Roadha Mihaaru
ޗާގޯސް އެއްވުމުން ޑިމޮކްރެޓްސް ފެންނާނެ

ޗާގޯސް އެއްވުމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ: ހަސަން ލަތީފު

01 ޖޫން 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުންގެ ބައިވެރިވުން އޮންނާނެ ކަމަށް ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބެހި ގޮތުން ގެއްލުންވީ ރާއްޖެ އަށް ކަމަށް ބުނެ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުމުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބޭފުޅުންގެ ބައިވެރިވުން އޮންނާނެ ކަމަށް ބުނެފި އެވެ.

އިމުގެ މައްސަލާގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާ ގުޅިގެން ހަދާފައިވާ ކޯލިޝަނުން ދަނީ މާދަމާ ރޭ މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. އެ އެއްވުން ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހެޅުމަށް ފަހު މާދަމާ ރޭ އޮންނަ އެއްވުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެ އެއްވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން އެކި ގޮތް ގޮތުން ބައިވެރިވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައިވެރިވުން އެކި މިންވަރަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ނަމަވެސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަސްމީކޮށް ރަޖިސްޓްރީވެފައިނުވާތީ، އެ އެއްވުން ޑިމޮކްރެޓްސްގެ ފަރާތުން ސީދާ އެންޑޯޒްނުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުން ގޯސްހަދާފައިވާ ކަމަށް ބުނެ، އެއްގަލަކަށް އަރާފައިވާ ކޯލިޝަނުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، ޖުމްހޫރީ ޕާޓީ، އެމްއެންޕީ، ދަ ޑިމޮކްރެޓްސްގެ މަންދޫބުންނާއި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް، މާދަމާ ރޭ އޮންނަ އެއްވުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ބައިވެރި ނުވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތު މި ވަގުތު ހުރި ގޮތުން އޭނާގެ އިލްތިމާސަކީ އެ ޖަލްސާގައި ޖޭޕީގެ މެމްބަރުން ބައިވެރިނުވުން ކަމަށެވެ. އެކަމަކު ބައިނަލްއަގްވާމީ މާހިރުންގެ ލަފައާ އެކު އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ ގޮތްތައް ހޯދޭތޯ މަސައްކަތް ކޮށްފި ނަމަ، ހަގީގީ ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނު މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، އިޓްލޮސް އިން ނިންމީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި މޮރިޝަސް އަށް 45،331 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ދޭށެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.

އެކަމަކު އެގޮތަށް ދިމާވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ސިޓީފުޅު އަނބުރާ ގެންދިއުމަށް ގޮވާލައި އިދިކޮޅުން ވަނީ ރައީސަށް ޕެޓިޝަނެއް ވެސް ހުށަހަޅަން ނިންމައިފަ އެވެ.