Roadha Mihaaru
ހަތް މިނެޓު ތެރޭ ބެންޒެމާ ތިން ގޯލް ޖަހައިފި

ހަތް މިނެޓު ތެރޭ ބެންޒެމާ ތިން ގޯލް ޖަހައިފި

03 އެޕްރީލް 2023

ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 6-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހަތް މިނެޓު ތެރޭ ހެޓްރިކެއް ހަދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އަތުން 6-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހަތް މިނެޓު ތެރޭ ހެޓްރިކެއް ހަދައިފި އެވެ.

މި މޮޅާ އެކު ރެއާލް ވަނީ، 59 ޕޮއިންޓް ހަމަކޮށް، އެއް ވަނައިގައި 71 ޕޮއިންޓާ އެކު އޮތް ބާސެލޯނާއާ 12 ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ. ބާސެލޯނާ ހޮނިހިރު ދުވަހުގެރޭ އެލްޗޭ އަތުން 4-0 އިން ހޯދި މޮޅާ އެކު 15 ޕޮއިންޓަށް އޮތީ ލީޑު ފުޅާކޮށްފަ އެވެ.

އެކަމަކު ބާކީ އޮތް 11 މެޗުން، 12 ޕޮއިންޓުގެ ފަރަގު ނައްތާލައި ރެއާލަށް ލީގު ކާމިޔާބުކުރެވުމުގެ ފުރުސަތު ކުޑަ އެވެ. ރެއާލުގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ، މި ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕެވެ. މީގެ ތެރެއިން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބުދަ ދުވަހުގެރޭ ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ރެއާލް ނުކުންނާނެ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އިންގްލެންޑުގެ ޗެލްސީއާ ދެކޮޅަށް އަންނަ ހަފުތާގައި ނުކުންނާނެ އެވެ.

މިދިޔަ ސީޒަނުގައި ރެއާލުން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިއިރު ތަފާތު މޮޅު ކުޅުމެއް ދެއްކި ބެންޒެމާ، މުހިއްމު މެޗުތަކެއްގެ ކުރިން ރަނގަޅު ފޯމަކަށް އެޅުމަކީ ރެއާލަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓުގައި ރޮޑްރީގޯ ލީޑު ނަގައިދީފައި އޮއްވާ، ބެންޒެމާ ހެޓްރިކް ހެދީ 29، 32 އަދި 36 ވަނަ މިނެޓުގައި ޖެހި ލަނޑުތަކުންނެވެ. ރެއާލުގެ އަނެއް ދެ ލަނޑު ދެ ވަނަ ހާފުގައި ވައްދާލީ މާކޯ އަސެންސިއޯ އާއި ލޫކަސް ވަސްކުއޭޒް އެވެ.

މުހިއްމު މެޗުތަކެއް ކުރިއަށް އޮތުމާ އެކު ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބެންޒެމާ އާއި ވީނިޝިއަސް ޖޫނިއާ ފަދަ މުހިއްމު ކުޅުންތެރިންގެ ހަކަތަ ސަލާމަތްކުރަން ތަންކޮޅެއް އަވަހަށް އެ ކުޅުންތެރިން ބާލައިފަ އެވެ. ބަދަލުގައި ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރެފައި އެނބުރި އައި ކުރީގެ ސުޕަސްޓާރު ބެލްޖިއަމްގެ އެޑިން ހަޒާޑް ވެސް ހިމެނެ އެވެ.