަކީ އެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންނެވެ. ބާކީ 20 ޕަސެންޓަކީ ދިވެހިންނެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްކޮށްގެން ޑިސެމްބަރު ދެވަނަ ދުވަހު މިކަން މިފެށުނީ. އަޅުގަނޑުމެން އުއްމީދުކުރި ވަރަށް މިހާރު ވެސް ޕެސެންޖަރުން ލިބެމުން އެބަ ދޭ. ފުރަތަމަ ހަތަރު ދަތުރު ނިންމާލިއިރު ވަރަށް ކާމިޔާބު،" ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ފްލައިޓާއި މިއަދުގެ ފްލައިޓް އޮތީ ފަސިންޖަރުންނާއި ކާގޯ އިން ފުލްވެފައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ކޮޅަކަށް 80 މީހުން ލިބުނަސް އެންމެ ރަނގަޅު. ދެކުނު ހަތަރު އަތޮޅުގެ އާބާދީ އާއި އެ ސަރަހައްދުގައި ހުޅުވާފައިވާ ރިސޯޓްތަކަށް ބަލާއިރު އެކަށީގެންވާ ރަނގަޅު މިންވަރަކަށް ފަސިންޖަރުން ލިބޭނެ،" ފިރާގު ވިދާޅުވި އެވެ.
ސްރީލަންކަންގެ އެޖެންޓް އުއްމީދުކުރަނީ ކުރިޔަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ބޭނުންވާ މިންވަރަށް ފަސިންޖަރުންނާއި ކާގޯ ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިކަން އެކި ސަބަބުތަކާ ހެދި ފެށުން ލަސްވީމަ ޓޫރިސްޓުން ލިބުން މަދުވީ. އެއީ ޓޫރިސްޓުން ކުރިއާލައި އެއާލައިން އަދި ރިސޯޓް ބުކިން ހަދާތީ. އަޅުގަނޑުމެން މިހާރު ވެސް މި ބަލަނީ މާޗް މަހުން ފެށިގެން ދުވާލަކު ފްލައިޓެއް ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުކުރެވޭތޯ،" ފިރާގު ވިދާޅުވި އެވެ.
ސްރީލަންކަން އިން ވަނީ ދެކުނު ސަރަހައްދުގެ ޓޫރިޒަމް އިތުރަށް އިސްތިހާރުކުރުމަށް ބޭރުގެ އޮޕަރޭޓަރުންނާ ގުޅިގެން ވަރުގަދަ ކެމްޕޭނެއް ފަށަން ނިންމައިފަ އެވެ. އެގޮތުން އަންނަ ޖެނުއަރީ މަހު އޭޝިއާގެ ޓުއާ އޮޕަރޭޓަރުންތަކެއް ގަމަށް ގެންދާނެ އެވެ.
ފިރާގު ވިދާޅުވި ގޮތުގައި ގަމަށް ދަތުރުތައް ފެށިއިރު ދިމާވެފަައިވާ އެންމެ ބޮޑު މައްސަލައަކީ ވޯކް ވިސާގައި ތިބި ބިދޭސީންނަށް ގަމުން ކޮލަމްބޯއަށް ދަތުރުނުކުރެވުމެވެ.
