Roadha Mihaaru
ރެއާލް މޮޅުވި މެޗު ހާއްސަކުރީ ވިނީޝިއުސް އަށް

ރެއާލް މޮޅުވި މެޗު ހާއްސަކުރީ ވިނީޝިއުސް އަށް

25 މެއި 2023

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ އަތުން ރެއާލް މެޑްރިޑް 1-2 އިން މޮޅުވި މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އޮތް ސަޕޯޓް ދެ ޓީމުން ދައްކާލައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ އަތުން ރެއާލް މެޑްރިޑް 1-2 އިން މޮޅުވި މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް އޮތް ސަޕޯޓް ދެ ޓީމުން ދައްކާލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ވެލެންސިއާ އަތުން ރެއާލް ބަލިވި މެޗުގައި ވެލެންސިއާގެ ސަޕޯޓަރުން، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލަ ވަނީ ވަރަށް ހޫނުވެފަ އެވެ. އެ މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ވެލެންސިއާ އަށް ވަނީ އަދަބު ދީފަ އެވެ.

ވިނީޝިއުސް 22، އަށް ދިމާވި ނަސްލީ ތަފާތުކުރުމާ ގުޅިގެން އޭނާގެ ދިފާއުގައި ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބްތައް ވަނީ ތެދުވެފަ އެވެ. ރޭގެ މެޗު ފެށުމުގެ ކުރިން ރެއާލްގެ ކުޅުންތެރިން ތިބީ ވިނީޝިއުސްގެ ޖާޒީ ނަންބަރު 20 ޖަހައިފައިވާ ޖާޒީ ލައިގެންނެވެ. ދެ ޓީމުގެ ކުޅުންތެރިން އެޅި ކެޕްޓަން ބޭންޑްގައި "އެންޓި-ރޭސިޒަމް" މެސެޖު ލިޔެފައި ހުއްޓެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި ވިނީޝިއުސް އޮތް ސަޕޯޓް ދައްކާލުމުގެ ގޮތުން ސަޕޯޓަރުން އޭނާގެ ނަން ކިޔެވެ. ސަޕޯޓަރުން ވިނީޝިއުސްއާ އެއްކޮޅަށް ތިބިކަން ހާމަކޮށްދޭ ބެނާއެއް ވެސް ދަނޑުގައި ދެމި އެވެ.

ވެލެންސިއާ މެޗުގައި ވިނީޝިއުސް އަށް ދެއްކި ރަތް ކާޑު ކެންސަލް ކުރުމުން ވިނީޝިއުސް ރޭގެ މެޗުގައި ކުޅޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އަނިޔާގެ ސަބަބުން ރެއާލްގެ ސްކޮޑުގައި ވިނީޝިއުސް ހިމަނައިފައެއް ނުވެ އެވެ.

މެޗު ބަލަން ވިނީޝިއުސް އިނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ އެކު އެވެ.

ރެއާލްގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގައި ޖެހީ ކަރީމް ބެންޒެމާ އެވެ. މެޗުގެ ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް، ވަޔެކާނޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރައުލް ޑި ތޯމަސް އެވެ. ރެއާލް މޮޅުވި ގޯލު މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ރޮޑްރީގޯ އެވެ.

ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި އެސްޕަންޔޯލްއާ ވާދަކުރި މެޗުން 3-3 އިން އެއްވަރުވެފަ އެވެ. އެތުލެޓިކޯ އެއްވަރުވުމުން ރެއާލް ވަނީ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ބާސެލޯނާ ހޯދައިފައިވާއިރު، ރެއާލް އާއި އެތުލެޓިކޯގެ ފަހަތުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން މަސައްކަތްކުރަމުން އަންނަނީ ހަތަރު ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ފަސް ވަނައިގައި އޮތް ވިޔަރެއާލް އެވެ.