01 މެއި 2018
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2011ގައި ވަކިކުރި މުވައްޒަފުންތަކަކާ އެއްކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލައެއް އެ ރިސޯޓުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން މިދިޔަ ޑިސެމްބަރު މަހު އެ ނިންމުމަށް ތާއީދުކުރި އެވެ. އެކަމަކު، ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނާ ގޮތުގައި، އެ މުވައްޒަފުންގެ ހައްގުތަކެއް އަދިވެސް ނުލިބެ އެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2011ގައި ވަކިކުރި މުވައްޒަފުންތަކަކާ އެއްކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލައެއް އެ ރިސޯޓުގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން މިދިޔަ ޑިސެމްބަރު މަހު އެ ނިންމުމަށް ތާއީދުކުރި އެވެ. އެކަމަކު، ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނާ ގޮތުގައި، އެ މުވައްޒަފުންގެ ހައްގުތަކެއް އަދިވެސް ނުލިބެ އެވެ.
"ރިސޯޓު ހިންގާ ކްރައުން ކޮމްޕެނީއާ ދެކޮޅަށް އެ ހުކުމް ކޮށްފައި އޮންނާނީ އެތައް މިލިއަން ރުފިޔާއެއް މުވައްޒަފުންނަށް ދޭން. އެކަމަކު ހުކުމް ތަންފީޒުކުރަން އަދިވެސް ކުންފުނިން ދެކޮޅުހަދަމުން ދަނީ،" ވަކިކުރި މުވައްޒަފުންގެ ހައްގުގައި ޓީމް އިން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެ ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވިދާޅުވި އެވެ. އެއީ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރާ އިރު ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަން އޭނާ ބޭނުންކުރެއްވި މިސާލެކެވެ.
"ކެޕިޓަލިސްޓުންގެ ނުފޫޒު ގަދައީ. އިތުރު އެއްވެސް މައްސަލައެއް ނެތް."
ޓީމްއަކީ މަސައްކަތްތެރިންގެ ހައްގުގައި ރާއްޖޭގައި ހަރަކާތްތެރިވާން ފެށި ފުރަތަމަ، އެކަމަކު ނުރަސްމީ "ޓްރޭޑް ޔޫނިއަން" އެވެ. ދިހަ އަހަރުވީ އެ ޖަމްއިއްޔާގެ ބައެއް ތަޖުރިބާތަކަކީ ވެސް، އެ ހައިސިއްޔަތު ރަސްމީ ނުވުމުގެ ހުރަސްތަކެވެ. ރާއްޖޭގެ އެންމެ މުއްސަނދި އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދިފާއުގައި ކާމިޔާބީތަކެއް ހޯދިފައި ހުއްޓަސް، ހަގީގީ ޓްރޭޑް ޔޫނިއަންއެއްގެ ގޮތުގައި ހަރަކާތްތެރި ވެވެން ނެތް އިރު، ވަޒީފާ އިން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުން ފަދަ ކަންކަމަކީ އެއާ ގުޅިފައިވާ ގޮންޖެހުންތަކެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ހައްގުތައް މިހާރު ވެސް ހަމަ ލިބޭނެއޭ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، އެ ހައްގުތައް ހޯދަން ނުކުތީމާ."
ކުރިއަރާފައިވާ ގައުމުތަކުގައި، މަސައްކަތްތެރިންނަށް ހައްގުތައް ހޯދަން ލިބިފައި އޮންނަ އެންމެ ބޭނުންތެރި ވަސީލަތަކީ ޓްރޭޑް ޔޫނިއަން އެވެ. ޔޫނިއަންތަކަކީ އެ ދާއިރާއެއްގެ ހުރިހާ މަސައްކަތްތެރިން ގުޅިގެން، ހައްގު މުސާރަ އާއި އިނާޔަތްތަކާއި ރައްކާތެރި މަސައްކަތު މާހައުލެއް ހޯދުމަށް އަޑުއުފުލައި ހަރަކާތްތައް ހިންގައި އެއްބަސްވުންތައް ހަދަން އޮންނަ ފުރުސަތެވެ.
