Roadha Mihaaru
އެއްވެސް ތަނެއްގައި ބިދޭސީން ބޭނުމެއް ނޫން:އިހުސާން

ސަރުކާރުގެ އެއްވެސް ތަނެއްގައި ބިދޭސީން ގެންގުޅުމަކީ ބޭނުންވާ ކަމެއް ނޫން: އިހުސާން

01 މެއި 2024

ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ބިދޭސީން ގެންގުޅެން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި މަސައްކަތަށް ދިވެހިން ނަގަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ބިދޭސީން ގެންގުޅެން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި މަސައްކަތަށް ދިވެހިން ނަގަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ދާހިލީ ކަންކަމާ ބެހޭ އިދާރާގެ ދަށުގައި ވާ ތަންތަނުން ބިދޭސީންނަށް ފުރުސަތު ދޭ މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގަައި އާންމު މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.

އެ މީހާގެ ޝަކުވާއަކަށް ވީ، ދިވެހިން ކިޔަވައިގެން ތިބޭ ދާއިރާތަކުން ވެސް ބިދޭސީންނަށް އިސްކަން ދިނުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ގެއްލުމެވެ.

އެ ޝަކުވާއާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، ބިދޭސީންނަށް ވަޒީފާ ދިނުމަކީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގައި އެ މީހުންނަށް ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ހާއްސަކޮށް ސަލާމަތީ ހިދުމަތްދޭ އެއްވެސް ދިމާލެއްގައި ބޭރު މީހުން ނުތިބުން،" އިހުސާން ވިދާޅުވި އެވެ.

އެހެންވެ، މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމީ ހިދުމަތް ދިނުމުގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި ބިދޭސީން ނުތިބޭނެ އެވެ. އެކަމަކު ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެ ކަމަށް ހާއްސަ ބިދޭސީންނާއި އަންސްކިލްޑް ލޭބަރުން ވެސް ތިބޭއިރު، އޭގެ ތެރެއިން ތަކުރާރުކޮށް އިއުލާނުކޮށްގެން ވެސް އަންސްކިލްޑް ލޭބަރުންގެ ގޮތުގައި ދިވެހިން ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި "އަހާ" ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ އަންގާރަ ދުވަހު ބޭއްވި "އަހާ" ފޯރަމްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންވެ މުސާރަތައް މުރާޖައާ ކޮށްގެން ނަމަވެސް މަސައްކަތްތަކަށް ދިވެހިން ޝައުގުވެރި ކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށް އިހުސާން ވިދާޅުވެ އެވެ.

"ތަކުރާރުކޮށް އިއުލާން ކުރުމުން ވެސް ނުލިބެނީ ހަމަ ދިވެހިން. އަޅުގަނޑުމެން ވަރަށް އިސްކަން ދެން ދިވެހިންނަށް. ހަމަ ޕްރޮފެޝަނަލް ކެޓަގަރީތަކަށް ވެސް ދިވެހިން ލިބޭއިރަށް ނަގަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހިންނަށް އިސްކަން ދިން ނަމަވެސް ވަޒީފާތަކަށް ދިވެހިން ނުލިބ އެވެ. ދިވެއްސަކު ލިބިއްޖެ ހާލަތުގައި ވަގުތުން ނަގާ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ މުސާރައާ ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ ތެރޭގައި ޔުނިފޯމް އަޅައިގެން ތިބޭ ރަސްމީ ފުލުހުންނާއި ފުލުހުންގެ ހިދުމަތްދޭ އާންމުން ތިބެ އެވެ. އެ ދެ ކެޓަގަރީގެ ފުލުހުންނަކީ ވެސް މުހިންމު ހިދުމަތްތަކެއް ދޭ ބައެއް ކަމަށް ވިޔަސް ތަފާތުތަކެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ހުވާ ކޮށްގެން ހުންނަ ފުލުސް އޮފިސަރަކު އެކްސްޓްރީމް ރިސްކަށް ނުކުންނަން ޖެހޭ ހާލަތަކު އެ ނުކުންނަން ޖެހެނީ ފްރޮންޓު ލައިނަށް. އެޔެއް ނީނދޭ އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުންގެ،" ގާނޫނީ ގޮތުން ފުލުހުންގެ މުއައްސަސާއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މުސާރަ މުއާރަޖައާ ކުރުމުގައި ދެ ބައި މީހުންގެ [ޔުނިފޯމް އެޅި ފުލުހުންނާއި ފުލުހުންގެ ސިވިލް މުވައްޒަފުން] މުސާރަ އެއް ފަހަރާ ބޮޑުކުރުމަށް މަސަައްކަތް ކުރިޔަސް މިނިސްޓަރު ވިދާޅުވީ ސަރުކާރާ ހަވާލުވިއިރު، ދައުލަތް އޮތީ ހުސްކޮށް ކަމަށެވެ.

އެހެންވެ ދައުލަތަށް ފައިސާ ލިބެމުންދާ ވަރަކަށް މުސާރަ މުރަޖާއާ ކުރުމުގެ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރުގެ ޖޫން މަހު މުސާރަ ޖަމާވާއިރު، ފުލުހުންގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.