Roadha Mihaaru
ވީއައިއޭގެ ބައިނަލްއަގުވާމީ ދަތުރުތައް ދޭކަށް ވެއްޓިއްޖެ

ވީއައިއޭއިން މިހާރު ދުވާލަކު ކުރަނީ ބައިނަލްއަގުވާމީ އެންމެ 2 ދަތުރު

12 އެޕްރީލް 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް ދުވާލަކު 40 އިން ދެ ދަތުރަށް މަދުވެއްޖެ ކަމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުސާ ސޯލިހު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް ދުވާލަކު 40 އިން ދެ ދަތުރަށް މަދުވެއްޖެ ކަމަށް އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުސާ ސޯލިހު ވިދާޅުވެއްޖެ އެވެ.

މޫސާ ސޯލިހު މިހެން ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ 54 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުތައް މަދުވެފައިވާއިރު އެތެރޭގެ ދަތުރުތައް ވެސް 50 ދަތުރުން ފަސް ދަތުރަށް މަދުވެފައިވާ ކަމަށެވެ.

ވީއައޭއިން ކުރާ ދަތުރުތައް މަދުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން އެކި ގައުމުތަކުން ދަތުރުތައް މެދު ކަނޑާލުމާ ގުޅިގެންނެވެ. އަދި މިހާރު ދަތުރުތައް ކުރާ އެއާލައިންތަކުން ވެސް ވަނީ ދަތުރުތައް މަދު ކޮށްފަ އެވެ.

އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރަނީ-- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނިން ވަނީ ސޯޝަލް ޑިސްޓެންސިން އަށް ބާރު އަޅައިފަ އެވެ. އެ ރަސްމިއްޔާތުގައި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އިރު އެންމެން ތިއްބެވީ މާސްކު އަޅުއްވައިގެންނެވެ.

މޫސާ ސޯލިހު ވަނީ އެ ކުންފުނީގެ މުވައްޒަފުން މި ދަނޑިވަޅު ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި އެ ކުންފުނީގެ މުވައްޒަފުން ފްރޮންޓްލައިނުގައި ކުރާ މަސައްކަތަކީ ގައުމަށް ކުރާ ހިދުމަތެއް ކަމަށެވެ.