Roadha Mihaaru

ނޯލަންގެ އާ ފިލްމަށް އަހަރެއް ކުރިން ޓިކެޓް ވިއްކަން ފަށައިފި

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ" ޕްރިމިއާކުރުމުގެ އަހަރެއް ކުރިން ފިލްމަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

ނޯލަންގެ އާ ފިލްމަށް އަހަރެއް ކުރިން ޓިކެޓް ވިއްކަނީ

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އާ ފިލްމު "ދަ އޮޑެސީ" ޕްރިމިއާކުރުމުގެ އަހަރެއް ކުރިން ފިލްމަށް ޓިކެޓް ވިއްކަން ފަށައިފި އެވެ.

"ދަ އޮޑެސީ"ގެ މަންޒަރުތައް ނަގާ ނުނިމެނީސް އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ވެސް އެއްކޮށް ނުނިމެނީސް އެ ފިލްމަށް ޓިކެޓް ވިއްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ފިލްމު ޕްރިމިއާކުރަނީ އަންނަ އަހަރު ޖުލައި 17 ގަ އެވެ.

އައިމެކްސް އިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުރި 26 ސިނަމާއަކުން އެ ފިލްމަށް ޓިކެޓް ވިއްކަން ބުކިންއަށް ހުޅުވާލައިފަ އެވެ. އެއީ މުޅިން ވެސް 1507 ފޯމެޓުގެ ސްކްރީންތައް ހުރި ސިނަމާތަކެވެ. އެއީ ފިލްމު އަޅުވަން މިހާރު ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ސްކްރީންތަކެވެ.

ޓިކެޓް ބުކިންއަށް ހުޅުވާލީ އަންނަ އަހަރު ޖުލައި 16 އިން 19 އަށެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އައިމެކްސް ސިނަމާއިން ޓިކެޓު ވިއްކަން ފެށުމާއެކު އެއް ދުވަހުން ވަނީ 1،800 ޓިކެޓު ވިކިފަ އެވެ. އެމެރިކާގެ ސިނަމާތަކުން ވިއްކަން ހުޅުވާލި ޓިކެޓުތައް ވަނީ އެންމެ ގަޑިއިރެއްގެ ތެރޭގައި ވިކި ހުސްވެފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފިލްމު ޓިކެޓުގެ ކަޅު ބާޒާރުގައި އެ ޓިކެޓްތައް 300-400 ޑޮލަރަށް މިހާރު ވިއްކަން ޖަހާފައި އެބަހުއްޓެވެ.

"ދަ އޮޑެސީ"ގެ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފަ އެވެ. އަދި އެ ފިލްމުގެ ޓީޒާ މިހާރު ބައެއް ސިނަމާތަކުގެ އިޝްތިހާރު ދައްކާ ވަގުތުތަކުގައި އަންނަނީ ދައްކަމުންނެވެ. އެ ޓީޒާ އޮންލައިންކޮށް ލީކުކޮށްލާފައި ވެސް ވެ އެވެ.

"ދަ އޮޑެސީ"އަކީ ގްރީކްގެ ޅެމެއް ކަމަށްވާ "އޮޑިސުސް"އަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ނޯލަން ހަދާ މި ފިލްމުގެ ލީޑު ރޯލަށް ނަގާފައި ވަނީ މާވެލްގެ "ސްޕައިޑަމޭން"ގެ ރޯލު ކުޅޭ އިނގިރޭސި އެކްޓަރު ޓޮމް ހޮލެންޑެވެ. އަދި އޭނާގެ ލޯބިވެރިޔާ، ހޮލީވުޑްގެ އެކްޓްރެސް ޒެންޑަޔާ ވެސް މުހިންމު ރޯލެއް ކުޅެ އެވެ.

އެ ދެތަރިންގެ އިތުރުން ނޯލަންގެ ފިލްމުތަކުގައި ކުރިން މަސައްކަތް ކޮށްފައިވާ އޭން ހެތުވޭ، ލުޕިތާ ޔޯންގް، ރޮބާޓް ޕެޓިންސަން، ޗާލީޒް ތީރޮން އަދި މެޓް ޑޭމަން ވެސް "ދަ އޮޑެސީ"ގައި އުޅެ އެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ނޯލަން އާއި އޭނާގެ އަންހެނުން އެމާ ތޯމަސް އެވެ.

ނޯލަންގެ އެންމެފަހުގެ ފިލްމަކީ 2022 ވަނަ އަހަރު ގެނެސްދިން "އޮޕެންހައިމާ" އެވެ. ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި އެ ފިލްމަށް ވަނީ 2023 ވަނަ އަހަރުގެ އޮސްކާގައި ވެސް ހަތް އެވޯޑެއް ލިބިފަ އެވެ. އެ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ.