Roadha Mihaaru
މެލޭރިއާ ކޭސްއާ ގުޅިގެން ނުރައްކަލެއް ނެތް: އެޗްޕީއޭ

މެލޭރިއާ ކޭސްއާ ގުޅިގެން ނުރައްކަލެއް ނެތް: އެޗްޕީއޭ

18 އެޕްރީލް 2023

މިދިޔަ ހަފުތާގައި ރާއްޖެއިން ފެނިފައިވާ މެލޭރިއާ ކޭސްއާ ގުޅިގެން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ހަފުތާގައި ރާއްޖެއިން ފެނިފައިވާ މެލޭރިއާ ކޭސްއާ ގުޅިގެން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖެ އަންނަ ބައެއް މީހުން ފަރާތުން މެލޭރިއާ ކޭސްތައް ފެންނަ ކަމަށާއި އެކަން އެނގޭ ހިސާބުން ފަރުވާދިނުމުގައި ގެންގުޅޭ ޕްރޮޓޮކޯލަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

"[މި ކޭސް ފެނުނު] ހެލްތު ފެސިލިޓީއަށް ވާނީ ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

"މި ބަލި ފެތުރުމުގެ އެއްވެސް ނުރައްކަލެއް ނެތް."

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާ އަށް މިދިޔަ ހަފުތާގައި ޕޮޒިޓިވްވީ އިންޑިއާ މީހެކެވެ. އެނގިފައިވާ ގޮތުގައި މި މީހާ އަކީ ޖެނުއަރީން ފެށިގެން ރާއްޖޭގައި އުޅޭ މީހެކެވެ. އޭނާ އަށް ޖެހިފައި ވަނީ މެލޭރިއާގެ ނުރައްކާ ކުޑަ ވައްތަރެކެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ ރާއްޖެއިން ނައްތާލީ 2015 ވަނަ އަހަރު އެވެ. މެލޭރިއާ ނައްތާލާފައިވާ ގައުމެއްކަން ކަނޑައަޅައި އެކަމުގެ ލިޔުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ހަމަ އެ އަހަރު ވަނީ ރާއްޖެއަށް ދީފި އެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.

މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާއި އާއި ވައިރަލް ހުން ވަރަށް ބޮޑަށް އަންނަނީ ފެތުރެމުންނެވެ. އަދި ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުން އިތުރުވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.