Roadha Mihaaru
ކެރެލާގައި ބޯޓެއް ބަންޑުން ޖަހާލައި 22 މީހުން މަރު

ކެރެލާގައި ބޯޓެއް ބަންޑުން ޖަހާލައި 22 މީހުން މަރުވެއްޖެ

08 މެއި 2023

އިންޑިއާގެ ކެރެލާގެ ހުޅަނގު އައްސޭރިފަށުގައި، ރޭ އިރާކޮޅު މީހުންތަކެއް ގޮވައިގެން ދަތުރުކުރި ފެރީ ބޯޓެއް ބަންޑުން ޖަހައިލުމުގެ ސަބަބުން، އެއިން ދަތުރުކުރި މީހުންގެ ތެރެއިން މަދުވެގެން 22 މީހަކު މަރުވެއްޖެ ކަމަށް އިންޑިއާގެ ފުލުހުން މިއަދު ބުނެފި އެވެ.

އިންޑިއާގެ ކެރެލާގެ ހުޅަނގު އައްސޭރިފަށުގައި، ރޭ އިރާކޮޅު މީހުންތަކެއް ގޮވައިގެން ދަތުރުކުރި ފެރީ ބޯޓެއް ބަންޑުން ޖަހައިލުމުގެ ސަބަބުން، އެއިން ދަތުރުކުރި މީހުންގެ ތެރެއިން މަދުވެގެން 22 މީހަކު މަރުވެއްޖެ ކަމަށް އިންޑިއާގެ ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ގިނަ އަދަދެއްގެ އާންމުންނާ އެކު ދަތުރުކުރި ފެރީ ބޯޓު ބަންޑުން ޖަހައިލީ، ކެރެލާގެ މަލައްޕޫރަމްގައި އޮންނަ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ތާނޫރްގެ އައްސޭރިއާ މާ ދުރު ނޫން ހިސާބަކުން ދަތުރު ކުރަނިކޮށެވެ. މަލައްޕޫރަމްގެ ފުލުހުން ބުނި ގޮތުގައި ދެ ބުރިއަށް ބަނދެފައި އޮތް މި ފެރީ ބަންޑުން ޖަހައިލީ، އޭގައި ދަތުރުކުރުމަށް ހުއްދަ އޮންނަ މިންވަރަށް ވުރެ މާ ގިނައިން މީހުން އަރުވައިގެން ދަތުރު ކުރަމުން ދަނިކޮށެވެ.

ނަމަވެސް ބޯޓު ބަންޑުން ޖަހައިލީ ކިހިނެއް ވެގެންކަން ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ އިރު، މިހާތަނަށް ފެނުނީ 22 މީހެއްގެ ހަށިގަނޑެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށާއި އަންހެނުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ބޯޓު ބަންޑުން ޖަހާލާފައި އޮތީ މާ ފުން ހިސާބަކަށް ނޫން ނަމަވެސް، އެއީ ކިސަޑު ވަރަށް ގިނަ ސަރަހައްދެކެވެ. އަދި ބޯޓު މިހާރު އޮތީ، ބަންޑުން ޖަހައިލި ތަނަށް ވުރެ ތިލަ ހިސާބަކަށް ގެނެސްފައި ކަމަށާއި، ކިސަޑުތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރޭ އިރާކޮޅު 7:00 ހާއިރު ހިނގި މި ހާދިސާގައި ފުރާނަ ސަލާމަތްވި ބައެއް މީހުން ބުނި ގޮތުގައި ބޯޓަށް މީހުން އަރުވާފައި ތިބީ ޖާގައަށް ނުތަކާ ވަރަށް މާ ގިނައިންނެވެ. އަދި ގިނަ މީހުން ތިބީ ލައިފް ޖެކެޓް ވެސް ނާޅައި ކަމަށާއި، ބޯޓުގައި ސަލާމަތީ ސެޓްފިކެޓް ވެސް ނެތް ކަމަށް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

ކޯރުތަކުގަޔާއި ކަނޑުގައި ދަތުރުކުރާ އުޅަނދުތައް ބަންޑުން ޖަހައިލުމަކީ އިންޑިއާގައި އާންމުކޮށް ހިނގާ ހާދިސާތަކެކެވެ. އެފަދަ ގިނަ ހާދިސާތަކުގައި ބަންޑުން ޖަހާލާފައިވަނީ ވެސް، ހުއްދަ އޮންނަ މިންވަރަށް ވުރެ ގިނަ މީހުން އަރުވައިގެން ދަތުރު ކުރަނިކޮށެވެ.

ހަމަ މި ސަރަހައްދުގައި މެއި 2018ގައި ހިނގި، ބޯޓެއް ބަންޑުން ޖަހައިލި ހާދިސާއެއްގައި 30 މީހަކު މަރުވި އެވެ. އަދި އިންޑިއާގެ ދެކުނު ސްޓޭޓެއް ކަމަށްވާ އަންދްރަ ޕްރަދޭޝްގެ ގޯދާވަރީ ކޯރުގައި، ސެޕްޓެމްބަރު 2020 ގައި، ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުންޖަހައިލި ހާދިސާގައި، ކޯރަށް ގެނބިގެން 12 މީހަކު މަރުވި އެވެ.