Roadha Mihaaru
ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓު އާންމުކުރަނީ

ބިދޭސީންނާ މެދު އިހުމާލުވާ ދިވެހިންގެ ލިސްޓެއް އެކުލަވާލައި އާންމު ކުރަނީ!

22 ޖުލައި 2024

ތަފާތު ވަޒީފާތަކަށް ރާއްޖެ އަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

ތަފާތު ވަޒީފާތަކަށް ރާއްޖެ އަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

މި ގޮތަށް ނިންމީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު، ކެބިނެޓުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުން ބުނީ، ބިދޭސީންނަށް ވަޒީފާ ދޭ މީހުންގެ ތެރެއިން ބިދޭސީންނާ މެދު އިހުމާލުވާ މީހުންގެ ލިސްޓު އާންމު ކުރުމުގެ އިތުރުން ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދު އިހުމާލުވާ ނަމަ ޖޫރިމަނާ ވެސް ކުރާނެ ކަމަށެވެ. އަދި އެފަދަ އަމަލުތައް ތަކުރާރުވާ ނަމަ އިތުރު ފިޔަވަޅުތައް ވެސް އަޅަން ކެބިނެޓުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން (މ): ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ފައްޓަވާފައި.---ފޮޓޯ: ރައީސް އޮފީސް

ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން (މ): ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ފައްޓަވާފައި.---ފޮޓޯ: ރައީސް އޮފީސް

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ރިއާޔަތް ކޮށެވެ. އެ މިނިސްޓްރީން މިހާރު ވެސް ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި އުޅޭ ބިދޭސީން އަތުލައިގަތުމުގެ ރެއިޑް އޮޕަރޭޝަންތަކެއް ފަށައިފަ އެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބިދޭސީން އަތުލައިގަނެ އެ އެންމެން ވަނީ ޑީޕޯޓްކުރާ ލިސްޓުގައި ހިމަނައިފަ އެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން މިދިޔަ 8 މަސް ތެރޭގައި ޑީޕޯޓް ކޮށްލައިފަ އެވެ.

ރައީސް މުއިއްޒު ކެބިނެޓުގެ އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ކެބިނެޓުގެ އިއްޔެގެ ބައްދަލުވުން ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ބިދޭސީންގެ މައްސަލަ ހައްލު ކުރަން ކެބިނެޓުން އިތުރު ކަންތައްތަކެއް ވެސް އިއްޔެ ނިންމި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1- ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައޫލޫމާތާއި 10 އިނގިލީގެ ފިންގަޕްރިންޓް އަދި ފޭޝަލް ރިކޮގްނިޝަން ނެގުން.

2- ގަވާޢިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ރެގިއުލަރޭޝަން ޕްރޮގްރާމެއް ހިންގުމާއި އަމިއްލަ އަށް އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެސިސްޓެޑް ވޮލަންޓަރީ ރިޓާން (އޭވީއާރު) ޕްރޮގްރާމް ހިންގުން.

3- ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށްޓަކައި، ގަވާއިދާ ހިލާފުވާ ބިދޭސީން ކުރާ ވިޔަފާރިތައް އޮޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުން.

4- ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މި ސަރުކާރު ވެރިކަމަށް އައިސް ވަނީ ބޮޑު ހަރަކާތެއް ފަށައި، އަދި އެ ފަދަ މީހުންގެ މައުލޫމާތު ކޮންމެ މީހަކަށް އިމިގްރޭޝަނަށް ހުށަހެޅޭނެ ޕޯޓަލްއެއް އިފުތިތާހު ކޮށްފަ އެވެ. އޭގެ ސަބަބުން މިހާރު ވެސް ހެޔޮ ބަދަލުތައް ފެންނަން ފަށާފަިއވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.