Roadha Mihaaru
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި

މަަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ރައީސް އެދިވަޑައިގެންފި

01 މެއި 2023

ވަޒީފާ އަދާކުރާ މީހުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ވަޒީފާ އަދާކުރާ މީހުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެ މީހުންގެ އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، އެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނުގެ އެ ކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގަ އެވެ.

ސަރުކާރުގައި ވަޒީފާ އަދާކުރާ މީހުންނަށް ގިނަ ހައްގުތަކެއް ދޭން މިހާރު ވެސް ކަންކަން ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް އެދިވަޑައިގަތީ އަމިއްލަ ތަންތަނުގައި މަަސައްކަތް ކުރާ މީހުންގެ ހައްގުތަށް ވެސް ފަހިކޮށްދިނުމަށެވެ.

"މިފަދަ މުހިންމު ދުވަހެއް ފާހަގަކުރާއިރު، ޕްރައިވެޓް ސެކްޓަރުގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ހައްގުތައް ވެސް، އެ މީހުންގެ އިންސާނީ ކަރާމާތާއި ގާނޫނީ ގޮތުން ލިބެންޖެހޭ ހައްގުތައް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ދިވެހި މަސައްކަތްތެރިންގެ ހައްގުގައި މިދިޔަ ހަތަރު އަހަރު މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އޭގެ ތެރެއިން އެ މަނިކުފާނު ފާހަގަކުރެއްވީ ވިހެއުމާ ގުޅިގެން މަންމަ އަށް ދޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވާއި ބައްޕަ އަށް ލިބޭ އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް އަދި މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެވެ.

"އަދި ސާވިސް ޗާޖްގެ ފައިދާ، މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ގާނޫނަށް ވާނީ އެ ބަދަލު ގެނެސްފަ އެވެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން އަޅުގަނޑު ފާހަގަކުރަމެވެ. އަދި އެ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ،" --- ރައީސް

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން މަސައްކަތަކީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނެ ވަރަށް އުޖޫރަ ކަނޑައެޅުމަށައި އުޖޫރައިގެ ތަފާތު ނައްތާލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ރައީސް އިއްޔެ ވަނީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވައިފަ އެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ރޭ އެމަނިކުފާނު ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ އަށް ވެސް ކުރިއެރުން ގެނެސްދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

"ސަރުކާރުގެ މުސާރަތަކަށް މި ގެންނަ ހެޔޮ ބަދަލުތަކަކީ އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސިވިލް ސާވިސްގެ މުސާރަތަކަށް ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން އަޅުގަނޑު ފާހަގަކުރަމެވެ. އަދި އެ ކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަމެވެ. އަދި މިހާރު ވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަ އަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުންނެވެ."

ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގު ފުރިހަމަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަނީ ދޭސީންނާއި ބިދޭސީންގެ މެދުގައި ވެސް ތަފާތު ކުރުމެއް ނެތި ކަމަށެވެ.

"ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދެމުން މި އަންނަނީ. އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ދައުރެއްކަން ގަބޫލުކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މަސައްކަތްތެރިންނަށް ހޯދައިދެވޭ ކޮންމެ ރަނގަޅަކީ، ދިވެހިންނަށް ހޯދައިދެވޭ ރަނގަޅެކެވެ.

"ދިވެހި އާއިލާތަކުގެ ފޯރުންތެރިކަމާއި ތަނަވަސްކަމާ ގުޅިފައިވާ މިފަދަ ބަދަލުތައް ގެނައުމުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ސުލްހަވެރިކަމާއި ހަމަޖެހުމުގެ މަތީގައި ދެމިތިބުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވާ އިސްކަމެވެ. އެކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަމުން، ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަދިވެސް އިތުރަށް ދެއްވުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.