Roadha Mihaaru
މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް އަންނަ މަހު ފަށަނީ

މެލޭޝިއާގެ ބަޓިކް އެއާގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަނީ

03 އެޕްރީލް 2023

މެލޭޝިއާގެ ބަޓިކް އެއާލައިން އިން އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މެލޭޝިއާގެ ބަޓިކް އެއާލައިން އިން އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ބަޓިކް އެއާލައިންގެ ބޮއިން 737 ގެ ބޯޓުން މި ދަތުރުތައް ކުރާ އިރު މެއި 1 އިން ފެށިގެން އެ އެއާލައިން އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޖާގަ ހޯދައިފަ އެވެ.

އެމްއޭސީއެލް އިން ބުނީ ބަޓިކް އެއާލައިނުން އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އޭގެ އިތުރުން މެލޭޝިއާ- ކޮލަމްބޯ- ރާއްޖެ އަށް ދަތުރުކުރާ ޓްރާންސިޓް ދަތުރެއް ވެސް ހަމަޖެހިފައިވެ އެވެ. މި ޓްރާންސިޓް ފްލައިޓްގެ ދަތުރުތައް ކޮންމެ ދުވަހަކު ކުރާނެ އެވެ. ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުކުރާ ބޯޓަކީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.

އެ އެއާލައިންގެ ސީއީއޯ މުއްޝަފިޒް ބިން މުސްތަފާ ބަކްރީ ވިދާޅުވީ، އެ އެއާލައިންގެ ދަތުރުތައް ކުރިއަށް އޮތްތަނުގައި ވެސް އާ މަންޒިލްތަކަށް ފުޅާ ކުރަމުން ގެންދާނެ ކަމަށެވެ.

ބަޓިކް އެއާލައިންގެ އިތުރުން ސައުދީ ބަޖެޓު އެއާލައިނެއް ކަމަށްވާ، ފްލައިނަސްގެ ދަތުރުތައް ވެސް އަންނަ މަހު ފަށާނެ އެވެ. އަދި ޗައިނާ އިން ދަތުރުކުރާ ޓޫރިސްޓުންނަށް ހާއްސަ ފްލައިޓް ހޮންގްކޮންގް އެއާލައިން އިން ޖުލައި މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. އެއީ ޗައިނާ އިން ރާއްޖެއާ ދެމެދު ދަތުރުކުރާ ތިން ވަނަ އެއާލައިނެވެ.

ރާއްޖެއަށް މިވަގުތު 36 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރެ އެވެ. ޝެޑިއުލް ދަތުރުތަކުގެ އިތުރުން ދޭތެރެ ދޭތެރެއިން ރާއްޖެއަށް ޗާޓާ ދަތުރުތައް ވެސް އާ އެއާލައިންތަކުން އަންނަނީ ކުރަމުންނެވެ. މިމަހުގެ 21 ގައި އިނގިރޭސިވިލާތުގެ ޓައިޓަން އެއާ އިން ވެސް ޗާޓާ ފްލައިޓެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕީކް ސީޒަނާއި ދިމާކޮށް ޔޫރަޕްގެ އެހެން ގައުމުތަކުން ވެސް ޗާޓާ ދަތުރުތައް ކުރެ އެވެ.