25 ފެބުރުއަރީ 2022
އިނގިރޭސި ވިލާތު މީހެއް ކަމަށްވާ މެރިއެން ހާޓިގަން (މަރިއަން) އެންމެ ފުރަތަމަ އައީ 1986 ވަނަ އަހަރު އޭނާގެ ފިރިމީހާ އެލެން ހާޓިގަންއާ އެކުގަ އެވެ. އޭނާއަށް ވެސް ވީ ގޮތަކީ އެހެން ޓޫރިސްޓުންނެކޭ އެއްގޮތަށް ރާއްޖޭގެ ރީތިކަން ފެނި ރާއްޖެއަށް ހިތް ދެވުނީ އެވެ.
އިނގިރޭސި ވިލާތު މީހެއް ކަމަށްވާ މެރިއެން ހާޓިގަން (މަރިއަން) އެންމެ ފުރަތަމަ އައީ 1986 ވަނަ އަހަރު އޭނާގެ ފިރިމީހާ އެލެން ހާޓިގަންއާ އެކުގަ އެވެ. އޭނާއަށް ވެސް ވީ ގޮތަކީ އެހެން ޓޫރިސްޓުންނެކޭ އެއްގޮތަށް ރާއްޖޭގެ ރީތިކަން ފެނި ރާއްޖެއަށް ހިތް ދެވުނީ އެވެ.
މިހާރު އުމުރުން 73 އަހަރުގެ މަރިއަން އައްޑައަށް ކުރި ފުރަތަމަ ދަތުރަށް ފަހު އުފެދުނު ގުޅުމަށް މެދުކެނޑުމެއް ނާދެ އެވެ. އޭނާގެ ފިރިމީހާ (އޭރުގެ ލޯބިވެރިޔާ) އަކީ 1971 ވަނަ އަހަރު ގަމުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސްގެ މީހުން ތިބި އިރު އެއާ ޓްރެފިކް ކޮންޓްރޯލާއެއްގެ ވަޒީފާ އަދާކުރި މީހެކެވެ. މަރިއަން އަށް އެންމެ ފުރަތަމަ ރާއްޖޭގެ ރީތިކަމުގެ ވާހަކަ ކިޔައިދިނީ ލޯބިވެރިޔާގެ ސިޓީތަކުގަ އެވެ.
ރާއްޖެއާ ބެހޭ ގޮތުން ލޯބިވެރިޔާ ކިޔައިދެމުން ދިޔަ ވާހަކަތަކަށް ފަހު ރާއްޖެއަށް މަރިއަން ކުރި ފުރަތަމަ ދަތުރުގައި ވެސް ދިމާވީ އުފާވެރި އިއްތިފާގުތަކެކެވެ. ދެމަފިރިންގެ ގޮތުގައި ރާއްޖެ އައިސް ހުރި، ގަމުގެ އޯޝަން ރީފް (މިހާރުގެ އީކުއޭޓާ ވިލެޖު) އިން ލިބުނީ 101 ނަންބަރު ކޮޓަރި އެވެ. އެއީ އެތަނުގައި ރޯޔަލް އެއާފޯސް އޮތް އިރު އެލެން ހުރި ކޮޓަރި އެވެ.
މަރިއަން ބުނީ އޭނާގެ ނަމުގެ ފަހަތުގައި ވެސް "ގަން" އޮންނަ ކަމަށާއި އެކަން ވެސް ފާހަގަކުރެވުނީ ރާއްޖެ އައުމުން ކަމަށެވެ. އޭނާ އަށް ވިސްނުނީ މިއީ ރާއްޖެއާ އޮތް ގުޅުން ވަރުގަދަ ކަމުގެ ނިޝާނެއްގެ ގޮތުގަ އެވެ.
"އަހަރެންގެ ފިރިމީހާ ހުރީ ރޫމް 101 ގައި. އަހަރުމެން ކައިވެނިކޮށްގެން އައި ފުރަތަމަ ދަތުރުގައި އިއްތިފާގުން ހަމަ ލިބުނީ އެ ކޮޓަރި. އޭގެ ފަހުން އަހަރެން އަބަދުވެސް އައިސް ތިބެނީ އެ ކޮޓަރީގައި،" މަރިއަން ބުންޏެވެ.