"ވޯކް ވިސާ ހޮލްޑަރުންނަށް މިވަގުތު ދަތުރެއް ނުކުރެވޭ. އައްޑު އާއި ފުވައްމުލަކުގައި މިވަގުތު 1،000 ސްރީ ލަންކާ މީހުން އެބަ އުޅޭ. އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މާކެޓެއް. އެ ސަރަހައްދުގެ ރިސޯޓްތަކުގައި މަަސައްކަތްކުރާ ލަންކާގެ ބައެއް މީހުން ބޭނުންވޭ ހަފުތާ ބަންދާ ދިމާކޮށް ވެސް ދަތުރުކުރަން. އެކަމަކު މިހާރު އެ ފުރުސަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ދަތުރުތައް ފެށިއިރު ޓިކެޓްގެ އަގު މާލެއިން ވިއްކާ އަގަށް ވުރެ ބޮޑުވުމަކީ އައްޑޫގެ ބައެއް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ. ނަމަވެސް އިނަ މޯލްޑިވްސް އިން ބުނަނީ އަގު ބޮޑު ނޫން ކަމަށެވެ. އަދި ލޯޑް އިތުރުވަމުންދާ މިންވަރަކުން އަގުތައް ތިރިކުރަން މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ޓިކެޓްގެ އަގުތައް މިވަގުތު މިއުޅެނީ 330 ޑޮލަރުން ފެށިގެން. ނަމަވެސް ލޯޑު އިތުރުވަމުންދާ މިންވަރަކުން އަގު ހެޔޮ ފެއާތައް ވެސް ތައާރަފްކުރަން މަސައްކަތްކުރާނަން. މިހާރު ވެސް ކޮލަމްބޯ ފިޔަވައި އެހެން ސެކްޓާތަކަށް ޓިކެޓް މި ވިއްކަނީ މާލެއިން ފުރާއިރު ވެސް ވިއްކާ އަގުގައި،" ފިރާގު ވިދާޅުވި އެވެ.
އިނަ މޯލްޑިވްސް އިން ދެކޭ ގޮތުގައި ސްރީލަންކަންގެ ދަތުރުތައް ގަމަށް ފެށުމުން އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިންނަށް މުދާ އުފުލަން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ.
އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްކޮށްގެން ޑިސެމްބަރު ދެވަނަ ދުވަހު މިކަން މިފެށުނީ. އަޅުގަނޑުމެން އުއްމީދުކުރި ވަރަށް މިހާރު ވެސް ޕެސެންޖަރުން ލިބެމުން އެބަދޭ. ފުރަތަމަ ހަތަރު ދަތުރު ނިންމާލިއިރު ވަރަށް ކާމިޔާބު، ފިރާގު
"ދުވަސްކޮޅަކުން ފެނިދާނެ ބެންކޮކުން ޓީވީ ގެންގޮސްގެން ވިއްކާ އައްޑޫގައި ވިއްކާ ތަން. މިހާރު ވެސް ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތައް މަދުމަދުން ދަނީ ހުޅުވަމުން. މިހާރު ވެސް ވިޔަފާރިވެރިންނަށް މިވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައި،" ފިރާގު ވިދާޅުވި އެވެ.
ފުވައްމަލަކުގެ ވިޔަފާރިވެރިއަކު ބުނީ ފުވައްމުލަކުން މާލެ އައިސް ކޮލަމްބޯ ނުވަތަ ބެންކޮކަށް ދާން ކުރާ ހަރަދަށް ވުރެ ގަމުން ކޮލަމްބޯ ނުވަތަ ބެންކޮކަށް ދަތުރުކުރަން ކުރާ ހަރަދު މިހާރު ކުޑަ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އުއްމީދުކުރި ކަމެއް ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުމަކީ. މިހާރު އަޅުގަނޑުމެން އަތުން މާލެ ދާން ކޮޅަކަށް މަދުވެގެން 1،350ރ. އެބަ ހަރަދުވޭ. އޭގެ އިތުރުން ކޮލަމްބޯއަށް ދެކޮޅަށް 250 ޑޮލަރު ހަރަދުވާއިރު ފުވައްމުލަކާއި މާލެއާ ދެމެދު ދެކޮޅަށް 180 ވަރަކަށް ޑޮލަރު ހޭދަކުރަން ޖެހޭ. ނަމަވެސް މިހާރު ގަމަށް ދިއުމަށް ފަހު ކޮލަމްބޯ އަށް ދާން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ވަނީ ހެޔޮވެފައި،" އޭނާ ބުންޏެވެ.
އިނަ މޯލްޑިވްސް އިން މިހާރު ދަނީ ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ޑުބާއީގެ ދަތުރުތައް ވެސް ގަމަށް ފަށަން މަސައްކަތްކުރަމުންނެވެ.
