Roadha Mihaaru
ލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

ކޮވިޑް-19: ލަންކާގައި ތިބި ދިވެހިން ގެންނަން ފްލައިޓެއް ބާއްވަނީ

24 މާޗް 2020

ސްރީ ލަންކާގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެންނަން ޗާޓަރު ފްލައިޓެއް ބާއްވަން އިނަ މޯލްޑިވްސް އިން ނިންމައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސްރީ ލަންކާގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެންނަން ޗާޓަރު ފްލައިޓެއް ބާއްވަން އިނަ މޯލްޑިވްސް އިން ނިންމައިފި އެވެ.

ލަންކާގައި ވެސް ކޮރޯނާވައިރަސް ފެތުރި ހާލަތު އިތުރަށް ގޯސްވަމުންދާތީ އެ ގައުމުގައި ކާފިއު އިއުލާންކޮށް، ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އެގޮތަށް ނިންމިއިރު، ގިނަ އަދަދެއްގެ ދިވެހިންތަކެއް ލަންކާ އިން ރާއްޖެ ނާދެވި ވަނީ ތާށިވެފަ އެވެ.

ދިވެހިންގެ ދެވަނަ "އަވަށެއްގެ" ގޮތުގައި ބަލަމުން އަންނަ ލަންކާގައި ކޮވިޑް-19 އަށް 97 މީހަކު ޕޮޒިޓިވްވެ، ދެ މީހަކު ވަނީ ރަނގަޅުވެފަ އެވެ.

ސްރީ ލަންކަން އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "މިހާރު" އަށް މިއަދު ވިދާޅުވީ، ލަންކާގައި ތިބި ގިނަ ދިވެހިންތަކެއް ރާއްޖެ އަންނަން އެދެމުން އަންނަ ކަމަށެވެ.

ޚާއްސަކޮށް ލަންކާގެ މިހާރުގެ ހާލަތަށް ބަލައި، ރާއްޖެ އަންނަން ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށް ފިރާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މިހާރު އަންނީ ކުރަމުންނެވެ. އެކަމަކު، އެކަމުގައި ނަތީޖާއެއް ނެރެވެން މިހާރުގެ ހާލަތުގެ ގޮތުން، ދިވެހި ސަރުކާރާއި ލަންކާގެ ސަރުކާރާ ވެސް މަޝްވަރާކޮށް، ހުއްދަ ލިބިގެން ކަމަށް ފިރާގް ވިދާޅުވި އެވެ.

އެހެންވެ، މިހާރު ހުއްދަ އަށް އެދިފައިވާ ކަމަަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ލަންކާގައި ތިބި ދިވެހިން އަނބުރާ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގް ލަފާކުރައްވަނީ އަންނަ ހުކުރު ހިސާބުގައި ރާއްޖެ އާއި ލަންކާއާ ދެމެދު މަތިންދާބޯޓެއް ބޭއްވޭވަރުވާނެ ކަމަށެވެ.

މުޅި ދުނިޔެ އަށް ކޮރޯނާވައިރަސް ފެތުރި، ބަލިމަޑުކަމެއްގައި އެތައް މިލިއަން ބަޔަކު އުޅޭއިރު، އެހެން ގައުމުތަކުގައި ވެސް ވަރަށް ގިނަ ދިވެހިންތަކެއް ރާއްޖެ ނާދެވި ތާށިވެފައި އެބަތިއްބެވެ. އެހެންވެ، އެކިއެކި މިޝަންތަކުގައި ރަޖިސްޓަރީ ވުމަށް ދިވެހި ސަރުކާރުން އަންނަނީ އެ މީހުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ބޭރުގައި ތިބި ދިވެހިންގެ ހާލަތު ބަލައި، ފުރަތަމަ މަސައްކަތް ކުރާނީ އެ ގައުމެއްގައި ބައިތިއްބަައިގެން ސަލާމަތްކަން ހޯދައިދިނުމަށް ކަމަށާއި ރާއްޖެ ގެންނާނީ އެފަދަ މަގެއް ނެތް ނަމަ ކަމަށެވެ. އަދި އެއާޕޯޓަކަށް ބައި ބޯވެ ދަތުރެއް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމުން އެބަޔަކު ތިބި ގައުމެއްގައި ހާލަތު މާ ގޯސް ނޫން ނަމަ އެތަ ނެއްގައި މަޑުކުރަން ސަރުކާރުން އަންނަނީ އިރުޝާދު ދެމުންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ފިޔަވައި އެހެން ހުރިހާ އެންމެން މިހާރު އަންނަަނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަމުންނެވެ.

ރާއްޖެ އިން 13 މީހަކަށް ކޮވިޑް ޖެހުނުއިރު އޭގެ ތެރެއިން މިހާތަނަށް ރަނގަޅު ވެފައި ވަނީ ފަސް މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓުން އެ ބަލި ޖެހުނު ފަސް މީހުންގެ ތެރެއިން ތިން މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ އިޓަލީގެ ދެމަފިރިންނެވެ. އެއްވެސް ދިވެއްސަކަށް އެ ބަލި މިހާތަނަކަށް ނުޖެހެ އެވެ.