Roadha Mihaaru
ރާއްޖެއަށް މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް ފަށައިފި

ރާއްޖެއަށް މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް ފަށައިފި

24 ޖޫން 2023

މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މެލޭޝިއާގެ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އިއްޔެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބަޓިކް އެއާގެ ފުރަތަމަ ބޯޓު ޖެއްސީ 121 ފަސިންޖަރުންނާ އެކު އެވެ. ބަޓިކް އެއާލައިންގެ ބޮއިން 737 ގެ ބޯޓުން ހަފްތާއަކު ތިން ފްލައިޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި ބަޓިކް އެއާލައިނުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތަކުގެ އިތުރުން މެލޭޝިއާ- ކޮލަމްބޯ- ރާއްޖެ އަށް ދަތުރުކުރާ ޓްރާންސިޓް ދަތުރެއް ވެސް ހަމަޖެހިފައިވެ އެވެ. މި ޓްރާންސިޓް ފްލައިޓްގެ ދަތުރުތައް ކޮންމެ ދުވަހަކު ކުރާނެ އެވެ. ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ ބޯޓަކީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ބަޓިކް އެއާލައިންގެ އިތުރުން ސައުދީ ބަޖެޓު އެއާލައިނެއް ކަމަށްވާ، ފްލައިނަސްގެ ދަތުރުތައް ވެސް އަންނަ މަހު ފަށާނެ އެވެ. އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކް އިން ވެސް ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ރާއްޖެއަށް މިވަގުތު 36 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ. ޝެޑިއުލް ދަތުރުތަކުގެ އިތުރުން ދޭތެރެ ދޭތެރެއިން ރާއްޖެއަށް ޗާޓާ ދަތުރުތައް ވެސް އާ އެއާލައިންތަކުން އަންނަނީ ކުރަމުންނެވެ.