މަރިއަން، އޭނާ އާއި އޭނާގެ ފިރިމީހާ އެންމެ ފުރަތަމަ ރާއްޖެ އައިސް ތިބި ކޮޓަރީގެ ބޭރުގައި: އޭނާ ގަމަށްދާ ކޮންމެ ފަހަރަކު ހުންނަނީ މި ކޮޓަރީގައި-- ފޮޓޯ: މިހާރު
މަރިއަން ރާއްޖެއަށް އައި އަދަދެއް ވެސް އޭނާއަށް ވެސް ކުއްލިއަކަށް ބުނެދޭކަށް ނޭނގެ އެވެ. އޭނާ ބުނި ގޮތުގައި 1986 ވަނަ އަހަރުން ފެށިގެން 2005 އާ ހަމައަށް ކޮންމެ އަހަރަކު އެ ދެމަފިރިން ރާއްޖެ އައިސްފައި ވާނެ އެވެ. އެކަމަކު އޭގެ ފަހުން ދިމާވި އެކްސިޑެންޓެއްގައި 2006 ވަނަ އަހަރު ފިރިމީހާ މަރުވުމުން އޭނާގެ ހަދާންތަކާ އެކު ކޮންމެ އަހަރަކު، ތިންމަހުން ތިންމަހުން ރާއްޖެއަށް އަންނަ ކަމަށް އޭނާ ބުންޏެވެ.
ފިރިމީހާ ވަކިވިޔަސް ރާއްޖޭގައި މަރިއަންއަށް އޭނާގެ ފިރިމީހާއާ އެކު ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކުރެވެ އެވެ.
"ރާއްޖެއަށް އައުމުން ފިރިމީހާ ކައިރީގައި ހުންނަ ފަދަ އިހުސާސެއް ކުރެވޭ. ދެމީހުން އެކުގައި ހޭދަ ކުރި ވަގުތުތައް ހަނދާން އާވޭ. އެހެންވެ، މިހާރު ވެސް އަހަރެން ގަމަށް އައިސް ރޫމް 101 އެއީ އަހަރެންގެ ކޮޓަރި،"
މިހާތަނަށް މަރިއަން އެތައް ފަހަރަކު ގަމަށް ގޮސްފައިވާއިރު އައްޑޫގެ ގިނަ ބަޔަކު އޭނާ ބަލައިގެންފައިވަނީ އައްޑޫގެ ރައްޔިތެއްގެ ގޮތުގަ އެވެ. އޭނާ ވެސް ގަބޫލުކުރަނީ އެހެންނެވެ.
ރޯޔަލް އެއާފޯސްގެ ދުވަސްވަރު އެލެންގެ "ވޮޝާ" (އަންނައުނު ދޮންނަ މީހުން) ގެ ގޮތުގައި މަސައްކަތް ކުރި ގަމު މީހާގެ އާއިލާއާ އަދިވެސް މަރިއަންގެ ގުޅުން އޮވެ އެވެ. އެ އާއިލާ އަކީ އަމިއްލަ އާއިލާގެ ގޮތުގައި އޭނާ ދެކޭއިރު އެ ގޭގެ އެންމެ ހަގު ފިރިހެން ކުއްޖާއަށް ނަން ދީފައިވަނީ ވެސް މަރިއަންގެ ފިރިހިމީހާ، އެލެންގެ ނަމުންނެވެ.
"އެއީ ހަމަ އަހަރެންގެ އަމިއްލަ އާއިލާ މިހާރު. އަހަރެންގެ ދަރިންނާއި މާމަ ދަރިން. އެ އާއިލާއާ ގުޅުން ބަދަހިކުރުމުން އެނގުނީ އެގޭގެ ބައްޕައަކީ ވެސް ރޯޔަލް އެއާ ފޯސްގައި އަހަރެންގެ ފިރިމީހާއާ އެކު މަސައްކަތްކުރި މީހެއްކަން،" މަރިއަން ބުންޏެވެ.