"ފްލައި ޑުބާއީން ވެސް އެބަ އޮތް ޝައުގުވެރިކަން ފާޅުކޮށްފައި. އެ އެއާލައިނުން ވެސް ދަނީ އަންނަ ސަމާގައި ދަތުރުތައް ފެށޭތޯ. އެ މީހުން ވެސް ބުނެފައި ވަނީ އެއް ބަޔަކު ފަށައިފިއްޔާ ތިމަންނަމެން ވެސް ފަށާނަމޭ،" ފިރާގު ވިދާޅުވި އެވެ.
ގަން އެއާޕޯޓްގެ ރަންވޭ ނިމެންވާއިރަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވެސް އޮތީ ގަމާއި ހުވަދު އަތޮޅުގެ ރިސޯޓްތަކާ ދެމެދު ދަތުރުތައް ފަށަން ފިޔަގަނޑު ހުޅުވާލައިގެންނެވެ. ޓީއެމްއޭ އަކީ ގަން ތަރައްގީކުރި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ އެއް ހިސާދާރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ކުންފުންޏެވެ.
އޭއައިއޭ އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ގަމުގެ ސީ ޕްލޭން ބޭސްގައި މަޑުކޮށްފައި އޮތް ސީޕްލޭނެއް: ޓީއެމްއޭ އިން މިހާރު ވަނީ ގަމާއި ހުވަދުއާ ދެމެދު ދަތުރުތައް ފަށާފައި. ފޮޓޯ: ޓީއެމްއޭ
ޓީއެމްއޭ އިން އައްޑު އާއި ހުވަދުއާ ދެމެދު ދަތުރުތައް ކުރަން 15 މީހުންގެ ޖާގައިގެ ބޯޓެއް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރަކުން އިތުރު ބޯޓުތައް ގަމަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.
"އަޅުގަނޑުމެންނަށް މިވަގުތު އެއް ބޯޓުން ފުދޭ. ޓޫރިސްޓުން އުފުލުމުގެ އިތުރުން ފޮޓޯ ފްލައިޓާއި އެކްސްކާޝަން ދަތުރުތައް ވެސް އަޅުގަނޑުމެން ކޮށްދެން،" ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ. ގަން އެއާޕޯޓް އަލުން ތަރައްގީކުރި އިރު ސީޕްލޭނަށް ހާއްސަ ބައެއް ވެސް ވަނީ ހަދައިފަ އެވެ.
"އަޅުގަނޑުމެން ވަރަށް ބޭނުންވި ކަމެއް ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމަކީ. ކުރިޔަށް އޮތް ތަނުގައި އައްޑޫ އަދި ހުވަދުއަށް ވެސް އަންނަ ޓޫރިސްޓުން ބޭނުންކުރާނީ އެ ރޫޓު،" އޭނާ ވިދާޅުވި އެވެ.
ގަމުން މިހާރު މި ފެންނަ މަންޒަރަކީ އެ ސަރަހައްދުގެ ރައްޔިތުން މީގެ އެތައް އަހަރެއް ކުރިން ވެސް ދުށް ހުވަފެން ހަގީގަތަކަށް ވަމުން އަންނަ ތަނެވެ. އެ ދަތުރުގެ ކާމިޔާބުވުން ވަރަށް މުހިންމެވެ.
ސްރީލަންކަންގެ އައްޑޫ ދަތުރުތައް ނުހުއްޓޭނެ: އަސްލަމް
ގަމަށް ސްރީލަންކަން އަލުން ދަތުރުކުރާނެކަން ޔަގީނެއްނޫން
އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި
އިތުރު އެއާލައިނެއްގެ ދަތުރު އަންނަ އަހަރު އައްޑު އަށް
ޓީއެމްއޭ އިން އައްޑޫގައި ސީ ޕްލޭން އޮޕަރޭޝަން ފަށައިފި
ލޯބީގެ ސިޓީތަކުން ފެށުނު ގުޅުމުން ބަދަލުވީ ދިވެއްސަކަށް
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ފެށުން ޑިސެމްބަރަށް
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ސްރީ ލަންކާއިން ގަމަށް ސީދާ ދަތުރުތައް ނޮވެމްބަރުގައި
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