Roadha Mihaaru

ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ނޮވެމްބަރ 2024

އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން، މަރުވެފައި އޮއްވައި ފެނުނީ ހަސަން ސުހައިލް، 43، އެވެ. އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ ބުދަ ދުވަހު އެވެ.

އޭނާ އިންޑިއާއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މަރުވެފައި އޮއްވައި ފެނުނު ދުވަހަކީ އޭނާ އެ ހޮޓަލުން ޗެކްއައުޓްވާން އޮތް ދުވަސް ކަމަށް ވެސް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.

މަރުވައި އޮތީ ލޭގެ ޕްރެޝަރު ދަށްވުމާއި ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ޝައްކުކުރެ އެވެ.

އަންގަރާ ދުވަހުގެ ފަހުން އޭނާ ހޮޓަލުން ބޭރަށް ނުނިކުންނަ ކަމަށާއި އެހެންވެ ބުދަ ދުވަހު ހޮޓަލުން ޕޮލިހަށް ރިޕޯޓްކުރީ ކަމަށް ނޫހުގައިވެ އެވެ.

ކޮޓަރިއަށް ވަނުމަށް ބޭނުންކުރާ ޑަބަލްކީ ބޭނުން ކޮށްގެން ޕޮލިހުން ވަތްއިރު ސުހައިލް ފެނުނީ ބިންމައްޗަށް ވެއްޓިފައި އޮއްވައި ކަމަށާއި އޮތީ ހޮޑުލެވިފައި ކަމަށް ވެސް ޕޮލިހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެ އެވެ،

ޢެ މަރުގައި ޝައްކުތަކެއް ހުއްޓަސް ޕޯސްޓް މޯޓާމް ހެދުމާ މެދު އާއިލާއިން ގޮތެއް ނިންމަންދެން ހަށިގަނޑު ބާއްވާފައި އޮތީ ރަމާއިއާ ހޮސްޕިޓަލުގެ މޯޗަރީގަ އެވެ.

ސުހައިލް އެނބުރި ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ މިއަދަށެވެ.