Roadha Mihaaru
ރެކޯޑް އާމްދަނީއެއް، "ބާބީ" އަށް ބޮޑު ކާމިޔާބީއެއް

ރެކޯޑް އާމްދަނީއެއް ހޯދައި "ބާބީ" އަށް ބޮޑު ކާމިޔާބީއެއް

24 ޖުލައި 2023

ފުރަތަމަ ހަފުތާ ބަންދުގައި ރެކޯޑް އާމްދަނީއެއް ހޯދައި "ބާބީ" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ފުރަތަމަ ހަފުތާ ބަންދުގައި ރެކޯޑް އާމްދަނީއެއް ހޯދައި "ބާބީ" އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި "ބާބީ" އަށް ފުރަތަމަ ހަފުތާ ބަންދުގައި، ބޮކްސް އޮފީހުގައި 150 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެއާ އެކު، ފުރަތަމަ ހަފުތާ ބަންދުގައި، މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް މިހާރު އެ ފިލްމު ވަނީ ވެފަ އެވެ.

ފުރަތަމަ ހަފުތާ ބަންދުގައި މި ލިބުނީ އެ ފިލްމުގެ ބަޖެޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ. އެ ފިލްމުގެ ބަޖެޓަކީ 145 މިލިއަން ޑޮލަރެވެ.

"ބާބީ"އާ އެއް ދުވަހެއްގައި ޕްރިމިއާކުރި "އޮޕަންހައިމާ" އަށް، ފުރަތަމަ ހަފުތާ ބަންދުގައި ބޮކްސް އޮފީހުގައި ލިބުނީ 80 މިލިއަން ޑޮލަރެވެ. އެ ފިލްމު ބަޖެޓަކީ 100 މިލިއަން ޑޮލަރެވެ.

މި ދެ ފިލްމަށް ވެސް ކްރިޓިކުން ތައުރީފު ވަނީ އޮއްސާލައިފަ އެވެ. އަދި ރޭޓިން ވެސް ރަނގަޅެވެ.

"ބާބީ"ގެ ލީޑު ރޯލު ނުވަތަ ބާބީގެ ރޯލު ކުޅެނީ މާގޯ ރޯބީ އެވެ. އަދި ކެންގެ ރޯލު ކުޅެނީ ރަޔަން ގޯސްލިން އެވެ. އެ ފިލްމު ޑައިރެކްޓުކުރަނީ ގްރެޓާ ގާވިގް އެވެ.

ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ "އޮޕެންހައިމާ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ރޮބާޓް އޮޕެންހައިމާގެ ރޯލު ކުޅުނީ ކިލިއަން މާފީ އެވެ.