Roadha Mihaaru
"ސުޕަމާރިއޯ ބްރޯސް" އަށް 700 މިލިއަން ޑޮލަރު

ދެ ހަފްތާ ތެރޭ "ސުޕަމާރިއޯ ބްރޯސް" ގެ އާމްދަނީ 700 މިލިއަން ޑޮލަރު ހުރަސްކޮށްފި

19 އެޕްރީލް 2023

ޕްރިމިއާ ކުރިތާ ދެ ހަފްތާ ތެރޭ "ސުޕަ މާރިއޯ ބްރޯސް.މޫވީ" ގެ ޖުމްލަ އާމްދަނީ، 700 މިލިއަން އެމެރިކާ ޑޮލަރު ފަހަނަޅައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޕްރިމިއާ ކުރިތާ ދެ ހަފްތާ ތެރޭ "ސުޕަ މާރިއޯ ބްރޯސް.މޫވީ" ގެ ޖުމްލަ އާމްދަނީ، 700 މިލިއަން އެމެރިކާ ޑޮލަރު ފަހަނަޅައިފި އެވެ.

މި މަހު ފަހެއްގައި ޕްރިމިއާ ކުރި އެނިމޭޓެޑް އެ ފިލްމުގެ ޓިކެޓް ސޭލް، ދެ ވަނަ ހަފްތާގައި ދަށްވެފައި ވަނީ ހަމައެކަނި 37 ޕަސެންޓެވެ. އެއީ އެހެން ފިލްމުތަކާ އަޅާބަލާއިރު ބޮޑު އަދަދެކެވެ. މި އަހަރު ނިކުތް ބޮޑެތި ބައެއް ފިލްމުތަކުން ވެސް ފުރަތަމަ ހަފްތާ އަށް ފަހު ޓިކެޓު ސޭލް ވަނީ ދެބައިކުޅައެއްބައި ދަށްވެފަ އެވެ.

ކޮވިޑްގެ ފަހުން 700 މިލިއަން ޑޮލަރު ފަހަނަޅާފައި ވަނީ އެންމެ 12 ހޮލީވުޑް ފިލްމަށެވެ. މި އެނިމޭޓެޑް ފިލްމަކީ ޕެންޑަމިކުގެ ފަހުން ދެ ވަނަ އަށް އެންމެ ކާމިޔާބު ކާޓޫނެވެ. އެއް ވަނައިގާ 942.5 މިލިއަން ޑޮލަރާއެކު އޮތީ ޔުނިވާސަލް އަދި އިލުމިނޭޝަންގެ "މިނިއަންސް: ދަ ރައިޒް އޮފް ގްރޫ" އެވެ.

"ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" ގެ ކެރެކްޓާއިން

"ދަ ސުޕަމާރިއޯ ބްރޯސް. މޫވީ" ގެ ކެރެކްޓާއިން

ފިލްމު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، "ސުޕަ މާރިއޯ ބްރޯސް. މޫވީ" އިން ވަރަށް އަވަހަށް، "ޑިސްޕިކަބަލް މީ" ގެ އެ ސްޕިން އޮފް ފަހާލައި، މި އަހަރު އެއް ބިލިއަން ޑޮލަރު ހުރަސްކުރާ ފުރަތަމަ ފިލްމަށް ވާނެ އެވެ.

އޭގެ އިތުރުން، ޑޮމެސްޓިކް އަދި ގްލޯބަލް ބޮކްސްއޮފީހުގައި "އެންޓްމޭން އެންޑް ދަ ވާސްޕް؛ ކުއަންޓަމޭނިއާ" ފަހާލުމަށް ފަހު، "ސުޕަމާރިއޯ ބްރޯސް" އޮތީ އެންމެ ގިނަ އާމްދަނީއެއް ހޯދި ފިލްމުގެ ލިސްޓުގެ އެއްވަނައިގަ އެވެ. އަދި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ވީޑިއޯ ގޭމް އެޑަޕްޓޭޝެންގެ ރެކޯޑު ވެސް މި ފިލްމުން ވަނީ ހޯދައިފަ އެވެ. އެއީ 2016 ވަނަ އަހަރު ނިކުތް "ވާކްރާފްޓް" (439 މިލިއަން ޑޮލަރު) އަދި "ޕޮކިމޯން: ޑިޓެކްޓިވް ޕިކަޗޫ" (449 މިިލިއަން ޑޮލަރު) ފަހާލުމަށްފަހު އެވެ.

ޔުނިވާސަލް އާއި އިލުމިނޭޝަން އަދި ނިންޓެންޑޯ ގުޅިގެން އުފެއްދި މި ފިލްމުގެ މެއިން ކެރެކްޓާއިންގެ އަޑު އަޅާފައިވާ އެކްޓަރުންގެ ތެރޭގައި، ކްރިސް ޕްރެޓް އާއި އާންޔާ ޓޭލާ ޖޯއީ އާއި ޖޭކް ބްލެކް އަދި ސެތު ރޯގެން ފަދަ މަޝްހޫރު އެކްޓަަރުން ހިމެނެ އެވެ.