Roadha Mihaaru
މޯލްޑިވިއަން އިން ދަރަވަންދުއަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން ދަރަވަންދުއަށް އަލުން ދަތުރުތައް ފަށައިފި

15 ޖޫން 2023

ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން މިއަދު ބ. ދަރަވަންދުއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

އިފްރާޒް އަލީ ބ. ދަރަވަންދޫން އިފްރާޒް އަލީ

ގައުމީ އެއާލައިން މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން މިއަދު ބ. ދަރަވަންދުއަށް އަލުން ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް މާލެއިން ދަރަވަންދުއަށް އަދި އެ ރަށުން މާލެއަށް އެއް ފްލައިޓް ބާއްވާނެ ކަމަށެވެ. މި ދަތުރުތައް ފެށީ ވެސް ހާއްސަ ފެއާއެއްގައި، ކޮޅަކަށް 840ރ. އަށް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެ ރަށަށް ބާއްވަނީ މޯލްޑިވިއަން އިން މިފަހުން ގެނައި އޭޓީއާރް މަރުކާގެ މަތިންދާބޯޓުތަކުގެ ތެރެއިން ބޯޓެކެވެ.

މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން ބ. ދަރަވަންދުއަށް ބޭއްވި ފުރަތަމަ ފްލައިޓުން ދަތުރުކުރި ބައެއް ފަސިންޖަރުން މަތިންދާބޯޓުން ފައިބައިގެން އެއާޕޯޓުގެ ޓާމިނަލަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން ބ. ދަރަވަންދުއަށް ބޭއްވި ފުރަތަމަ ފްލައިޓުން ދަތުރުކުރި ބައެއް ފަސިންޖަރުން މަތިންދާބޯޓުން ފައިބައިގެން އެއާޕޯޓުގެ ޓާމިނަލަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިރަށަށް ދަތުރުތައް ފެށުމުގެ ގޮތުން މިއަދު ހަވީރު އެއާޕޯޓުގައި ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ސީއޯއޯ އިބްރާހިމް އިޔާސް ވިދާޅުވީ ދަރަވަންދުއަށް އަލުން ދަތުރުތައް ފެށުމާ އެކު ބ. އަތޮޅުގެ ރައްޔިތުންނާއި މި އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އަދި ޑިމާންޑް އޮތް މިންވަރަކުން ފްލައިޓްތައް އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނާފައި އޮތީ މި އަހަރު ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓް މި ރަށަށް ބާއްވަން. ތަރުހީބު ލިބޭ ވަރަކުން ދަތުރުތައް އިތުރުކުރާނަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ބ. ދަރަވަންދުއަށް އަލުން ދަތުރުތައް ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ސީއޯއޯ އިބްރާހިމް އިޔާސް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޯލްޑިވިއަން އިން ބ. ދަރަވަންދުއަށް އަލުން ދަތުރުތައް ފެށުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ ސީއޯއޯ އިބްރާހިމް އިޔާސް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާ ވިދާޅުވީ ދަރަވަންދުއަށް އަލުން ދަތުރުތައް ފެށިއިރުގައި މޯލްޑިވިއަން އިން އޮޕަރޭޓްކުރަމުން އަންނަ މި ރަށުގެ ޑޮމެސްޓިކް އެއާޕޯޓް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް އެއާޕޯޓް ހެދި ކުންފުންޏާ އެކު މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދަރަަވަންދުއަށް ކުރިން ކުރި ދަތުރުތައް 2019 ވަނަ އަހަރު މެދުކަނޑާލީ މަންޓާ އެއާގެ ދަތުރުތައް މި ރަށަށް ފެށުމާ އެކު އެވެ.

ދަރަވަންދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާ އަދި ވިލާ އެއާގެ ފްލައިޓްތައް ވެސް ކޮންމެ ދުވަހަކު މި ރަށަށް ދަތުރުކުރެ އެވެ.

މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން ބ. ދަރަވަންދުއަށް ބޭއްވި ފުރަތަމަ ފްލައިޓުން ދަތުރުކުރެއްވި ބައެއް އިސްވެރިން އެއާޕޯޓުން ނުކުމެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޯލްޑިވިއަން އިން ހަތަރު އަހަރު ފަހުން ބ. ދަރަވަންދުއަށް ބޭއްވި ފުރަތަމަ ފްލައިޓުން ދަތުރުކުރެއްވި ބައެއް އިސްވެރިން އެއާޕޯޓުން ނުކުމެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މޯލްޑިވިއަން އިން މިހާރު އަންނަނީ އެ އެއާލައިންގެ ޑޮމެސްޓިކް ދަތުރުތަކަށް އޭޓީއާރް މަރުކާގެ ތިން ބޯޓު ބޭނުންކުރަމުންނެވެ. އޭޓީއާރްގެ ބޯޓުތަކާ އެކު ގައުމީ އެއާލައިންގެ ފްލީޓްތައް ވަނީ 14 އަށް އިތުރުވެފަ އެވެ.

މޯލްޑިވިއަން އިން މިހާރު ވެސް އަންނަނީ ރާއްޖޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އެ އެއާލައިނުން ވަނީ ކުރިއާލައި ޓިކެޓް ނެގުމުން 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދޭން ވެސް ފަށައިފަ އެވެ.