Roadha Mihaaru
ހަވާޓްޒް އާއި ރައިސް ގެނެވޭތޯ އާސެނަލުން މަސައްކަތްކުރަނީ

ހަވާޓްޒް އާއި ރައިސް ގެނެވޭތޯ އާސެނަލުން މަސައްކަތްކުރަނީ

18 ޖޫން 2023

ލަންޑަން (ޖޫން 18) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީގެ ކައި ހަވާޓްޒް އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް ގެނައުމުގެ މަސައްކަތް އާސެނަލުން ވަރުގަދަ ކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ލަންޑަން (ޖޫން 18) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޗެލްސީގެ ކައި ހަވާޓްޒް އާއި ވެސްޓް ހޭމް ޔުނައިޓެޑްގެ ޑެކްލަން ރައިސް ގެނައުމުގެ މަސައްކަތް އާސެނަލުން ވަރުގަދަ ކޮށްފި އެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދާފައިވާ އާސެނަލްގެ އެޓޭކް ވަރުގަދަ ކުރުމަށް ކޯޗު މިކޭލް އާޓޭޓާ ބޭނުންވާ ފުރަތަމަ ކުޅުންތެރިއަކީ ހަވާޓްޒް، 24، އެވެ. ރިޕޯޓްތައް ބުނާގޮތުން ހަވާޓްޒް ވިއްކާލުމުގެ ޝައުގުވެރިކަން ޗެލްސީގެ ނެތަސް އާސެނަލުން އަންނަނީ ޖަރުމަނުގެ ފޯވާޑް ހޯދުމަށް އިތުރު މަޝްވަރާ ކުރަމުންނެވެ.

ޖަރުމަނުގެ ބެޔާން ލެވަކޫސަން އިން ބޮޑު އަގުގައި ހަވާޓްޒް ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ޓީމަށް ބަދަލުވެ، ޖެހިގެން އައި އަހަރު ޗެލްސީ އިން ޗެމްޕިއަންސް ލީގުގެ ތަށި ހޯދީ، ފައިނަލުގައި ހަވާޓްޒް މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ލަނޑުން މޮޅުވެގެންނެވެ. ޗެލްސީއާ އެކު ހަވާޓްޒް ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ދެ އަހަރު އެބައޮތެވެ.

އާސެނަލްގެ މެދުތެރެ ވަރުގަދަ ކުރުމަށް އިންގްލެންޑުގެ މިޑްފީލްޑަރު ރައިސް، 24، ގެނައުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. މިދިޔަ ސީޒަނުގައި ރައިސް ވަނީ ވެސްޓް ހޭމްއާ އެކު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ރައިސްގެ އިތުރުން ބްރައިޓަން އަށް ކުޅޭ އިކުއެޑޯ މިޑްފީލްޑަރު މޮއިސެސް ސައިސީޑޯ އަކީ ވެސް އާސެނަލުން ފާރަލާ ކުޅުންތެރިއެކެވެ. އެކަމަކު ސައިސީޑޯ ހޯދުމުގެ ރޭހަށް ޗެލްސީ ވެސް ވަނީ ވަދެފަ އެވެ.

ހަވާޓްޒް އާއި ރައިސް ގެނައުމުގެ މަޝްވަރާތައް ކުރިނަމަވެސް އާސެނަލުން އަދި ރަސްމީ ބިޑެއް ކޮށްފައެއް ނުވެ އެވެ.

އާ ސީޒަނާ ކުރިމަތިލާއިރު އާސެނަލްގެ ގްރަނިޓް ޒަކާ އެ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޒަކާ، 30، ހޯދުމަށް އެއްވެސް ކްލަބަކުން އަދި ރަސްމީ ހުށަހެޅުމެއް އައިސްފައެއްނުވެ އެވެ.

ޒަކާގެ އިތުރުން އާސެނަލްގެ ޒުވާން ފޯވާޑް ފޮލަރިން ބަލޮގަން، 21، އަށް ޔޫރަޕްގެ ކްލަބްތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ބަލޮގަން ވަނީ އާސެނަލްގެ ލޯނު އުސޫލުން މިދިޔަ ސީޒަނުގައި ފްރާންސްގެ ރެއިމްސްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމުގައި މިދިޔަ ސީޒަނުގެ ލީގުގައި ބަލޮގަން 21 ގޯލު ޖެހި އެވެ. ރިޕޯޓްތައް ބުނާގޮތުން ބަލޮގަން އަށް ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ އާސެނަލުން އޭނާ ވިއްކާލާނެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލްގެ ޕްރީ ސީޒަން ކޭމްޕް ފަށާނީ ޖުލައި ނުވަ ވަނަ ދުވަހު އެވެ.