Roadha Mihaaru
ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ހައްގުގައި ޕެޓިޝަނެއް

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ހައްގުތައް ގެއްލޭތީ ޕެޓިޝަނެއް ހުށަހަޅަނީ

25 އެޕްރީލް 2022

އައްޑޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެކަމުގެ ޝިކާރައަކަށްވި ކުއްޖާގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވަލައި ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި އުމުރުން ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އެކަމުގެ ޝިކާރައަކަށްވި ކުއްޖާގެ ހައްގުތައް ގެއްލިފައިވާ ކަމަށާއި އެކަމުގައި ހިމެނޭ މީހާ ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވަލައި ޕެޓިޝަނެއް ތައްޔާރުކުރަން ފަށައިފި އެވެ.

އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ 59 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ކުއްޖާ ސްކޫލު ފާހާނައަށް ގެންދިޔަ އެތަނުގެ މަސައްކަތު މީހާ އެވެ.

އަންހެން މީހާ ފްރޭމްކުރީ ކަމަށް ބުނެ އައްޑޫގައި ހަމަނުޖެހުން ބޮޑުވިޔަސް ހައި ކޯޓުން ވަނީ އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށްފަ އެވެ.

އެކަމަކު ބުރާސްފަތި ދުވަހުގެ ރޭ އެ މީހާ ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އެންގުމުންނެވެ.

ފުލުހުން ބުނާ ގޮތުގައި އެ މައްސަލާގައި ލިބެންހުރި ހުރިހާ ހެއްކެއް ހޯދައި، ސުވާލުކުރަން ޖެހޭ ހުރިހާ މީހުން ސުވާލު ކުރި އެވެ. އެކަމަކު އެ މީހާ ފިޔަވައި އެހެން މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭނެ ވަރުގެ ހެއްކެއް ނެތެވެ.

އެހެންވެ، ކުއްޖާއަށް ޖިންސީ ގޯނާ ކުރި "އަސްލު ކުށްވެރިޔާ" ހައްޔަރުކުރަން ގޮވާލައި އީދު ބަންދަށް ފަހު ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް އައްޑޫގައި ކުރަމުން އެބަދެ އެވެ. އެކަމުގައި އިސްކޮށް އުޅޭ، ހުސެއިން ރަޝީދު "މިހާރު" އަށް ބުނީ ކުއްޖާއަށް "އެވަރުވީ" މީހަކު ޖިންސީ ގޯނާ ކުރުމުން ކަމަށާއި އެ މީހަކު އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

"އީދު ބަންދަށް ފަހު އަޅުގަނޑުމެން މިފަހަރު ޕެޓިޝަން ހުށަހަޅާނީ. މިފަހަރު މި މަަސައްކަތްކުރަނީ 5،000 އަށް ވުރެ ގިނަ މީހުންގެ ސޮއި ހޯދައިގެން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމަށް،" އޭނާ ބުންޏެވެ.

ހުސެއިން ބުނީ އެ ޕެޓިޝަނާ އެކު އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރާނެ ކަމަށެވެ. އޭނާ ބުނި ގޮތުގައި މައްސަލަ ފެންމަތިވުމާ އެކު އެ ތަހުގީގު ކުރިއަށް ގެންދިޔައީ ކުރިއަށް ގެންދަން ޖެހޭ ގޮތަކަށް ނޫނެވެ.

"މިކަހަލަ މައްސަލަތަކުގައި ވީޑިއޯ ބަޔާނެއް ނަގަން ޖެހުނަސް ކުއްޖާގެ ވީޑިއޯ ބަޔާނެއް ނަގާފައި ނުވާކަން ކޯޓު މަރުހަލާގައި އިނގިފައިވޭ،" އޭނާ ބުންޏެވެ.

އެ މައްސަލަ ބެލުމުގައި ފުލުހުންނާއި ޖެންޑާ ފެއިލްވެފައިވާކަން ތުހުމަތުކޮށް އޭނާ ބުނީ އެ މުވައްސަސާތަކުން އުޅެނީ ހަގީގީ ކުށްވެރިޔާ ފޮރުވަން ކަމަށެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ޒަހަމްވެ ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ވެސް ހުރި ކަމަށް ބުނެފައިވެ އެވެ.