މަސައްކަތްތެރިންގެ ޖަމްއިއްޔާ ނުވަތަ ޖަމާއަތްތައް އުފެއްދުމާއި އެފަދަ ޖަމްއިއްޔާތަކުގައި ބައިވެރިވުމުގެ ހައްގު ރާއްޖޭގެ ގާނޫނުއަސާސީން ވެސް ލިބިދެ އެވެ. އަދި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލުމަކީ ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އޭގެ އިތުރުން، ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން، މުވައްޒަފަކު މަސައްކަތްތެރިންގެ ޖަމްއިއްޔާއެއްގައި ބައިވެރިވުން ނުވަތަ ގާނޫނު ހުއްދަކުރާ ހަރަކާތެއްގައި ބައިވެރިވުން އެއީ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއް ނޫނެވެ.
"ގާނޫނީ ގޮތުން ފުރުސަތުތައް އެބަހުރި. ސުވާލަކީ އެ ހައްގުތައް ލިބޭތޯ، ނުލިބޭތޯ،" މައުރޫފް ފާހަގަކުރެއްވި އެވެ.
"ގާނޫނުއަސާސީގައި ބުނާ ހަޅުތާލުކުރުމުގެ ހައްގު ހަނިކޮށްފައެއް ނެތް އެއްވެސް މިންވަރަކަށް. އެކަމަކު މަސައްކަތްތެރިން އެފަދަ ހަރަކާތެއްގައި ބައިވެރިވެއްޖެއްޔާ އެއީ ހަޅުތާލެއް ކަމަށް ކަނޑައަޅައި މުވައްޒަފުން ވަޒީފާ އިން ވަކިކުރީމާ އެއާ ގުޅިގެން ކޯޓު މަރުހަލާތަކުން ގޮސް ހައި ކޯޓާ ހަމައިން ނިމިފައި އެބަހުރި، އެއީ ވަޒީފާ އިން ވަކިކުރެވޭނެ ހާލަތެއް ކަމަށް. އޭގެ މާނައަކީ ކޯޓުން (ހަޅުތާލުކުރުން) ބަލައެއް ނުގަނެއޭ. އެހެންވީމާ މި ވާ ގޮތަކީ ވަޒީފާ ދޭ ފަރާތްތަކަށް އެބަ އެނގޭ ތިމަންނަމެން މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަތަސް ކޯޓުން ތިމަންނަމެން ސަލާމަތްވާނެކަން."
އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ)ގެ އަސާސީ އަށް މުއާހަދާ ރާއްޖެ އިން ތަސްދީގުކޮށްފައި ވާތީ، ޓީމް އިން ދެކޭގޮތުގައި، އެ މުއާހަދާތަކުގެ ދަށުން ލިބިދޭ ޖަމާއަތް ހެދުމުގެ ހައްގާއި އެފަދަ ޖަމާއަތްތަކުން މަސައްކަތްތެރިންގެ ހައްގުގައި، ވަޒީފާ ދޭ ފަރާތްތަކާ މަޝްވަރާކުރުން ނުވަތަ ކަލެކްޓިވް ބާގެއިނިންގެ ހައްގު ރާއްޖޭގައި ވެސް ލިބެން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި މަސައްކަތްތެރިންގެ ޖަމްއިއްޔާތަކަށް ރަސްމީ ސިފައެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ނުލިބެނީ އެކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް ނެތުމުން ކަން މައުރޫފް ގަބޫލުކުރައްވަ އެވެ.
ޓީމް އިން ދެކޭ ގޮތުގައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެފަދަ ގާނޫނެއް ހެދުމެވެ. މައުރޫފް ވިދާޅުވިގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ހަދަން އައިއެލްއޯ އާއި ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން 2011 އިން ފެށިގެން މަސައްކަތްކޮށް ބިލެއް އެކުލަވާލި އެވެ. އެކަމަކު ވެރިކަން ބަދަލުވެ އޭގެ ފަހުން އެ ބިލުގެ މަސައްކަތް ކުރިއަކަށް ނުގެންދެ އެވެ.
"މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ރެގިއުލޭޓްކުރުމާއި އެ ޖަމްއިއްޔާތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައެޅުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމާއި ހަޅުތާލުތައް ރެގިއުލޭޓްކުރުމާއި ޑެޑްލޮކަށް ދިޔައިމަ ސަލާމަތްކުރާނެ ގޮތްތަކާއި ކަލެކްޓިވް ބާގެއިނިން އެގްރިމެންޓްތައް ރަޖިސްޓްރީކުރުމާއި މި ހުރިހާ މަރުހަލާތަކެއް އަންނާނެ އެފަދަ ގާނޫނަކުން،" މައުރޫފް ވިދާޅުވި އެވެ.
"އިންޑަސްޓްރިއަލް ރިލޭޝަންސްއާ ބެހޭ ގާނޫނެއް ކޮންމެހެން ވެސް ގެންނަން ޖެހޭ."
