Roadha Mihaaru
އިތުރު އެއާލައިނެއްގެ ދަތުރު އަންނަ އަހަރު އައްޑު އަށް

ބޭރުގެ އިތުރު އެއާލައިނެއްގެ ދަތުރުތައް އަންނަ އަހަރު އައްޑު އަށް ފަށަނީ

22 އެޕްރީލް 2017

މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނޭ ގޮތަށް އަންނަ އަހަރުގެ ތެރޭގައި އައްޑޫ ގަން އިންޓެނަޝަނަލް އެއާޕޯޓަށް އިތުރު އެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް އިނަ މޯލްޑިވްސްގެ ޗެއާމަން މުހައްމަދު ފިރާގް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނޭ ގޮތަށް އަންނަ އަހަރުގެ ތެރޭގައި އައްޑޫ ގަން އިންޓެނަޝަނަލް އެއާޕޯޓަށް އިތުރު އެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް އިނަ މޯލްޑިވްސްގެ ޗެއާމަން މުހައްމަދު ފިރާގް މިއަދު ވިދާޅުވެއްޖެ އެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގައި މިއަދު ފެށި، އައްޑޫ އިންވެސްޓާސް ފޯރަމްގައި ފިރާގް ވިދާޅުވީ އައްޑުއަކީ ޓޫރިސްޓުންގެ މާކެޓް އޮތް ތަނެއް ކަމަށެވެ.

އެގޮތުން އައްޑޫގައި ޓޫރިޒަމް ފުޅާވެގެން އަންނަ އިރު، އިތުރު އެއާލައިންތަކުން ގަމަށް ދަތުރުތައް އޮޕަރޭޓް ކުރުމަކީ ވަރަށް ފީޒިބަލް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިނަ މޯލްޑިވްސްގެ ދަށުން ހިންގާ އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ އެޖެންޓްކަމުގެ ދަށުން މިދިޔަ އަހަރުން ފެށިގެން އަންނަނީ ސްރީ ލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ވެސް މިހާރު ގަމަށް ބާއްވަމުންނެވެ.

"އަޅުގަނޑު ޔަގީންކޮށްދޭން ބޭނުން އައްޑޫގެ ލޮބުވެތި ރައްޔިތުންނަށް މި އަންނަ އަހަރުގެ މާޗް ހިސާބުގައި އިތުރު އެއާލައިނެއް މެދު އިރުމައްޗާއި ޔޫރަޕް ގުޅޭ ގޮތަށް އައްޑު އަށް ދަތުރުތައް ފަށާނެ ވާހަކަ،" ފިރާގް ވިދާޅުވި އެވެ. "އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އިތުރަށް ހުޅުވިގެން ދާނެ ދޮރެއް. އަދި އައްޑޫގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް."

އެހެން ނަމަވެސް އެ ދަތުރުތައް ގަމަށް ކުރާނީ ކޮން އެއާލައިނަކުން ކަމެއް ފިރާގް މިއަދު ވިދާޅެއް ނުވެ އެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގައި މިއަދު ފެށި އައްޑޫ އިންވެސްޓާސް ފޯރަމް --. ފޮޓޯ: ކިޔުންތެރިއެއް

ގަމުގެ އީކްއޭޓަ ވިލެޖްގައި މިއަދު ފެށި އައްޑޫ އިންވެސްޓާސް ފޯރަމް --. ފޮޓޯ: ކިޔުންތެރިއެއް

ފިރާގް ވިދާޅުވީ ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެ އަށް ބާއްވަން އިނަ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ވެސް ލިބެމުން އަންނަ ކަމަށެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ވެސް ބުނެފައިވާ ގޮތުގައި ކުރިއަށް ގަމަށް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ޝައުގުވެރިކަން ބޭރުގެ ބައެއް އެއާލައިންތަކުން މީގެ ކުރިން ވެސް ފާޅުކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ގިނަ އެއާލައިންތަކުގެ އޮޕަރޭޝަންތައް އައްޑު އަށް ފަށަން ބަލާ އިރު، މިހާރަށް ވުރެ ބޮޑަށް ޓޫރިޒަމް ދާއިރާ އައްޑޫގައި ފުޅާކޮށް، އެނދު އިތުރު ކުރުމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ.

އައްޑޫގައި އެއް ދުވަހުގެ މުއްދަތަށް މިއަދު ފެށި އިސްވެސްޓާސް ފޯރަމް ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މި ފޯރަމްގައި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންނާއި ފައިނޭންޝަލް ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެ އެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގައި މިއަދު ފެށި އައްޑޫ އިންވެސްޓާސް ފޯރަމްގެ ތެރެއިން. ފޮޓޯ: ކިޔުންތެރިއެއް

ގަމުގެ އީކްއޭޓަ ވިލެޖްގައި މިއަދު ފެށި އައްޑޫ އިންވެސްޓާސް ފޯރަމްގެ ތެރެއިން. ފޮޓޯ: ކިޔުންތެރިއެއް

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމްކޮށްގެން ފެށި މި ފޯރަމްގެ ބޭނުމަކީ މެދުފަންތީގެ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދުފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާ ކުރެވޭނެ ގޮތްތައް ފަހި ކުރުމެވެ.

އެގޮތުން ސަރުކާރުގެ އަމާޒަކީ އައްޑޫގައި 3،000 ގެސްޓް ހައުސް އެނދު ތަރައްގީ ކުރުމެވެ.