Roadha Mihaaru
ލަންކާއިން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

ލަންކާއިން ވެސް ކޮރޯނާ ވައިރަސް ފެނިއްޖެ

27 ޖެނުއަރީ 2020

ޗައިިނާގެ ވުހާންއިން ފެނުނު ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް އަވަށްޓެރި ސްރީލަންކާއިން ވެސް ފެނިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިިނާގެ ވުހާންއިން ފެނުނު ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް އަވަށްޓެރި ސްރީލަންކާއިން ވެސް ފެނިއްޖެ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އެ ގައުމުގައި މިއަދު ފުރަތަމަ ފަހަރަށް މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާ އެކު އާއްމު ސިއްހަތަށް ރައްކާތެރި ވުމަށާއި މާބޮޑަށް ކަންބޮޑުނުވުމަށް ލަންކާ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.

ލަންކާގެ ނޫސްވެރިއަކު ޓްވިޓާގައި ބުނެފައިވާ ގޮތުގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވީ ޗައިނާގެ ހުބޭ ޕްރޮވިންސުން އެ ގައުމަށް ދިޔަ ޗައިނާ އަންހެނެއް ކަަމަށެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ދަތުރުކުރާ ގައުމެކެވެ.

ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން ފެނުނު ނޮވެލް ކޮރޯނާ ވައިރަސް މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ވައިރަސް ފެތުރެމުންދާލެއް އަވަސްކަމުން ޗައިނާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑު ހާސްކަމެއް އުފެދިފަ އެވެ. ވައިރަސް ފެތުރޭތީ ޗައިނާގެ 12 ވަރަކަށް ރަށް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ރަށްތަކުގައި 50 މިލިޔަނަށް ވުރެ ގިނަ މީހުން ކަރަންޓީނު ވެފައި އެބަ ތިއްބެވެ.

ކޮރޯނާ ވައިރަސް ފެތުރޭލެއް ހަލުވިކަމުން، ޗައިނާ މީހުން ދަތުރުކުރުން ވެސް ބައެެއް ގައުމުތަކުން މިހާރު ވަނީ މަނާކުރަން ފަށާފަ އެވެ.

ކޮރޯނާ ވައިރަސް އިން ޖެހޭ ރޯގާގައި ފުރަތަ އަލާމާތަކީ ހުން އައުމެވެ. ނޭފަތް ބެދުމާއި ކެއްސުންއަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް އެއަށް ފަހު ފެނެ އެވެ.