Roadha Mihaaru
ޖެންޑާގެ ސިޓީގެ މައްސަލަ ބަލައިދޭން އާއިލާއިން އެދިއްޖެ

ޖިންސީ ގޯނާގެ މައްސަލާގައި ޖެންޑަ މިނިސްޓްރީން ފޮނުވި ސިޓީގެ މައްސަލަ އާއިލާއިން ޕޮލިހަށް

08 މެއި 2022

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ކުއްޖާގެ އާއިލާއާ ހަވާލާދީ ހުރި ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ މައްސަލަ ބަލައިދޭން އެދި ކުއްޖާގެ އާއިލާގެ ފަރާތުން ޕޮލިހަށް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ކުއްޖާގެ އާއިލާއާ ހަވާލާދީ ހުރި ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ މައްސަލަ ބަލައިދޭން އެދި ކުއްޖާގެ އާއިލާގެ ފަރާތުން ޕޮލިހަށް ހުށަހަޅައިފި އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ މާޗު މަހުގެ ފަހުކޮޅު ފެންމަތިވިއިރު އެންމެ ފުރަތަމަ އެ މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ 59 އަހަރުގެ އަންހެނެކެވެ. އެކަމަކު އެ މީހާ ދޫކޮށްލައި އެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ކުރެވޭނެ ކަމުގެ ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިންމުމުގެ ކުރިން ޖެންޑާ މިނިސްޓްރީން ވަނީ "ކަންބޮޑުވުންތަކެއް ހިއްސާކޮށް" ކަމާ ބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ ކުއްޖާ އަށް ލިބިފައިވާ އަނިޔާ އަކީ ކޮން އިރަކު ކިހިނެއް ލިބުނު އަނިޔާއެއްކަން ޑޮކްޓަރުންނަށް ވެސް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ދުވަހު ސްކޫލުން ގެޔަށް ގޮސް ވެސް ތަދުވާތީ ނޫޅޭ ކަމަށާއި އެ ދުވަހު ވެސް ކުއްޖާ އުޅުނީ އެހެން ދުވަސް ދުވަހު ވެސް އުޅޭ ގޮތަށް އެހެން ކުދިންނާ އެކު ކުޅެން ކަމަށް އެ ސިޓީގައިވެ އެވެ. އެކަމަކު ތުހުމަތުވާ މީހާގެ ބަންދަށް ތާއީދުކޮށް ހައި ކޯޓުން އޭރު ކުރި ހުކުމުގައިވާ ގޮތުން ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓުން، އޭރު ކުއްޖާގެ ކުރިމަތިފަރާތާއި ފުރަގަސްފަރާތުގައި "ފްރެޝް އިންޖަރީސް" ފެންނަން ހުރި ކަމަށް ރިޕޯޓުގައި އޮތެވެ.

އާއިލާ އިން ޕޮލިހަށް މައްސަލަ ހުށަހެޅީ އެ މީހުންނާ ހަވާލާދީ ޖެންޑާ މިނިސްޓްރީގެ ސިޓީގައި މި ވާހަކަތައް ހުރިކަން ފުލުހުންގެ ތަހުގީގުން އާއިލާއަށް އެނގުމުންނެވެ. އާއިލާއިން މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިނުން ފިޔަވައި މިކަމާ ބެހޭ އިތުރު ވާހަކައެއް ފުލުހުން ނުދެއްކި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ އޭރު ހައްޔަރުކުރި މީހާ ފިޔަވައި އިތުރު މީހަކު އެކަން ކުރިކަމުގެ ހެކި ނެތް ކަމަށެވެ. އެކަަމަކު އިތުރަށް މައްސަލަ ތަހުގީގުކޮށް މީހަކު ހައްޔަރުކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.