03 މެއި 2024
ދިރިއުޅުމުގެ ހަޔާތުގައި އިންސާނުން އަދާކުރަންޖެހޭ މުހިންމު އެއް ދައުރަކީ ބިމުގެ ޚަލީފާކަން އަދާކުރުމެވެ. މި ކަން ކުރުމަށްޓަކައި ކޮންމެ އިންސާނަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކުރަން ޖެހެ އެވެ. ތަފާތު އެކިއެކި މަސައްކަތް ކުރާ މީހުންނަށް އިސްލާމްދީން ހިތްވަރުދެ އެވެ. އެ މީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދީ، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހި ކޮށްދޭ ވަރުގަދަ އުސޫލުތަކެއް އިސްލާމްދީނުގައި ވެ އެވެ.
ދިރިއުޅުމުގެ ހަޔާތުގައި އިންސާނުން އަދާކުރަންޖެހޭ މުހިންމު އެއް ދައުރަކީ ބިމުގެ ޚަލީފާކަން އަދާކުރުމެވެ. މި ކަން ކުރުމަށްޓަކައި ކޮންމެ އިންސާނަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކުރަން ޖެހެ އެވެ. ތަފާތު އެކިއެކި މަސައްކަތް ކުރާ މީހުންނަށް އިސްލާމްދީން ހިތްވަރުދެ އެވެ. އެ މީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދީ، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހި ކޮށްދޭ ވަރުގަދަ އުސޫލުތަކެއް އިސްލާމްދީނުގައި ވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތް ކުރުމަކީ ޝަރަފެކެވެ. ފުއްޞިލަތު ސޫރަތުގެ 33 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ މާތްﷲ ގެ މަގަށް އައުމަށް ގޮވާލައި، ޞާލިހު ޢަމަލުކޮށް، "ތިމަން ވަނީ ﷲ އަށް ކިޔަމަންވާ މީހުންގެ ތެރެއިންނޭ" ބުނާ މީހަކަށް ވުރެ ހެޔޮބަސް ބުނާ އެހެން މީހަކު ނުވާނެ ކަމަށެވެ. ވީމާ ޢިބާދާތު ކަމުގައި ވިއަސް އަދި ދުނިޔަވީ ބޭނުންތައް ފުއްދުމަށް ކުރާ މަސައްކަތް ކަމުގައި ވިއަސް ޞާލިހު ކޮންމެ ޢަމަލެއް އެއީ މާތް ޢަމަލެކެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ މީހަކު ހޯދައި ގަންނަ އެންމެ ޝަރަފުވެރި އެއްޗަކީ އެ މީހެއްގެ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ހޯދާ އެއްޗެކެވެ (އަހުމަދު).
މަސައްކަތަކީ އިންސާނާ އަށް ލިބޭ ނިއުމަތެއް ކަމުގައި ވެސް އިސްލާމްދީން ދެކެ އެވެ. ޔާސީން ސޫރަތުގެ 35 ވަނަ އާޔަތުގެ މާނައިގައި ވެ އެވެ. “(އެއީ) އެ ތާނގެ މޭވާއިންނާއި އެއުރެންގެ އަތްތަކުން މަސައްކަތް ކޮށްގެން ހޯދި ތަކެތިން އެއުރެން ކައި އުޅުމަށްޓަކަ އެވެ. ފަހެ، އެއުރެން ޝުކުރު ނުކުރަނީ ހެއްޔެވެ؟”
މި އާޔަތުގައި އިންސާނުން ކެއުމަށްޓަކައި ބިމުން ލިބޭ މޭވާ އާއި އިންސާނާގެ އަތުން ކުރި މަސައްކަތުން ލިބުނު ތަކެއްޗަށްޓަކައި ޝުކުރު ކުރަން އެންގެވުމުން އެ އިން ދޭހަވަނީ އެ ތަކެއްޗާއި އަދި އެ ތަކެތި ލިބުމަށް މެދުވެރިވި މަސައްކަތަކީ ވެސް ﷲ ގެ ނިއުމަތްތަކުން ނިއުމަތްތަކެއް ކަމެވެ.
އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތް ކުރާ މީހާ އަކީ މަސްއޫލުވާން ޖެހޭ މީހެކެވެ. އައްނަޙުލު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ އިންސާނުން ޢަމަލުކޮށް އުޅުނު ކަންތަކާ މެދު އިންސާނުންނާ މާތްﷲ ސުވާލު ކުރައްވާނެ ކަމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި ކޮންމެ މީހަކީ ވެސް އެ މީހަކާ ހަވާލު ވެފައިވާ ކަމެއްގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ މީހެކެވެ (ބުޚާރީއާއި މުސްލިމް) އަދި ކޮންމެ މަސައްކަތެއް ކުރިއަސް އެ މަސައްކަތެއް އެންމެ ފުރިހަމަ ގޮތުގައި ކުރުމަކީ މާތްﷲ ގެ ލޯބި ލިބޭނެ ކަމެއް ކަމުގަ އެވެ (އަލްބައިހަޤީ).
ހަމަ އެފަދައިން މަސައްކަތް ހަވާލު ކުރާ މީހާ އަކީ ވެސް މަސްއޫލުވާން ޖެހޭ މީހެއް ކަމަށް އިސްލާމްދީން ދެކެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވަނީ ކޮންމެ މީހަކީ ވެސް ކޮންމެވެސް ކަމެއްގެ ނުވަތަ ބައެއްގެ ބެލެހެއްޓުންތެރިއެއް ކަމުގަ އެވެ. ކޮންމެ މީހަކު ވެސް އެ މީހަކު އެ ބަލައްޓާ ކަމަކާ ނުވަތަ ބަޔަކާ މެދު މަސްއޫލުވާން ޖެހެ އެވެ.
މަސައްކަތްތެރިންނަށް ލިބެންޖެހޭ ހައްގުތަކަށް ބަލާއިރު، ކޮންމެ މަސައްކަތަކަށް ވެސް އުޖޫރަ ލިބެން ޖެހޭކަން އިސްލާމްދީނުގެ ނައްސުތަކުން އެނގެ އެވެ. ދުނިޔޭގެ ދިރިއުޅުމާއި އެ ތަނުގެ ޒީނަތްތެރިކަމަށް އެދިގެން މަސައްކަތް ކުރާ މީހާއާ ބެހޭ ގޮތުން ވެސް މާތް ﷲ އަންގަވަނީ“ އެއުރެންގެ ޢަމަލުތައް ތިމަން ރަސްކަލާނގެ އެއުރެންނަށް އެ ތާނގައި ހަމަޔަށް ފުއްދަވާ ދެއްވާ ހުށީމެވެ.” އާޚިރަތުގައި އެ ޢަމަލުތަކަކީ ބޭކާރު ވެގެންދާނެ އަމަލުތަކެއް ކަމަށް ވިއަސް އެކަލާނގެ އަންގަވަނީ “އަދި އެއުރެންނަށް އެ ތާނގައި (ދުނިޔޭގައި) އުނި ނުކުރައްވާ ހުއްޓެވެ.”(ހޫދު 15)
މަސައްކަތަށް އުޖޫރަ ލިބެން ޖެހޭއިރު ކޮންމެ މަސައްކަތަށް ވެސް ލިބޭ އުޖޫރަ އަކީ އެ މަސައްކަތާ އެކަށީގެންވާން އުޖޫރައަކަށް ވެސް ވާން އިސްލާމްދީން ބާރު އަޅަ އެވެ. މާތްﷲ އަންގަވަނީ “އަދި ކޮންމެ ބަޔަކަށް މެ، އެ ބަޔަކު ކުޅަ އަމަލަކާ އެއްގޮތަށް ދަރަޖަތަކެއް ހުއްޓެވެ (އަލްއަޙްޤާފު 19).
ވީމާ ޟަރޫރީ ހާލަތެއް އައިސްގެން މީހަކަށް ހައްގުވާ އުޖޫރަ ހަމައަށް ނުދެވޭ ގޮތް ވިޔަސް ފަހުން ނަމަވެސް އެ ހައްގު ދިނުމަކީ މަސައްކަތް ހަވާލު ކުރި މީހާގެ މައްޗަށް ވާޖިބެކެވެ. އިސްލާމްދީން ދެކޭ ގޮތުގައި މަސައްކަތުގެ އުޖޫރަ އަކީ އެއްވެސް ހާލެއްގައި އެ މަސައްކަތް ކުރުވި ފަރާތުން ކުޅަ ހެޔޮ ފޯރުވުމެއް ނޫނެވެ. އެކަމަކު އެއީ މަސައްކަތް ކުރި މީހާގެ ހައްގެކެވެ. އެ ހައްގު ކެނޑިގެން ނުދާނެ އެވެ. އީމާންވެ ޞާލިހު އަމަލު ކުޅަ މީހުންނަށް ކެނޑިގެން ނުދާނެ ދަރުމަ ހުރިކަން މާތްﷲ ވަނީ އަންގަވާފަ އެވެ (ފުއްޞިލަތު 8).
