Roadha Mihaaru
އައްޑޫގެ ދަތުރުތައް ހުއްޓާލަނީ ގެއްލުންވާތީ: ފިރާގު

އައްޑޫގެ ދަތުރުތައް ސްރީލަންކަން އިން ހުއްޓާލަނީ ގެއްލުންވާތީ: ފިރާގު

21 ޖޫން 2020

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންއިން ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލަނީ، ހަމައެކަނި އައްޑުއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް، އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީލަންކަންއިން ކުރަމުން އައި ޝެޑިއުލް ދަތުރުތައް ހުއްޓާލަނީ، ހަމައެކަނި އައްޑުއަށް ދަތުރުކޮށްގެން ގެއްލުންވާތީ ކަމަށް، އެ އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭނާ އެހެން ވިދާޅުވީ، އައްޑޫ ދަތުރުތައް ހުއްޓާލާތީ އެ ސިޓީގެ އާންމުންގެ މެދުގައި އޮތް ކަންބޮޑުވުމާ ގުޅިގެން މަޖިލިހުގެ ފަސް މެމްބަރަކު، ފިރާގުގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ފަރްޒާން ފަރީދުއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހިތަދޫ މެދު ދާއިރާގެ އަހުމަދު ރަޝީދު (ޗެކްމާކް) އާއި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބާއި ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލާއި ފޭދޫ ދާއިރާގެ މުހައްމަދު ނިހާދު އަދި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ.

ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ފިރާގު ކުރެއްވި ޓްވީޓް

ފިރާގު ވިދާޅުވީ ސްރީލަންކަންއިން ގަމަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފެށޭނެ ކަމުގެ ޔަގީންކަން ނެތީ އެ ދަތުރުތަކުގެ ޑިމާންޑް ދަށްވުމުން ގެއްލުންވަމުން ދާތީ ކަމަށް މެމްބަރުންނަށް ދެންނެވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް އެކަނި އަމާޒުކޮށްގެން އެ ދަތުރުތައް ކުރެވޭކަށް ނެތެވެ. އެކަމަކު އައްޑު އާއި ހުވަދު އަތޮޅާ ދެމެދު ޑޮމެސްޓިކް ފްލައިޓްތަކުން ގުޅުވައިލެވިއްޖެ ނަމަ ދަތުރުތައް ފެށިދާނެ ކަމަށް މެމްބަރުންނަށް ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކުރިން ވެސް ފިރާގު ދައްކަވަމުން ގެންދެވި ވާހަކައެކެވެ. ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ހުވަދު އަތޮޅަށް ދަތުރުތައް ފެށިއްޖެ ނަމަ، ޑޮމެސްޓިކް ފްލައިޓްތަކުން އައްޑު އާއި ހުވަދު އަތޮޅާ ގުޅި، ދެ ތަނަށް އަމާޒުކޮށްގެން މާކެޓް ބޮޑުކުރެވިދާނެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ.

"ހުވަދު އަތޮޅުގައި އެބަ އޮތް 13 ރިސޯޓު. އެހާ ބޮޑު އާބާދީއެއް އެބަ އޮތް. ހުވަދު އާއި އައްޑުއާ ގުޅާލެވިއްޖެ ނަމަ މިކަން ކުރެވޭނެ. ހަމައެކަނި އައްޑު އަކީ ޓޫރިޒަމް ޑެސްޓިނޭޝަނަކަށް ބަލައިގެން ނުކުރެވޭނެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުވަދު އަތޮޅާއި އައްޑުއާ ދެމެދު މޯލްޑިވިއަންގެ ޑޮމެސްޓިކް ޝެޑިއުލް ދަތުރުތައް ބޭއްވޭތޯ އެކި ގޮތްގޮތުން މަސައްކަތްކުރެއްވި އެވެ. އެކަމަކު މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

Srilankan in Gamah alun dhathuruthah fesheyne kamuge yageen kameh neiy

Srilankan in Gamah alun dhathuruthah fesheyne kamuge yageen kameh neiy

The most trusted news source in the Maldives

Mihaaru

ސްރީ ލަންކަން އިން ގަމަށް ކުރާ ދަތުރުތައް ފެށޭނެ ކަމުގެ ޔަގީން ކަމެއް ނެތުން

ފިރާގު ވިދާޅުވީ 180 މީހުންގެ ޖާގައިގެ ބޯޓެއް ގަމާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ބާއްވާ އިރު ބައެއް ދަތުރުތައް އެންމެ ހަތް ފަސިންޖަރުންނާ އެކު ވެސް ކުރަން ޖެހުނު ކަމަށެވެ. އެހާ ޑިމާންޑް ދަށްވުމުން އެއާލައިންއަށް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން އަހަރު މިވީ މިގޮތަށް ކުރާތާ. ވިޔަފާރީގެ ޕްރެޝަރަށް ބަލާއިރު މިއީ ވާވަރުގެ ކަމެއް ނޫން. އެކަމަކު ވަރަށް އެބަ މަސައްކަތް ކުރަން ނުހިއްޓި ކުރިއަށް ގެންދެވޭތޯ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިވަގުތު އައްޑޫ ތަމްސީލް ކުރައްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ކަމަށް ވާތީ މަޖިލީހުގެ ތެރެއިންނާއި އެހެން ގޮތްގޮތުން ވެސް މަސައްކަތް ކުރައްވާނެ ކަމަށް، ބައްދަލުވުމުގައި އެ މެމްބަރުން ވިދާޅުވި އެވެ.

އެކަމަކު އެއިން މެމްބަރަކާ ގުޅޭ ގޮތް ނުވުމުން، އެ ބޭފުޅުންގެ ފަރާތުން ބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ގެއްލުން ނުވާނެ ގޮތަކަށް ދަތުރުތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ވީހާވެސް އަވަހަކަށް އެ އެއާލައިނަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އެކަމަކު މިހާރު ޕްރޮޕޯސަލް ހުށަހަޅައިގެން ވެސް އަންނަ ސެޕްޓެމްބަރުގެ ކުރިން އެ ދަތުރުތައް ފެށޭނެ ކަމަކަށް އޭނާ ލަފައެއް ނުކުރައްވަ އެވެ.

"އެއާލައިންސްގެ ވެރިންނާ ކޮންފަރެންސް ކޯލެއް ވެސް އަޅުގަނޑުމެން ހެދިން މިއަދު. އެކަމަކު އަދި ވަކި ގޮތެއް ނުނިންމޭ ހަމަ،" ފިރާގު ވިދާޅުވި އެވެ.

ގަމާއި ކޮލޮމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2016 ގަ އެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެ އެވެ.