Roadha Mihaaru
"ހިލޭ ޑިގްރީ ރަނގަޅު، އެކަމަކު ބަދަލުތަކެއް ބޭނުން"

ހިލޭ ޑިގްރީ ރަނގަޅު، އެކަމަކު ބަދަލުތަކެއް ގެންނަން ޖެހޭ: މިނިސްޓަރު

20 ސެޕްޓެމްބަރ 2024

ކުރީގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރަނގަޅު މަޝްރޫއެއް ކަމަށާއި އެކަމަކު މި ޒަމާނަށް ފެތޭ ގޮތަށް އެކަން މިހާތަށް ވުރެ ރަނގަޅުކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ރަނގަޅު މަޝްރޫއެއް ކަމަށާއި އެކަމަކު މި ޒަމާނަށް ފެތޭ ގޮތަށް އެކަން މިހާތަށް ވުރެ ރަނގަޅުކުރަމުން އަންނަ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭ ޕްރޮގްރާމް ރަނގަޅު ކަމަށެވެ. ނަމަވެސް، އެ ޕޮލިސީ މިހާރު އޮތްގޮތް ރިވައިސްކޮށް، 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ހުނަރަށް ވިސްނާލައި ބަދަލުތައް ގެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިޔާގެ ސުވާލު އަމާޒުކުރީ، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންތަކެއް ހިލޭ ޑިގްރީ ޕްރޮގްރާމާ ގުޅޭ ގޮތުން ސުވާލު އުފައްދައި ދެއްކެވި ވާހަކަތަކަށެވެ.

މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް މިދިޔަ ޖުލައި މަހު މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓު ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހޭ ކަމަށެވެ.

"މަތީ ތައުލީމް އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއް ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަށް ބަދަލުތައް ގެންނައިރު، މިހާރަށް ވުރެ ރަނގަޅަށް އެކަން ގެންދެވޭނީ ކިހިނެއްތޯ ބަލާނެ ކަމަށެވެ. އެކަމަށް ހުރަސްއަޅަން ބޭނުން ނުވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ފަސްޓް ޑިގްރީ ޕްރޮގްރާމަށް އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މި ދެންނެވީ، ބަލަމުން މި ގެންދަނީ ނުކުތާތައް ބަލަމުން ހަމަ އެންމެ ރަނގަޅު ގޮތަކަށް އެ ކުދިންނަށް ފަސްޓް ޑިގްރީ ގެންދެވޭނީ ކިހިނެއްތޯ، އެ ޕްރޮގްރާމް އަޅުގަނޑުމެން ފައިސާ ހަރަދުކޮށްގެން އެ ކުދިންނަށް ކިޔަވައިދެނީ. މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެކޭ ކުރިން ވެސް ދެންނެވިން،" މާރިޔާ ވިދާޅުވި އެވެ.

"މިގޮތުގެ މަތިން ރާއްޖޭގައި ކިޔެވެން ހުންނަ ދާއިރާތަކުން ކުދިންނަށް ލިބޭ ފުރުސަތެއް މިއީ އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެންޏާ އެ ކުދިންނަށް. އެހެންވީމަ މިއަށް އެއްގޮތަކަށް ވެސް ހުރަސް އަޅާކަށް ބޭނުމެއް ނޫން. އެހެން ނަމަވެސް އެ ޕޮލިސީގައި ހުރި ނުކުތާތައް ކުޑަކުޑަ ބަދަލެއް ގެނެސް އަދި އެއަށްވުރެ ރަނގަޅުކުރަން އަޅުގަނޑުމެން ގަސްތުކުރަނީ."

މާރިޔާ ވިދާޅުވީ ރާއްޖޭގައި ޑިގްރީ ހަދާ 11،000 އަށްވުރެ ގިނަ ދަރިވަރުންނަށް މި އަހަރު 115 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެ އުސޫލު މިހާރު އޮންނަ ގޮތުން ޑިގްރީ އެއްކޮށް ހިލޭ ވަނީ ސަރުކާރުގެ ދެ ޔުނިވާސިޓީގައި އެކަންޏެވެ. އެއީ އިސްލާމިކް ޔުނިވާސިޓީ އަދި ގައުމީ ޔުނިވާސިޓީ އެވެ. އަމިއްލަ ކޮލެޖުތަކުން ހިންގާ ޑިގްރީ ކޯސްތަކުން ވެސް ވަކި ޕަސެންޓެއް ކަވަރުކޮށްދެ އެވެ.