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހުންނަ ވެލާނާގެ އިން ބަޔަކު ނުކުންނަނީ: ޕެންޝަނަރުންނަށް މިހާރު ފައިސާ ދެނީ 65 އަަހަރު ވުމުން 14 އަހަރު ވަންދެން
ގާނޫނުއަސާސީ އާއި ގާނޫނާއި އައިއެލްއޯގެ މުއާހަދާތަކުން މަސައްކަތްތެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ނެތީ، މައުރޫފް ގަބޫލުކުރައްވާ ގޮތުގައި، މަހުޖަނުން ނުވަތަ "ކެޕިޓަލިސްޓުން" އެ ގޮތް ބޭނުންވާތީ އެވެ.
"ކެޕިޓަލިސްޓުންގެ ނުފޫޒު ގަދައީ. އިތުރު އެއްވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ފާހަގަކުރެއްވި ގޮތުގައި ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކެޕިޓަލިޒަމްގެ ނުފޫޒު ގަދަޔަސް، "އޭގެ ކުރީގެ މަރުހަލާތަކުގައި ރަނގަޅު ނިޒާމްތަކުގެ ތެރެއިން" މަސައްކަތްތެރިންގެ ހައްގުތައް ހުރީ ކަށަވަރުވެފަ އެވެ. އޭނާ ވިދާޅުވަނީ ރާއްޖެ އަށް އެ ހިސާބަށް ދެވޭނީ މަހުޖަނުންގެ "އަތްދަށުން" ސަލާމަތްވެވިގެން ކަމަށެވެ.
"ހުރިހާ ވިޔަފާރިތަކާއި ހުރިހާ ބާރެއް ކޮންޓްރޯލްކުރަނީ ހައްދުފަހަނައެޅި ވިޔަފާރިވެރިން. އެހެންވީމާ އެ މީހުން ބޭނުން ނުވާ ގޮތަށް އެ ކަންކަން ނުވަނީ. އެ މީހުންގެ ނުފޫޒު ގަދައީ. ވޯޓު ވިއްކައިގެން އަދިވެސް ރައްޔިތުން އެ މީހުން އިންތިޚާބުކުރަނީ. އެ މީހުންގެ އަތްދަށުން ރާއްޖެ ސަލާމަތްވުމުގެ ކުރިއަކުން މި ހައްގުތަކެއް ނުލިބޭނެ،" މައުރޫފް ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ހޯދަން އުނދަގޫވާ ބައެއް ސަބަބުތައް މައުރޫފް ފާހަގަކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއް ކަމަކީ ކަލެކްޓިވް ބާގެއިނިން ފަދަ ކަންކަން ކުރާނެ ގޮތުގެ މައުލޫމާތެއް އަދި ތަޖުރިބާއެއް ނެތުމެވެ. އަދި ބައިވަރު އަމިއްލަ ޖަމްއިއްޔާތަކެއް ހުއްޓަސް އެ ފަރާތްތަކަށް ނަތީޖާ ނެރެވޭ މިންވަރު ކުޑަވުމުގެ ސަބަބުން ޖަމްއިއްޔާތަކަށް އޮންނަ އިތުބާރު ކުޑަ ކަމަށް ވެސް މައުރޫފް ގަބޫލުކުރައްވަ އެވެ. އެއާ އެކު، ބައެއް ފަހަރު "ސިޔާސީ ނަޒަރުން މަސައްކަތްތެރިން ވިސްނާ"ކަމީ ވެސް ހުރަހެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން، ކުރިއަރާފައިވާ ގައުމުތަކާ ޚިލާފަށް، މަސައްކަތްތެރިންގެ ހައްގުތައް ޚާއްސަކޮށް ޕްރޮމޯޓްކުރާ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތުމަކީ ވެސް މައްސަލައެއް ކަމަށް ޓީމް އިން ދެކެ އެވެ.
އެކަމަކު މައުރޫފް ގަބޫލުކުރައްވާ ގޮތުގައި މަސައްކަތްތެރިން ބާރުވެރި ނުވުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހެނީ އެ މީހުން އަމިއްލަ އަށެވެ.
"ދިވެހި މަސައްކަތްތެރިންނަށް ގަބޫލުކުރެވެނީ، ސަގާފަތެއްގެ ގޮތުގައި އޮންނަނީ، ހައްގުތައް ހޯދައިދޭން ޖެހެނީ ކޮންވެސް އެހެން ބައެކޭ. ތިމަންނާމެންގެ އެއްވެސް ފަރުދީ ޒިންމާއެއް އޮންނާކަށެއް ނުޖެހެއޭ. އެހެން ނަމަވެސް އެ ގޮތަށް ވާނެ ކަމެއް ނޫން މިއީ،" އޭނާ ފާހަގަކުރެއްވި އެވެ.
