Roadha Mihaaru

ގުލާގެ ގޯލުން ރެއާލް މެޑްރިޑް އުއްމީދު ދަމަހައްޓައިފި

ތުރުކީގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާ ޖެހި ހަމައެކަނި ގޯލުން ގެޓަފޭ 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ގުލާގެ ގޯލުން ރެއާލް މެޑްރިޑް އުއްމީދު ދަމަހައްޓައިފި

ތުރުކީގެ ޒުވާން ކުޅުންތެރިޔާ އަރްދާ ގުލާ ޖެހި ހަމައެކަނި ގޯލުން ގެޓަފޭ 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.

ތާވަލުގެ އެއް ވަނައިގައި އޮތް ބާސެލޯނާ މި ހަފުތާގައި ކުޅުނު މެޗުން މަޔޯކާ އަތުން ހަމަ މި ނަތީޖާ އިން މޮޅުވެ ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރެއާލް ވަނީ ރޭ މޮޅުވެ ލީޑު ހަތަރު ޕޮއިންޓަށް ކުޑަކޮށްފަ އެވެ.

ދެ ޓީމު 33 މެޗު ކުޅެފައިވާއިރު، ބާސެލޯނާ އެއް ވަނައިގައި އޮތީ 76 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 72 ޕޮއިންޓް ހަމަކޮށްގެންނެވެ.

ރޭގެ މެޗަށް ކޯޗު ކާލޯ އަންޗެލޮޓީ ޓީމު ނެރުނީ ބަދަލުތަކަކާ އެކު އެވެ. މެދުތެރެއިން ޖޫޑް ބެލިންހަމްގެ ބަދަލުގައި، ގުލާ އަށް ފުރުސަތު ދިންއިރު އަނިޔާގައި ހުރި ފޯވާޑް ކީލިއަން އެމްބާޕޭގެ ބަދަލުގައި އެރުވީ ބްރެޒިލް ފޯވާޑް އެންޑްރިކް އެވެ. މިއީ އޭނާ ލީގު މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ފޯވާޑް ރޮޑްރިގޯ އަށް ވެސް ރޭ އަންޗެލޮޓީ ފުރުސަތެއް ނުދެ އެވެ.

ބެލެވޭ ގޮތުގައި އަންޗެލޮޓީ މުހިއްމު ބައެއް ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނީ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ކަޕުގެ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތުމުންނެވެ. އެކަމަކު ރޭ ކުޅުނު މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، އެޑުއާޑޯ ކަމަވިންގާ އާއި، ޑޭވިޑް އަލަބާ އަށް އަނިޔާވެ ބާސެލޯނާ މެޗު ގެއްލުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

ޗެމްޕިއަންސް ލީގުން ކަޓާފައިވާތީވެ، ރެއާލަށް އަމުދުން ވަނީ ސްޕެނިޝް ކަޕް ކާމިޔާބުކުރަން ވަނީ މަޖުބޫރުވެފަ އެވެ. އަންޗެލޮޓީ ބުނީ ދެ ކުޅުންތެރިންގެ އަނިޔާގެ ކުޑަބޮޑުމިން އެނގޭނީ މިއަދު ކަމަށާއި، އެކަމަކު ހީވާ ގޮތުން ބާސެލޯނާ މެޗަށް އެ ދެ ކުޅުންތެރިން ފިޓްނުވާނެ ކަމަށެވެ.

ގެޓަފޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުގެ ހަމައެކަނި ގޯލް 21 ވަނަ މިނެޓުގައި ގުލާ ޖެހީ ދުރުން ފޮނުވާލި ބޯޅައަކުންނެވެ. ބްރަހިމް ޑިއާޒް ބޭކާރުކޮށްލި ހަމަލައެއް އަލުން ސަލާމަތްކޮށް ގުލާ އަށް ދިނުމުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގެޓަފޭގެ ގޯލްކީޕަރު އަތުގައި ވެސް ޖެހިފަ އެވެ. އެންޑްރިކަށް ރެއާލުގެ ލީޑު ފުޅާކުރަން ފުރުސަތު ލިބުނު ނަމަވެސް ވިނީ ޖޫނިއާ ދިން ބޯޅަ އޭނާ އަތުންވީ ބޭކާރެވެ.