Roadha Mihaaru
ސްރީ ލަންކާގެ ލޮކްޑައުން އަނެއްކާވެސް އިތުރުކޮށްފި

ސްރީ ލަންކާގެ ލޮކްޑައުން އަނެއްކާވެސް އިތުރުކޮށްފި

03 ސެޕްޓެމްބަރ 2021

ސްރީލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާތީ އެ ގައުމުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް މިއަދު އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާތީ އެ ގައުމުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް މިއަދު އިތުރުކޮށްފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ވަނީ ލޮކްޑައުންކޮށްފަ އެވެ. އޭރު އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަންނަ ހަފުތާގައި ހަމަވާނެ އެވެ.

ލަންކާ ސަރުކާރުން މިއަދު ވަނީ ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް ހަފުތާއަކަށް އިތުރުކުރަން ނިންމައިފަ އެވެ.

މީގެ އިތުރުން، ލަންކާގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުންގެ ވިސާގެ މުއްދަތު ވެސް 30 ދުވަހަށް އާކޮށްދޭން އެ ގައުމުން މިހާރު ވަނީ ނިންމައިފަ އެވެ. އެހެންވެ، ވިސާގެ މުއްދަތު ހަމަވިޔަސް، އަންނަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރު ފީއަކާނުލައި އެ ވިސާގެ ދަށުން އެ ގައުމުގައި ތިބެވޭނެ ކަމަށް ލަންކާ ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.

ލަންކާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، އެ ބަލީގައި ދުވާލަކު މަރުވާ މީހުންގެ އަދަދު 200 އަށް ވަނީ އަރައިފަ އެވެ. އަދި ލޮކްޑައުންގެ ސަބަބުން ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ ސަރުކާރުން ވަނީ ބައެއް ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފަ އެވެ.