"އެހެން ވާނަމަ އަޅުގަނޑުމެން މިހާރު ދިވެހިރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދީފީމުސް. އެކަމަކު ކޯޓުތަކުން ކޮށްފައި ހުންނަ ހުކުމްތައް ވެސް ތަންފީޒު ނުކުރެވިގެން އަޅުގަނޑުމެން މި އުޅެނީ."
ހައްގުތައް ހޯދުމަކީ ވަރަށް ބުރަ، ބޮޑު ކަމެއްކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މަސައްކަތްތެރިންގެ "ވިސްނުން ބަދަލުވާން ޖެހޭ" ކަމަށެވެ.
"އެ މީހުން ގަބޫލުކުރަން އެބަ ޖެހޭ، އެ މީހުންގެ ހަގީގީ ހައްގުތައް ކަށަވަރު ވެގެން މި އަންނަނީ އެ މީހުން ވެސް ކުރާ މަސައްކަތެއްގެ ނަތީޖާއަކުންކަން. އެއީ ކޮންމެހެން ހެޔޮލަފާ ސަރުކާރަކުން ނުވަތަ ހެޔޮލަފާ އެމްޕްލޯޔަރަކު ހެޔޮ ހިތުން ކޮށްދޭ ކަންތައްތަކެއް ނޫންކަން،" އޭނާ ފާހަގަކުރެއްވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ވަރަށް ބުރަ މަސައްކަތްތަކެއް މަސައްކަތްތެރިން ކޮށްގެން ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެން، މި ހައްގުތައް ލިބިފައި ހުރީ. މަސައްކަތްތެރިން އޯގަނައިޒްވެގެން މުޒާހަރާތަކެއް ކޮށް، ގްރާސްރޫޓުން އިންގިލާބީ ބަދަލުތަކެއް ގެނެސްގެން ރައްޔިތުންގެ ބާރުވެރިކަން ދެއްކޭ ހިސާބަށް ދިޔައިމަ، ހައްގުތައް ލިބެނީ."
ޓީމް އިން ދެކޭ ގޮތުގައި މަސައްކަތްތެރިން އަމިއްލަ އަށް ނުކުމެ އެ މީހުން ބޭނުންވާ ކަންކަން ހުށަހަޅައިގެން ނޫނީ ހާލަތު ބަދަލެއް ނުވާނެ އެވެ. ސިވިލް ސާވެންޓުންނާއި ޕްރައިވެޓް ސެކްޓާގެ މުވައްޒަފުންނާއި އެކި އިންޑަސްޓްރީތަކުގެ މަސައްކަތްތެރިން އެއް އަޑަކުން އެ ޝުއޫރުތައް ފާޅުކުރުމަށް މައުރޫފު ގޮވައިލެއްވި އެވެ.
"މަސައްކަތްތެރިންގެ އަތުގައި އޮތީ އެންމެ މުހިއްމު ހަތިޔާރު. މަސައްކަތް ހުއްޓާލީމާ ގަދަކަމުން މަސައްކަތެއް ނުކުރުވޭނެ އެއްވެސް މީހަކު ލައްވައި،" މައުރޫފް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ހައްގުތައް މިހާރު ވެސް ހަމަ ލިބޭނެއޭ މަސައްކަތްތެރިން އެކަތިގަނޑަކަށްވެ، އެ ހައްގުތައް ހޯދަން ނުކުތީމާ."
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހަދަނީ
މަސައްކަތްތެރިންގެ ހައްގުގައި ހިނގާލުމެއް ބާއްވައިފި
މަސައްކަތްތެރިންނާ މެދު އިސްލާމްދީން ދެކޭ ގޮތް
ތަފާތުކުރުން ނައްތާލުމަކީ އެންމެންގެ ވާޖިބެއް: މާރިޔާ
އެއްވެސް ތަނެއްގައި ބިދޭސީން ބޭނުމެއް ނޫން:އިހުސާން
މަސައްކަތްތެރިންގެ ދުވަހު ރައީސް ދެއްވީ އުންމީދުތަކެއް
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
އިތުބާރުކުރާ ހިދުމަތަކަށް ސިވިލްސާވިސް ވާންޖެހޭނެ