އިސްލާމީ ނަޒަރުން ބަލާއިރު މަސައްކަތުގެ އުޖޫރަ ދައުލަތުގެ ފަރާތުން ހިމާޔަތް ކޮށްދޭން ޖެހޭނެ އެވެ. މާތްﷲ އަންގަވަނީ ފިރިހެނަކު ކަމުގައި ވިއަސް އަދި އަންހެނަކު ކަމުގައި ވިއަސް ކުޅަ އަމަލެއް އެކަލާނގެ ގެއްލެނި ނުކުރައްވާނެ ކަމަށެވެ (އާލް ޢިމްރާން 195). މަސައްކަތް ކުރާ މީހާގެ ގައިން ހިއްލާ ދައު ހިކުމުގެ ކުރިން އެ މީހާ އަށް އުޖޫރަ ދިނުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައި ވެ އެވެ (އިބްނުމާޖާ). އަދި ހަމަ އިބްނުމާޖާ ރިވާ ކުރެއްވި އެހެން ހަދީސެއްގައިވާ ގޮތުން މީހަކު ލައްވާ މަސައްކަތެއް ކުރުވުމަށް ފަހު އޭނާ އަށް އުޖޫރަ ނުދީ ހިފަހައްޓައިފި މީހަކީ ޤިޔާމަތް ދުވަހުން އެކަލޭގެފާނު އެ ތިން މީހަކާ ދެކޮޅުވެރިވާނެ ތިން މީހުންގެ ތެރެއިން އެކަކެވެ.
ވީމާ މަސައްކަތު މީހުންގެ އުޖޫރަ ހިމާޔަތް ކުރުމަށް ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި ސަލާމަތީ އެންމެހާ ފިޔަވަޅުތައް އެޅުމަކީ ދައުލަތްތަކުން ހަމަ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.
މަސައްކަތްތެރިންނަށް އިސްލާމްދީން ކަށަވަރު ކޮށްދޭ އަނެއް ހައްގަކީ މަސައްކަތް ހަވާލު ކުރަން ޖެހޭނީ އެ މީހަކަށް ކުޅަދާނަވާ ވަރަކަށް ކަމަށް ވުމެވެ. އެ ބަޔަކަށް ކުޅަދާނަ ނުވާ ވަރަށް ތަކުލީފު ނުކުރެއްވުމަށް ކީރިތި ރަސޫލާ އަންގަވަ އެވެ (ބުޚާރީއާއި މުސްލިމް). އެއްވެސް ނަފުސަކަށް އެ ނަފުސަށް ކުޅަދާނަ ވެގެންވާ ވަރުން މެނުވީ މާތްﷲ ވެސް ތަކުލީފުތައް ނުޖައްސަވަ އެވެ (އަލްބަޤަރާ 286).
އަނެއް ހައްގަކީ ކޮންމެ މަސައްކަތު މީހެއްގެ ވެސް ނަފަގާތުތައް ކަށަވަރު ކުރެވެން ޖެހުމެވެ. އާދަމުގެ ދަރިންނަކީ މާތްﷲ މާތް ކުރައްވާފައިވާ ބައެކެވެ. މި މާތްކަން ލިބޭނީ އޭނާ އަދާކުރަން ޖެހޭ މާލީ ހަރަދުތައް ކުރެވޭނެ ގޮތެއް ކަށަވަރު ވެފައި އޮތުމުންނެވެ. ވީމާ މަސައްކަތް ކުރާ މީހަކަށް ލިބޭ ހައްގު އުޖޫރައިން އެ މީހެއްގެ ޟަރޫރީ ނަފަގާތުތަކަށް ނުފުދޭ ނަމަ ދައުލަތުން އެކަން ފުއްދައިދޭން މަގުފަހި ކޮށްދޭން ޖެހޭނެ އެވެ. ސަބަބަކީ، މަސައްކަތެއް ހަވާލު ކުރެވޭ މީހާ އުޅޭނެ ގެއެއް ނެތް ނަމަ ގެއެއް ނެގުމަށާއި ކައިވެނި ކުރެވޭނެ ވަރު ނެތް ނަމަ އެކަން ކުރުމަށާއި ސަވާރީއެއް ނެތް ނަމަ ސަވާރީ އެއް ނެގުމަށް ކީރިތި ރަސޫލާ ﷺ އަންގަވާފައިވާތީ އެވެ. (އަހުމަދާއި އަބޫދާއޫދު).