މަރިއަން އޭނާއާ ރާއްޖެއާ އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަނީ. -- ފޮޓޯ: މިހާރު
މަރިއަންގެ އަސްލު ނަމަކީ މެރިއެން ނަމަވެސް އޭނާއަށް މަރިއަން ކިޔަން ފެށީ ދިވެހިންނަށް ފަސޭހައިން ކިޔޭ ގޮތަށެވެ. ގަމުގެ ގިނަ މީހުންނަށް އޭނާ އެނގޭނީ މަރިއަންގެ ގޮތުގަ އެވެ. އޭނާ ވެސް އެދެނީ ދިވެހިން އެގޮތަށް އޭނާއާ މުހާތަބު ކުރާށެވެ.
ރާއްޖެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މަރިއަން ވަނީ ދިވެހި ބަސް ވެސް ދަސްކޮށްފަ އެވެ. އޭނާއަށް ބައެއް ބަސްތައް ރަނގަޅަށް ކިޔަން ނޭނގުނަސް ދިވެހިން ލިޔަން ކިޔަން އެނގެ އެވެ.
"އަހަރެންގެ އެކްސެންޓް ހުންނަ ގޮތުން ބުޅާ ކަހަލަ ބަސްތައް ކިޔަން އުދަނގޫ. އެހެން އަރެން ކިޔައިފިއްޔާ މާމަދަރިން މާމަ ތިކިޔަނީ ބްލާ ބްލާއޭ ކިޔާ މަޖާ ވެސް ކުރާނެ. އަހަންނަށް އެކަމަކު ލިޔަން ވެސް އެނގޭނެ ލިޔެފައި ހުންނައިރު ކިޔަންވެސް އެނގޭނެ،" ދިވެހި އާއިލާއާ އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަމުން މަރިއަން ބުންޏެވެ.
މަރިއަން އަންނަނީ ދަނޑުވެރިކަމާއި ނިއުޓްރިޝަނާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއިން ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. ދެކުނުގެ ބައެއް ރަށްތަކުގައި އޭނާ މަސައްކަތް ކުރި ނަމަވެސް ބޮޑަށް ދިރިއުޅެނީ ގަމުގަ އެވެ.
އައްޑޫގެ ތާރީހާއި ސަގާފަތާ ގުޅުންހުރި ގިނަ ކަންކަންވެސް މަރިއަން އަށް އެނގެ އެވެ.
މަރިއަން ގަބޫލުކުރަނީ އޭނާއަކީ އެހެން ގައުމަކަށް އުފަންވިޔަސް ދިވެއްސެއް ކަމަށެވެ. އޭނާ އެދެނީ ރާއްޖޭގެ ސަގާފަތާއި ތާރީހު ދަމަހައްޓާށެވެ.
"އަހަންނަނީ 'ސްޕްރިޗުއަލީ' ދިވެއްސެއް. އަހަރެން މި ގައުމު ދެކެ، ދިވެހިން ދެކެ ވަރަށް ލޯބިވޭ،" މަރިއަން ބުންޏެވެ.
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
ގަން އެއާޕޯޓްގައި 35 ޖެޓް؛ މިއަހަރު ރެކޯޑް ހަދާނެ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
ސަދަން އެކްސްޕޯ ހުޅުއްވައި ދެއްވާނީ ނަޝީދު
ސަދަން މޯލްޑިވްސް އެކްސްޕޯ އަންނަ މަހު އައްޑޫގައި
އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި
ގަމުގެ ދޫގަސް ތަރައްގީކޮށް އަލުން ހުޅުވަނީ
ގަމަށް ބޭރުގެ އެއާލައިންތައް ވަރަށް މުހިއްމު: އަލްވިން
އިތުރު އެއާލައިނެއްގެ ދަތުރު އަންނަ އަހަރު އައްޑު އަށް
ދޫގަސް، އެމްޕީއެލްއާ ވަރަށް އަވަހަށް ހަވާލު ކުރަނީ