Roadha Mihaaru
ލަންކާ އިން ތެޔޮ ނުލިބޭތީ ރާއްޖެއަށް ބާރުބޮޑުވެފައި!

ލަންކާ އިން ފްލައިޓްތަކަށް ތެޔޮ ނުލިބޭތީ އެމްއޭސީއެލްގެ ތެލަށް ވަނީ ބާރުބޮޑުވެފައި!

05 ޖުލައި 2022

ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހޭ ކަމަށާއި އެ ޑިމާންޑާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އަށް ފަސޭހަ ކަމެއް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހޭ ކަމަށާއި އެ ޑިމާންޑާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އަށް ފަސޭހަ ކަމެއް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، އެ ޑިމާންޑް އުފެދުނީ ލަންކާގެ އެއާޕޯޓްތަކުން ފްލައިޓްތަކަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ.

"ސިލޯނުން ރިޓާން ހަދާ ގާތްގަނޑަކަށް ހުރިހާ ފްލައިޓަކުން މި އަންނަނީ މި ގައުމަށް ތެޔޮ ބަރުކުރަން. އިތުރަށް ވެސް ތެޔޮ] އެބަ އަޅާ. ޑިމާންޑް ވަރަށް ބޮޑަށް އިތުރު. އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ، ލަންކާއިން ތެޔޮ ހޯދުމަށް ދަތިތައް ކުރިމަތި ވެފައިވާތީ، ލަންކާ އެއާޕޯޓުތަކަށް ޖައްސާ ގިނަ ފްލައިޓުތަކަކަށް ވެސް ތެޔޮ ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އުފެދިފައިވާ ބޮޑު ޑިމާންޑާ އެއްވަރަށް ފްލައިޓުތަކަށް ތެޔޮ ފޯރުކޮށްދީ، ހާލަތު މެނޭޖްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އަކީ ލަންކާ އާ އެންމެ ކައިރީގައި އޮތް ގައުމެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ، ރާއްޖެ އަށް އަންނަ ފްލައިޓުތަކަށް ތެޔޮ ނުލިބި، ނުފުރި ނުދާނެ ކަމަށާއި، ފުރަން ބޭނުންވާ ހުރިހާ ފްލައިޓަކަށް ވެސް ޖެޓްފިއުލް ލިބޭނެ ކަމަށެވެ. އެކަމަކު ލިމިޓެއް ނެތް ވަރަށް އެއްވެސް ފްލައިޓަކަށް ތެޔޮ ފޯރުކޮށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ، ތެޔޮ ލިމިޓް ކުރަން ޖެހުނީ، ބައެއް ފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖެޓްފިއުލް ގަންނާތީ ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ތިން މަސް ކުރިން ވެސް ކޮންމެވެސް ވަރަކަށް ތެޔޮ ކޮންޓްރޯލް ކޮށްގެން ވިއްކަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ފްލައިޓުތަކަކަށް އެފަހަރު ޖެޓްފިއުލް ވިއްކުން ކޮންޓްރޯލް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލްއިން ތެޔޮ ކޮންޓްރޯލް ކޮށްގެން ވިއްކަން ފެށީ، ތެލުގެ ސްޓޮކް އައުން ޑިލޭވެގެންނެވެ. އެ މައްސަލަ ހައްލުވާނީ، ސްޓޮކް އައުމުން ކަމަށް އެމްއޭސީއެލް އިން އިއްޔެ ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އަށް ޖެޓްފިއުލް ފޯރުކޮށްދެނީ އެސްޓީއޯ މެދުވެރިކޮށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ވިދާޅުވީ، ތެލުގެ ސްޓޮކް އައުމުގައި ލަސްތަކެއް އުޅެނީ އޯޑަރަށް ވުރެ ގިނައިން ތެޔޮ ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއް މަސް ކުރިން ތެލަށް އޯޑަރު ދޭން ޖެހޭ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު

"މިކަން މިހެންވީ ސްރީލަންކާ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން. އެހެންވީމަ ކޮލަމްބޯއިން އަންނަ ފްލައިޓުތައް ވެސް ދޫނުކޮށްލައި ތެޔޮ ފޯރުކޮށްދެން އެބަ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ރަޝިއާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ފްލައިޓުތައް ޑައިވާޓްކުރަން ޖެހުމުން އެއާޕޯޓުގައި ފްލައިޓުތަކުގެ ބާރު ވަރަށް ބޮޑުވާ ކަމަށެވެ. އެހެންވެ، ތެޔޮ އެޅުމުގެ ޕްރޮސެސްގައި ވެސް ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، ތެލުގެ ބަފާ ސްޓޮކެއް އަބަދުވެސް ހުންނަ ކަމަށާއި ސްޓޮކް އައުން ތިން ހަތަރު ދުވަސް، ލަސްވިޔަސް މައްސަލަ ދިމާ ނުވާނެ ކަމަށެވެ.