މީގެ 14 އަހަރު ކުރިން 2011 ގައި އަމަލުކުރަން ފެށި ދުންފަތުގެ ކޮންޓްރޯލްކުރުމުގެ ގާނޫނު މި ހުރިހާ ތަނަކަށް ވެސް ފެތެ އެވެ. އެކަމަކު، އެކަން ގަބޫލުކުރާ ނުވަތަ އެނގޭ މީހަކު ހުރި ކަމަކަށް ގަބޫލު ނުކުރެވެ އެވެ. އެހެން ބުނަން ޖެހޭ ބައިވަރު ސަބަބުތައް މާލޭގެ އެކި ސަރަހައްދުތަކުން ފެންނަން އެބަހުއްޓެވެ. ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ނަމުގައި ހުއްދަ ނަގައިގެން ގާނޫނު ތަންފީޒުކުރަންޖެހޭ އިދާރާތަކުގެ ލޯކުރިމަތީގައި މި ކުރަނީ ދުންފަތުގެ ވިޔަފާރި އެވެ.
20 ފެބުރުއަރީ 2025
މީގެ 14 އަހަރު ކުރިން 2011 ގައި އަމަލުކުރަން ފެށި ދުންފަތުގެ ކޮންޓްރޯލްކުރުމުގެ ގާނޫނު މި ހުރިހާ ތަނަކަށް ވެސް ފެތެ އެވެ. އެކަމަކު، އެކަން ގަބޫލުކުރާ ނުވަތަ އެނގޭ މީހަކު ހުރި ކަމަކަށް ގަބޫލު ނުކުރެވެ އެވެ. އެހެން ބުނަން ޖެހޭ ބައިވަރު ސަބަބުތައް މާލޭގެ އެކި ސަރަހައްދުތަކުން ފެންނަން އެބަހުއްޓެވެ. ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ނަމުގައި ހުއްދަ ނަގައިގެން ގާނޫނު ތަންފީޒުކުރަންޖެހޭ އިދާރާތަކުގެ ލޯކުރިމަތީގައި މި ކުރަނީ ދުންފަތުގެ ވިޔަފާރި އެވެ.
ކެފޭ/ރެސްޓޯރެންޓަކަށް ދާ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުންނަށް ވެސް އޮތީ ނުރައްކަލެވެ. ވަދެ ނުކުމެ ހަދަން ޖެހެނީ ޝީޝާގެ ދުންގަނޑުގެ ތެރެއިންނެވެ. ކެފޭގެ ހުއްދައާ އެކު މުޅި ތަން ބަދަލުކޮށްލަނީ ޝީޝާ ލައުންޖަކަށެވެ. އެކަމަކު ފިޔަވަޅެއް ނާޅަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ ޝީޝާ ކެފޭ ލައުންޖުތަކުން މާލެ ސަރަހައްދު ފުރެމުންދިޔަ ނަމަވެސް އެކަމުގެ ހުއްދަ އޮންނަނީ ވަރަށް މަދުބައެއްގެ އަތުގައި ކަމަށެވެ. އެކަމަކު، ފެންނަ މަންޒަރުތަކަށް ބަލާއިރު އެ އަދަދު އެތައް ގުނައެއް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރެވޭނީ އެކަމަށް ހާއްސަ ތަންތަން ހަދައި ހުއްދަ ނަގައިގެންނެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދައަށް އެދޭ އިރު ކެފޭގައި މަދުވެގެން؛
- މީހުން ކެއުންބުއިމަށް ބޭނުންކުރާ ސަރަހައްދުގައި މަދުވެގެން 400 އަކަފޫޓު ހުންނަން ޖެހޭ
- މީހުން ކެއިންބުއިމަށް ބޭނުންކުރާ ތަނުގެ 50 ޕަސެންޓް ސްމޯކިން އޭރިއާއަށް ވުރެ ބޮޑުވެގެން ނުވާނެ
- ކޮންމެ ތަނެއްގައި (ކެފޭއެއްގައި) ދުންފަތް ބޭނުންކުރުމަށް ހާއްސަކުރެވޭނީ އެއް ތަން
- ކެފޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް ތަންކޮޅެއް ހާއްސަކުރިއަސް އެއީ ދުންފަތް ބޭނުން ނުކުރާ މީހުން ވަދެ/ނުކުތުމާއި ކައުންޓަރާއި ފާހަނާ ފަދަ ތަންތަނަށް ދާއިރު އަސަރުނުކުރާ ގޮތަށް ހުރި ތަނަކަށް ވާންޖެހޭ
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައި ސާފުކޮށް ބުނެފައި އޮތީ އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ދުންފަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. ސީދާ ޝީޝާގެ ނަން ބުނެފައި ނެތަސް އެ ވެސް ބަލާފައިވަނީ ދުންފަތުގެ ބާވަތުގެ ތެރޭގަ އެވެ. އެކަމަކު، އެކަން ވެސް ރަނގަޅަށް ތަންފީޒުނުވުމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
"ޝީޝާ ލައުންޖުތައް މިހާރު އެ ހިންގަނީ ގާނޫނާ ގަވާއިދާ ހިލާފަށް. އެޗްޕީއޭއަށް ޝަކުވާ ވެސް ލިބޭ. އިންސްޕެކްޓުކުރާއިރު ވެސް އެކަން ފާހަގަކުރެވޭ. ކެއިންބުއިމުގެ ހިދުމަތް ހޯދާ އެކި ފަރާތްތަކުން ސުވާލު ވެސް ކުރޭ މިއީ ކިހިނެއްވާ ކަމެއްތޯ،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ގަވައިދާ އެއްގޮތަށް ހިންގާ އެއްވެސް ޝީޝާ ލައުންޖެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ވަރަށް ގިނަ ތަންތަން އިންސްޕެކްޓު ކުރިއިރު، މި ފަހުން މާލެ ސަރަހައްދުގައި ހުޅުވި އެއް ތަން ފިޔަވައި ގަވައިދަށް ފެތޭ އެއްވެސް ތަނެއް ނެތެވެ.
"ޝީޝާ ބޯ ހުރިހާ ތަނަކީ އެއާކޮންޑިޝަން ކޮށްފައި ހުންނަ ތަންތަނަށް ވާތީ، އެ ހުރިހާ ތަނަކީ ވެސް ގާނޫނާ ހިލާފު ތަންތަން. އަޅުގަނޑަކަށް ނުފެނޭ ޝީޝާ ބަހައްޓާފައި، އޭސީ ނުކުރާ ތަނެއް. އޭސީ ނުކޮށް ހުއްޓަސް މި ވަގުތު މާލެ ސަރަހައްދުގައި ހާހުން ގުނާލެވޭ ވަރަށް ކެފޭ/ރެސްޓޯރެންޓުތައް ހުރެފައި އެ ހުރިހާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރާއިރު [ދުންފަތުގެ އިސްތިއުމާލުކުރުމުގެ] ހުއްދަ އޮތީ ގާތްގަނޑަކަށް 10 ވަރަކަށް ތަން. އެއީ މާލެއާ ހުޅުމާލެއާ ވިލިމާލެ އެއްކޮށް،" އޮފިޝަލް ވިދާޅުވި އެވެ.
މީހަކު ޝީޝާ ބޮނީ. މި ވެސް ހިމެނެނީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި.
"ހުޅުމާލޭގެ އެއްވެސް އޭރިއާއެއްގައި ނުހުންނާނެ ސްމޯކިން އޭރިއާގެ ހުއްދައެއް. ހުޅުމާލޭގެ އެއްވެސް ކެފޭ/ރެސްޓޯރެންޓެއްގައި ދުންފަތުގެ އިސްތިއުމާލުކުރަންޏާ އެ ކުރަނީ ގާނޫނާ ހިލާފަށް."
އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ގަވައިދަށް ޖެނުއަރީ، 2012 ގައި އަމަލުކުރަން ފަށައި ވަރަށް ގިނަ ބަޔަކު ޖޫރިމަނާކުރި ކަމަށެވެ. އެހެންވެ، 200 އެއްހާ ކެފޭ/ރެސްޓޯރެންޓްތަކުން ދުންފަތުގެ އިސްތިއުމާލްކުރުމުގެ ހުއްދަ ވަނީ ހޯދައިފަ އެވެ. މި ހުއްދައާ އެކު ވެސް ގަވާއިދާ ޚިލާފަށް ބައެއް ފަރާތްތަކުން ހިންގަ އެވެ. އެކަމަކު ތަންފީޒީ އިދާރާތަކުން ފިޔަވަޅު އަޅަމުން ނުދާތީ އެ ހުއްދަ އާ ކުރާ މީހުން ގިނަވި އެވެ.
"އިދާރާތަކުން އެ ކަންކަން މޮނީޓާކުރަން އާއްމުކޮށް އެ ތަންތަނަށް ދާ ނިޒާމެއް ނެތް. މާނައަކީ ހުއްދަ ދިނުމުގެ މަރުހަލާގައި ތަން ޗެކުކުރުމަށް ފަހު އަހަރެއް ވާއިރު ވެސް ރެންޑަމްކޮށް ޗެކް ނުކުރާކަން،" އޭނާ ވިދާޅުވި އެވެ.
އެ ގާނޫނު ތަންފީޒުކުރުމުގެ ބާރު އޮންނަނީ ފުލުހުން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީއާ ކަސްޓަމް އިދާރާއާ އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ކައުންސިލް އިދާރާތަކެވެ.
އޮފިޝަލް ވިދާޅުވީ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނަށް ސެޓްފިކެޓް ދޫކުރާއިރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަނެއްކަން އަންގައިދޭ ނޯޓިސް ހުރޭތޯ ބަލާ ކަމަށެވެ. އެގޮތަށް ނުހުންނަ ނަމަ ކެފޭގެ ވެރިފަރާތް ޖޫރިމަނާކުރެ އެވެ. ހުއްދަ އާ ކޮށްދެނީ އެ ފައިސާ ދެއްކުމުންނެވެ. ނަމަވެސް، އޭގައި އޮތް ބޮޑު ކަންބޮޑުވުމަކީ ހުއްދަ އޮވެފައި، އެ ގާނޫނާ ހިލާފުވިއަސް އެއްވެސް އަދަބެއް ނުލިބުމެވެ.
ދުންފަތް ކޮންޓްރޯލްކުުރުމާ ބެހޭ ގާނޫނު ވުޖޫދުވިއިރު ޝީޝާގެ ހިދުމަތް ދިނުމަށް މާލޭގައި ހިންގީ ހަތަރު ތަން ކަމަށް އެޗްޕީއޭގެ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު، ކޮވިޑުގެ ތެރޭގައި ޝީޝާގެ ހިދުމަތް ދޭ ތަންތަން މަނާކޮށް، ރަނގަޅަށް މޮނީޓާކުރުމަށް ފަހު ހުއްޓުނީ އެވެ. އެއާއެކު ގިނަ ބަޔަކު ހިދުމަތް ހޯދާ ކެފޭތައް ބަދަލުވީ ޝީޝާ ލައުންޖްތަކަށެވެ.
"ވަރަށް ބާރަށް ފުޅާވެގެން ދިޔަ ވިޔަފާރިއެއް. އޭގެ ސަބަބަކީ ރެގިއުލޭޓް ނުކުރެވުން. ރަނގަޅަށް ބަލައި އަޅަންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަނޑައެޅިގެން ގާނޫނުގައި މަނާގޮތަށް ހިދުމަތެއް ވަރަށް ގިނަ ކެފޭތައް މިގޮތަށް ދިޔައީ. އަނެއް ކަމަކީ، ޕަބްލިކް ހެލްތު އޭންގަލްއިން، ކޮވިޑަށް ފަހު ތަންތަން ހުޅުވަން ފެށިއިރު ވެސް ޝީޝާ ތަންތަން އޮޕަރޭޝަނަށް އަންނަނީ ހަވީރު. ހެނދުނު ނުހުޅުވާ. ހެނދުނު ނޫނީ ރޭގަނޑު. އެކަމަކު، ޝީޝާ އާއްމުވެ، އެކި އުމުރު ފުރައިގެ މީހުން ގޮސް ސޯޝަލައިޒްވާން، ވާހަކަދައްކާލަން ޝީޝާއަކަށް ދާން ދޫމަތީ ބަހަކަށް ވަނީ ބަދަލުވެފައި،" އޭނާ ވިދާޅުވި އެވެ.
"އޭރު ހަވީރާއި ރޭގަނޑު ކުރަމުން ދިޔަ ކަމެއް މިއަދާ ހަމައަށް ބަލާލާއިރު، ޝީޝާ ލައުންޖުތަކަކީ 24/7 ތަންތަން. ބްރޭކްފާސްޓު ވެސް ލިބޭނެ، ލަންޗު ވެސް ލިބޭނެ. ހެނދުނު އޮފީސް ގަޑީގައި މީހުން ގޮސްފައި ވެސް ޝީޝާ ބޯނެ. ޕަބްލިކް ހެލްތު ނަޒަރަކުން ބަލާއިރު ޝީޝާ މި އޮތީ ވަރަށް ބޮޑަށް ފެތުރިފައި."
ޝީޝާ ކެފޭއެއް ހިންގާ މީހަކު ބުނި ގޮތުގައި، ކޮވިޑަށް ފަހު އެ ވިޔަފާރި ފުޅާވެ، މިހާރު މަހެއްގެ މައްޗަށް މަދުވެގެން 500،000ރ. އާމްދަނީއެއް ލިބެ އެވެ. ކެއިންބުއިމުގެ ހިދުމަތް ދިނަސް އެ ތަންތަނަށް ގިނައިން ދަނީ ޝީޝާ ބޯށެވެ.
އެ ކަންބޮޑުވުންތައް، އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ވަކާލާތުކުރައްވާ ބޭފުޅުން ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވެސް ފާޅުކުރައްވައިފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ޝީޝާ ލައުންޖުތައް ގިނަވަމުން ދަނީ ރަނގަޅަށް ކަންކަން ތަންފީޒުނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވެފަ އެވެ.
މިކަން ހައްލު ނުވެ، ގިނަ ބައެއްގެ ސިއްހަތު ނުރައްކަލަކަށް ހުށަހެޅިފައި އޮތުމަކީ އެޗްޕީއޭގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
"މީގެ ފަހަތުގައި އޮތީ އިހުމާލު ހަމަ،" އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ތާރީހު ބުނެދެނީ ތަންފީޒީ ކަންތައް ވަރަށް ފަރުވާ ކުޑައޭ އަބަދު ވެސް. މި ފަހަރު ވަކި ތަފާތެއް ވާނެތޯ،؟" ގާނޫނަށް މި ފަހުން ގެނައި ބަދަލުތައް ތަންފީޒުކުރެވޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
ޝީޝާ ކެފޭއެއްގައި ދުންބޯވެފައި.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާއްމު ޕެޓްރޯލިންގެ ތެރެއިން މިހާރު ވެސް އާއްމު ތަންތަނުގައި ދުންފަތް ބޭނުންކުރާ ނަމަ ޖޫރިމަނާކުރާ ކަމަށެވެ. އެކަމަކު, އެ ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ފުއްޕާމޭގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ޝީޝާއަކީ ސިނގިރޭޓު ނުވަތަ ވޭޕަށް ވުރެ ހަށިގަނޑަށް ވަކި ފައިދާ ލިބޭ އެއްޗެއް ނޫނެވެ. އަމުދުން ބަންދު ތަނެއްގައި އެ ބޭނުންކުރާ ނަމަ ފުއްޕާމެއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި ބައެއް ޝީޝާ ކެފޭތަކަކީ ގޭންގުތަކުގެ މީހުން އެއްވާން ބޭނުންކުރާ ތަންތަނެވެ. އެހެންވެ، އެ ތަންތަން ދޭތެރެދޭތެރެއިން ފާސްކުރާކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ ތަންތަނުގައި ތިބޭ މީހުންނަށް ނުވަތަ ސީދާ ކެފޭއަށް އަމާޒުކޮށް ހަމަލާދީފައި ވެސް އެބަހުއްޓެވެ.
