Roadha Mihaaru
ފްލައިޓް ނުޖެއްސި، 45 މިނެޓް އޮންނަން ޖެހިދާނެ

ފްލައިޓް ނުޖެއްސިދާނެ، އިތުރަށް 45 މިނެޓްގެ ތެޔޮ އަޅާފައި ބަހައްޓާ: އެމްއޭސީއެލް

17 ނޮވެމްބަރ 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑުވެ، ޖައްސަން އަންނަ ހުރިހާ ބޯޓެއްގައި ވެސް 45 މިނެޓަށް ހޯލްޑްގައި އޮވެވޭ ވަރަށް ތެޔޮ ބަހައްޓަން ބައެއް އެއާލައިންތަކަށް އެމްއޭސީއެލުން އަންގައިފި ކަމަށް ދުނިޔޭގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރު ބޮޑުވެ، ޖައްސަން އަންނަ ހުރިހާ ބޯޓެއްގައި ވެސް 45 މިނެޓަށް ހޯލްޑްގައި އޮވެވޭ ވަރަށް ތެޔޮ ބަހައްޓަން ބައެއް އެއާލައިންތަކަށް އެމްއޭސީއެލުން އަންގައިފި ކަމަށް ދުނިޔޭގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

ސްވިޒަލެންޑްގެ އޭވިއޭޝަންގެ ހަބަރުތައް ޝާއިއުކުރާ "ޗެވިއޭޝަން"ގައިވާ ގޮތުން ރާއްޖޭގެ އެންމެ މައި އެއާޕޯޓަށް ޖައްސާ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކުގައި ވެސް، އަންނަ މާޗުގެ ނިޔަލަށް ހޯލްޑްގައި ގިނަ އިރު އޮވެވޭ ވަރަށް ތެޔޮ ހުންނަން ޖެހޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ އަންގައިފަ އެވެ. އެހެން ހެދުމުން ސްވިޒަލެންޑްގެ ޒިއުރިކުން ރާއްޖެ އަށް އަންނަ އޭޑްލްވައިސް އެއާލައިންގެ ބައެއް ފްލައިޓްތައް ކެންސަލްވާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކާ ހަވާލާ ދީ، އެ ނޫހުގައި ބުނެފައިވެ އެވެ. އަދި ރާއްޖެ އަށް އަންނަން ރާވާފައިވާ ފްލައިޓްތަކުގެ ޝެޑިއުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަލަށް ގެނައި ބަދަލުތަކާ އެކު އޭޑުލްވައިސް އިން ރާއްޖެ އަށް ދަތުރުކުރާނީ އާދިއްތަ އާއި ހުކުރު ދުވަހު އެވެ. އަދި ކުރިން ހޮނިހިރު ދުވަހަށް ޝެޑިއުލްކޮށްފައިވާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓްރިކް ހޭމަން ވިދާޅުވީ، ރާއްޖެ އަށް އިތުރަށް ދަތުރު ކުރުމުގެ ފުރުސަތު ނެތުމުން އެކަން ހައްލުވޭތޯ އެކި ގޮތްގޮތަށް މަސައްކަތް ކުރި ކަމަށާއި އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ.

އެއާޕޯޓު ތޮއްޖެހި، ރަންވޭ އަށް ނުޖެއްސި ފްލައިޓްތައް އެއާޕޯޓު މަތީ ހޯލްޑްގައި އޮންނަން ޖެހޭ މައްސަލަ ކޮންމެ އަހަރެއްގެ ވެސް ޕީކް ސީޒަނާ ދިމާކޮށް ކުރިމަތިވެ އެވެ. މިކަމަށް ފުރިހަމަ ހައްލެއް ލިބޭނީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށުމުން ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. މީގެ ކުރިން އެމްއޭސީއެލް އިން ބުނީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޮޕަރޭޝަން އަވަސް ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް އަދިވެސް މާ ބޮޑު ހައްލެއް ލިބިފައެއް ނެތެވެ.

އިންޓަނޭޝަނަލް އެއާލައިންތަކަށް އެމްއޭސީއެލް އިން އެންގި އެންގުމުގައިވާ ގޮތުން އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ބޮޑެތި ޑިލޭތަކާއި ޑައިވާޓް ކުރަން ޖެހޭ ހާލަތްތައް ދިމާވެދާނެ ކަމަށެވެ. އެމްއޭސީއެލް އިން ވަނީ އެއާޕޯޓުން ދޭ ވަގުތާ އެއްގޮތަށް ޝެޑިއުލްތައް ރޭވުމަށް އެދިފަ އެވެ.