Roadha Mihaaru
ކުޑަކުއްޖަކަށް އަނިޔާކުރާ މައްސަލައެއް ބަލަނީ

ސ. މީދޫގައި ކުޑަކުއްޖަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ބަލަނީ

23 ޖެނުއަރީ 2017

ސ. މީދޫގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް ބަލަމުން ދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސ. މީދޫގައި މަންމައަކު އޭނާގެ ކުޑަ ދަރިފުޅަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް ބަލަމުން ދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކޮޓަރި ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ދަރިފުޅަށް އޭގެ އަސަރު ކުރާ ކަމާއި އެ ކުއްޖާ އަށް ކާން ނުދީ، އިހާނެތިކޮށް ހިތާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް އަންނަނީ ދައުރުވަމުންނެވެ. އެ ޕޯސްޓުގައި އެ ވާހަކަތައް ހަވާލާދީފައިވަނީ އަންހެން މީހާގެ ގޭގައި އުޅޭ އެހެން މީހަކާ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފޭސްބުކްގައި ދައުރުވާ ޕޯސްޓުގައި ބޭނުންކޮށްފައިވާ ފޮޓޯއަކީ އެކަމާ ގުޅުން ހުރި ފޮޓޯއެއް ނޫން ކަމަށާއި އެކަމަކު އެ ޕޯސްޓުގައި ބުނެފައިވާ އެހެން ވާހަކަތައް އެތަނުން ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އެއީ ހަގީގަތެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ ތަނަކުން ނުބުންޏެވެ.

އެކަމަކު އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކަށް ގެއްލުންވާ ފަދަ މާހައުލެއްގައި ޖެންޑާ މިނިސްޓްރީން އެ ކުއްޖާ ނުބަހައްޓާނެ ކަމަށާއި މީދޫގައި އަނިޔާ ލިބޭ ކަމަށް ބުނާ ކުއްޖާ ހުރީ އޭނާގެ މަންމަ ކައިރީގައި ކަމަށެވެ.

އެ މިނިސްޓްރީގެ ސީނިއާ އެހެން އޮފިޝަލަކާ ހަވާލާދީ އެހެން ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެއީ ހަގީގަތާ ހިލާފު ވާހަކައެކެވެ. އަދި އެއީ ކުޑަކުއްޖާގެ މަންމައާ ޒާތީ ގޮތުން ޖައްސާލާފައިވާ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށް ވެސް މިނިސްޓްރީއާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެ އެވެ.

މަންމަގެ އަނިޔާތަކުގެ ސަަބަބުން 2015 އަހަރު މަރުވި މުހައްމަދު އިބްތިހާލަށް ރައްކާތެރިކަން ދިނުމުގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ފުލުހުން އިހުމާލު ވެފައިވާތީ އެ މީހުންގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލާފަ އެވެ.