Roadha Mihaaru
ތަފާތުކުރުން ނައްތާލުމަކީ އެންމެންގެ ވާޖިބެއް: މާރިޔާ

މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން ނައްތާލަން މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް: މާރިޔާ

01 މެއި 2024

މަސައްކަތްކުރާ މާހައުލުގާ ދިމާވާ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި އެކަންކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސައްކަތްކުރާ މާހައުލުގާ ދިމާވާ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި އެކަންކަން ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމަށް މިދިޔަ 15 އަހަރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ގާނޫނީ އޮނިގަނޑުގެ ތެރެއިން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރު ކުރުމުގެ ހައްގު މިހާރު ލިބިފައިވާ ކަމަށާއި ގާނޫނުގެ ފޮނިމީރުކަން ދިވެހި މަސައްކަތްތެރިންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސައްކަތްތެރިންގެ ދުވަހު އަޅުގަނޑުމެން ހަނދާނަށް ގެންނަން އެބަޖެހޭ އިންސާފުވެރި އުޖޫރައާ ދޭތެރޭ. ރައްކާތެރި މަސައްކަތުގެ މާހައުލާ ދޭތެރޭ،" މާރިޔާ ވިދާޅުވި އެވެ.

"މަސައްކަތުގެ މާހައުލާއި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި ގޮންޖެހުންތައް އަދިވެސް ވާކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. ތަފާތުކުރުމާއި، ގަނާކުރުމާއި ނުތަނަވަސްކަމުގެ ހާދިސާތައް ހިނގާއިރު، މަސައްކަތްތެރިންގެ ހައްގުގައި މި ފަދަ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެ ކަންކަން، މަސައްކަތުގެ މާހައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް ހަދަން ޖެހޭ."

އަހާ ފޯރަމްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަހާ ފޯރަމްގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަބުރުވެރި ވަޒީފާއެއް ހޯދުމުގެ ފުރުސަތު ހިމެނޭ ގޮތަށް މަސައްކަތްތެރިންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމާ މެދު ރާއްޖޭގައި މަސައްކަތުގެ އިޖުތިމާއީ އަދުލުވެރިކަމާއި އިގްތިސޯދީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްގީ އާލާކުރުމުގައި އަބުރުވެރި މަސައްކަތްތައް އަދާކުރާ ވަރަށް މުހިންމު ދައުރެއްވާކަން ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެމީހަކަށް ހައްގުވާ ކަރާމާތާއި އިހްތިރާމް ލިބިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އެހެންކަމުން އަޅުގަނޑުގެ އެންމެ ބޮޑު އިލްތިމާސަކީ މަސައްކަތްތެރިންނަށް ހައްގުވާ އިހްތިރާމް، އޭގެ ފުރިހަމަ މާނާގައި އެފަރާތްތަކަށް ލިބިދެވޭނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކޮށް، އެ ކަންކަން އަމަލުން ދެއްކުން،" މިނިސްޓަރު ވިދާޅުވި އެވެ.

މަސައްކަތުގެ މާހައުލު ރަގަނޅުކޮށް، އެންމެންނަށް އަބުރުވެރި މަސައްކަތްތެރިންގެ މާރުކޭޓެއް އުފެއްދުމަށް، ކުރާ މަސައްކަތްތައް ދެ ގުނަ އަށް އިތުރުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.