Roadha Mihaaru

ބިދޭސީންގެ އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައި، ހައްލެއް ހޯދައިދޭނަން: ރައީސް

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އެ މީހުންގެ އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައި ކަމަށާއި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީންނަށް ހައްގުތައް ހޯދައިދޭނަން: ރައީސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 މެއި 2025

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު، އެ މީހުންގެ އިންސާނީ ހައްގުތައް ވަނީ ނިގުޅައިގެންފައި ކަމަށާއި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅެމުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ އެ މީހުންގެ އަސާސީ އަދި އިންސާނީ ހައްގުތައް ވެސް ނިގުޅަތުން ކަމަށެވެ. އެހެންވެ، އެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަމަށްޓަކާ ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

މި ސަރުކާރުން އެ މަސައްކަތް ފަށައިގެން ކުރަމުން އަންނައިރު ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރިއެއްގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް ވަނީ އަޕްޑޭޓްކޮށްފައި ކަމަށެވެ.

އެހެންވެ، މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާ ބޮޅެއް އިތުރުވި ދުވަހެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވަނީ އެ ބުރަ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުން ނުވަތަ އައިޑެންޓިފައި ކުރަން ސަރުކާރުން ކަނޑައަޅާފައި ވަނީ ތިން އަހަރެވެ. އަދި ދެ ވަނަ އަހަރާއި ތިން ވަނަ އަހަރު ކުރާނެ ކަމަކީ އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމެވެ.

ތިން އަހަރު ތެރޭގައި، ރާއްޖޭގައި މި އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ގެނެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެހެންވެ، މާލެ އާއި ރަށްރަށުގައި ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ޕްރޮގްރާމުތައް އަންނަނީ ހިންގަމުންނެވެ.

ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށްޓަކައި މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެ އެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެ އެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.