މަސައްކަތް ކުރާ މީހާ އަށް ހުސް ވަގުތު ލިބުމަކީ ވެސް އިސްލާމްދީން ޔަގީން ކޮށްދޭ ހައްގެކެވެ. އިމާމް ބުޚާރީ ރިވާ ކުރައްވާފައިވާ ހަދީސެއްގައިވާ ގޮތުން، ކޮންމެ އިންސާނަކު ވެސް އެ މީހެއްގެ އަމިއްލަ ނަފްސަށާއި އަމިއްލަ ހަށިގަނޑަށާއި އަނބި ނުވަތަ ފިރިމީހާއަށާއި އަދި މި ނޫނަސް އެހެން ފަރާތްތަކަށް ދޭން ޖެހޭ ހައްގުތަކެއް ވާ ކަމާއި އެ ހައްގުތައް ދޭން ކީރިތި ރަސޫލާ ﷺ އަމުރު ކުރައްވަ އެވެ. ވީމާ ގޭތެރޭގައި ކުރަން ޖެހޭ ކަންކަމަށާއި އަޅުކަން އަދާ ކުރުމަށާއި އަރާމު ކުރުން ފަދަ ކަންކަމަށް ހަމަ ކޮންމެ މަސައްކަތު މީހަކަށް ވެސް ވަގުތު ލިބުމަކީ އެ މީހެއްގެ ހައްގެކެވެ.
މީގެ އިތުރުން މަސައްކަތް ކުރާ މީހާ އަށް މުޖުތަމައުން ހިމާޔަތް ދޭން ޖެހޭނެ އެވެ. އިސްލާމްދީނުގައިވާ އިޖުތިމާއީ ތަކާފުލުގެ ދަށުން ކޮންމެ މުވާތިނަކަށް ވެސް ތަފާތު ހާލަތްތަކުގައި އަބުރުވެރިކަމާ އެކު އުޅެވޭނެ ގޮތެއް މުޖުތަމައުގެ ތެރެއިން ހަމަޖައްސައިދޭން ޖެހެ އެވެ. މުސްކުޅިވުމާއި ބަލިވުމާއި ނުކުޅެދުންތެރިވުން ފަދަ ހާލަތްތަކުގަ އާއި ތަރިކައެއް ނެތި ނިކަމެތި ދަރިންތަކެއް ދުނިޔެ އަށް ދޫކޮށްލެވިގެންދާ ހާލަތްތަކުގައި އެ މީހުންނަށް މުޖުތަމައުން ތަކާފުލު ވާން ޖެހެ އެވެ.
އިސްލާމްދީނުގައި މިފަދައިން މަސައްކަތަށް ހިތްވަރު ދީފައިވާ އިރު އަދި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މުހިންމު އުސޫލުތަކެއް ކަނޑައެޅިފައިވާ އިރު، އިސްލާމީ މުޖުތަމައުތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ މީހުންގެ ހައްގުތައް ލިބިދިނުމަށް ހެދޭ އެކިއެކި ގާނޫނުތަކާއި ގަވައިދުތަކުގައި މި އުސޫލުތަކަށް ރިއާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ގާނޫނުތަކާއި ގަވައިދުތަކުގައި މި އުސޫލުތައް އޮތަސް އަދި ނެތަސް މަސައްކަތް ކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި މުސްލިމުން މި އުސޫލުތަކަށް އަބަދުވެސް ރިއާޔަތް ކުރަންޖެހޭނެ އެވެ.
މުސްލިމް މުޖުތަމައުގައި އިސްލާމްވަންތަ މަދަނީ ދައުލަތެއް
އާއިލާ ހިމާޔަތް ކުރުމަށް ދައުލަތުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް މުޖުތަމައުން ލިބޭ ބާރުތައް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް