Roadha Mihaaru
ޗާގޯސް އެއްވުމަށް ނުދާން ގާސިމް އެދިވަައިގެންފި

ޗާގޯސް މައްސަލައިގެ އެއްވުމުގައި ޖޭޕީގެ މެމްބަރުން ބައިވެރި ނުވާން ގާސިމް އެދިވަޑައިގެންފި

30 މެއި 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރި ނުވާން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރާ ދެކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި އެ ޕާޓީގެ މެމްބަރުން ބައިވެރި ނުވާން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.

އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަން ނިންމާފައި ވަނީ އެ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

އެކަމަކު، އިމުގެ މައްސަލާގައި އެއްގަލަކަށް އަރާފައިވާ ކޯލިޝަންގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ޖޭޕީ ތަމްސީލް ކުރެއްވި ނަމަވެސް، އެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ގާސިމް އެދިވަޑައިގަތީ ހުކުރު ދުވަހުގެ ރޭގެ އެއްވުމަށް އެ ޕާޓީގެ މެމްބަރުން ނުދިއުމަށެވެ.

ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތު މި ވަގުތު ހުރި ގޮތުން އޭނާގެ އިލްތިމާސަކީ އެ ޖަލްސާގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުން ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ މާހިރުންގެ ލަފައާ އެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތައް ހޯދޭތޯ މަސައްކަތް ކޮށްފި ނަމަ، ހަގީގީ ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުމަށް ޖޭޕީގެ މެމްބަރުން ނުދާން ގާސިމް އެދިވަޑައިގަތް މައިގަނޑު ސަބަބަކީ މެސެޖުތަކުގައިވާ ގޮތުން ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މޭ 1، 2015 ގައި މާލޭގައި ބޭއްވި ބޮޑު އެއްވުމުގެ ނަތީޖާ އެވެ. އެ އަހަރުގެ މޭޑޭ ފާހަގަކުރުމަށް އެ ފަހަރު މާލޭގައި ބޭއްވި އެ އެއްވުން ނިނުނީ އެއްވުމުގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިންގި ބޮޑު ކުރިމަތިލުމަކަށް ފަހު އެވެ. ބައެއް މީހުންނަށް އަނިޔާވެ، މުޒާހަރާގެ ބައެއް ބައިވެރިން ދާން ޖެހުނީ ޖަލަށެވެ.

އެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހަކަށް ހަމަލަދިން މައްސަލާގައި ވެސް ބައެއް މީހުންގެ މައްޗަށް ހުކުމް އައިސްފައި ވެ އެވެ.

މޭޑޭގެ މުޒާހަރާގެ ނަތީޖާ ނުކުތީ ބޭނުން ނުވި ގޮތަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވިގޮތުގައި، ޖޭޕީން އޭރު ވެސް ނިންމީ މޭޑޭގެ މުޒާހަރާގައި ބައިވެރި ނުވުމަށެވެ.

ޗާގޯސްގެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލުމުގެ އެއްވުމުގައި ޖޭޕީން ބައިވެރިނުވުމަށް ގާސިމް އެދިވަޑައިގަތްއިރު ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ ނިންމުމާ ގުޅިގެން ގާސިމް ކުރިން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ އިމުގެ މައްސަލަ ނިމުނީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި އިގްތިސާދީ ނަފާ ހޯދަން ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އިޓްލޮސްގެ ހުކުމާ އެކު ގެއްލިއްޖެ ކަމަށާއި އެ ހުކުމާ ގުޅިގެން ދިވެހިންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަހައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޗާގޮސްގެ މައްސަލާގައި ޖޭޕީގެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ގަރާރެއް ވެސް ފާސްކުރި އެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހުށަހަޅުއްވައި އެ ޕާޓީގެ ޑެޕިއުޓި ލީޑަރު އަމީން އިބްރާހިމް ތާއީދު ކުރެއްވި ގަރާރުގައި މައިގަނޑު ގޮތެއްގައި ސަރުކާރަށް ގޮވާލާފައި ވަނީ ޗާގޯސް މައްސަލައިގެ ނިންމުން އިސްތިއުނާފު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާށާއި ވީހާ ވެސް އަވަހަކަށް އެ މައްސަލަ އިސްތިއުނާފު ކުރުމަށެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.