Roadha Mihaaru
އީވިލް ޑެޑް ރައިޒް: އޮރިޖިނަލް ފިލްމަށްވުރެ ކާމިޔާބު

އީވިލް ޑެޑް ރައިޒް: އޮރިޖިނަލް ފިލްމަށްވުރެ 10 ގުނަ އިތުރު އާމްދަނީއެއް

24 އެޕްރީލް 2023

"އީވިލް ޑެޑް" ސީކުއެލްގެ އެންމެ ފަހުން ނެރުނު "އީވިލް ޑެޑް ރައިޒް" ފިލްމު އެޅުވި ފުރަތަމަ ހަފްތާބަންދުގައި 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

"އީވިލް ޑެޑް" ސީކުއެލްގެ އެންމެ ފަހުން ނެރުނު "އީވިލް ޑެޑް ރައިޒް" ފިލްމު އެޅުވި ފުރަތަމަ ހަފްތާބަންދުގައި 25 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

"ޑެޑްލައިން" ނޫހުން ބުނި ގޮތުގައި އެއީ 1981 ވަނަ އަހަރު ނިކުތް، މި ސީކުއެލްގެ އޮރިޖިނަލް ފިލްމު "ދަ އީވިލް ޑެޑް" އަށް ލިބުނު އާމްދަނީގެ ގާތްގަނޑަކަށް 10 ގުނަ އިތުރު އަދަދެކެވެ. އެ ފިލްމަށް ލިބިފައި ވަނީ 2.4 މިލިއަން ޑޮލަރެވެ. ފާއިތުވި އަހަރުތަކުގައި ފައިސާގެ އަގުތަކަށް އައި ބަދަލާ އަޅާކިޔާ ނަމަ، އެއީ ގާތްގަނޑަކަށް އަށް މިލިއަން ޑޮލަރެވެ.

މިދިޔަ ހުކުރު ދުވަހު ނެރުނު "އީވިލް ޑެޑް ރައިޒް" އަކީ މި ސީކުއެލްގެ ފަސްވަނަ ފިލްމެވެ. ފުރަތަމަ ފިލްމުގެ ފަހުން 1987 "އީވިލް ޑެޑް 2" ގެ ނަމުގައި ފިލްމެއް ނެރުނު އިރު، "އާމީ އޮފް ޑާކްނެސް" ގެ ނަމުގައި 1992 ވަނަ އަހަރު ނެރުނު ފިލްމުން ވަނީ "އީވިލް ޑެޑް" ޓްރިއޮލޮޖީ ނިންމާލައިފަ އެވެ.

އޭގެ އަހަރުތަކެއް ފަހުން ސީކުއެލް ރިބޫޓްކުރީ 2013 ވަނަ އަހަރު ނިކުތް "އީވިލް ޑެޑް" ފިލްމުންނެވެ. އެ ފިލްމަށް ވަނީ 97 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އޭގެ 10 އަހަރު ފަހުން ނެރުނު "އީވިލް ޑެޑް ރައިޒް" ފިލްމު ގުޅިފައި ވަނީ ސީކުއެލްގެ ފުރަތަމަ ޓްރިއޮލޮޖީއާ އެވެ.

ލީ ކްރޮނިން ޑައިރެކްޓުކޮށްފައިވާ "އީވިލް ޑެޑް ރައިޒް"ގެ މައިގަނޑު ރޯލުތަކުން އެލީސާ ސަދަލޭންޑާއި ލިލީ ސަލެވަން އާއި މޯގަން ޑޭވިސް އާއި މިއާ ޗޭލިސް އަދި ނެލް ފިޝާ ފަދަ އެކްޓަރުން ހިމެނެ އެވެ.

މިހާތަނަށް މި ފިލްމުން އަންނަނީ ކްރިޓީކްސް އާއި ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ހޯދައި، އާމްދަނީގެ ގޮތުން ވެސް ކާމިޔާބު ހޯދަމުންނެވެ.