އޭގެ އެއް ހާދިސާއަކީ، ފުޅާ ދާއިރާއެއްގައި ޝީޝާ ކެފޭގެ ވިޔަފާރިކުރާ "ކެފޭ ޑި މާލެ" އަށް ބަޔަކު ދުރާލާ ރާވައިގެން ގެއްލުން ދިނުމެވެ.
ފުލުހުން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ގޭންގް ކްރައިމް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ނުރައްކާތެރި ހަތިޔާރާ އެކު ކެފޭއަށް ވަދެ އެތަނުގެ ތަކެއްޗާއި އިމާރާތަށް ގެއްލުން ދިނީ، ގްރޫޕްތަކުގެ މެދުގައި ޖެހުނު މައްސަލައެއްގައި ބަދަލު ހިފަން ކަމަށެވެ.
އެ ފަހަރު ކެފޭގެ ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލައި، ހެދިކާ ޑިސްޕްލޭ ކުރަން ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުކޮށްފަ އެވެ. މީގެ އިތުރުން ކެފޭގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށް ވެސް ގެއްލުންދީފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.
"އެއީ މާލެ އާއި ހުޅުމާލޭގައި ޖިނާއީ ކުށްކުރާ ގުރޫޕްތަކުގެ މެދުގައި ސިލްސިލާކޮށް ހިންގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ބަދަލު ހިފުމުގެ ރޫހުގައި ހިންގާފައިވާ އަމަލެއް ކަން ވަނީ ދެނެގަނެވިފައި،" އާރިފް ވިދާޅުވި އެވެ.
އެޗްޕީއޭއިން ވެސް ބުނީ ޝީޝާ ކެފޭތަކަކީ އިންސްޕެކްޓުކުރަން އެ އެޖެންސީ އަދި އެމްއެފްޑީއޭގެ މުވައްޒަފުންނަށް އެހާ ރައްކާތެރި ތަންތަން ނޫން ކަމަށެވެ. އޭގެ ގިނަ ތަންތަން ރޭގަނޑު ހުންނަނީ "ޕާޓީ ލައިޓް" ދިއްލައި، އަނދިރިކޮށްލައިފަ އެވެ. އޭގެ އަނެއްކޮޅުން، ގޭންގު ގްރޫޕްތަކުގެ ހަމަނުޖެހުންތައް ވެސް އެ ތަންތަނުގައި އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަކު، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުން ނަމަ ކަމާ ގުޅޭ ގަވާއިދުތައް ތަންފީޒު ކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ބޮލުގައި އަޅައިގެން ތިބި އިދާރާތައް ވަރަށް ގިނަ އެވެ. ހެލްތު މިނިސްޓްރީ އާއި ކަސްޓަމްސް އާއި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ކައުންސިލްތަަކަކީ ގަވާއިދު ތަންފީޒު ކުރަންޖެހޭ ކަމަށް ކަނޑައެޅިގެން ބަޔާން ކޮށްފައިވާ ތަންތަނެވެ. އެކަމަކު އަމަލީ ގޮތުން އެ ކަމެއް ނުފެނެ އެވެ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ދުންފަތުން ރާއްޖޭގައި އަހަރަކު 150 މަރު!
ކުޑަކުދިންގެ އާބާދީގެ ބޮޑު ބައެއް ދުންފަތުގައި!
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
މާލޭގެ ހަރުކަށި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި
ވެހިކަލް ޕާމިޓް ބޭނުން ކުރެވޭނީ އަންގާރަ އާ ހަމަޔަށް
ފާސް ދޫކުރާ ޕޯޓަލް އަށް ބާރުބޮޑުވެއްޖެ
ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން ނުފެނޭ
ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ހުއްޓުވައިފި