17 މެއި 2022
އައްޑޫގައި މި ފަހުން ފެންމަތިވި މައްސަލައިގައި ހަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި އެވެ. މެޑިކަލް ރިޕޯޓުތަކުގައި ލިބުނު ގެއްލުން ޑޮކްޓަރުން ތަފްސީލްކޮށްދީފައި އެބައޮތެވެ. ފެންނަން އޮތް ޖިންސީ އަނިޔާގެ އިތުރުން އެއީ އެ ކުއްޖާގެ މުޅި އުމުރަށް ދެމިގެންދާނެ ނަފްސާނީ ވެސް އަނިޔާ އެކެވެ. މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ތުހުމަތުކުރި އެވެ. އެއީ ސްކޫލުގެ މަަސައްކަތު އަންހެން މީހާ އާއި އެ ކުއްޖާގެ ކާފަ އެވެ.
އައްޑޫގައި މި ފަހުން ފެންމަތިވި މައްސަލައިގައި ހަ އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި އެވެ. މެޑިކަލް ރިޕޯޓުތަކުގައި ލިބުނު ގެއްލުން ޑޮކްޓަރުން ތަފްސީލްކޮށްދީފައި އެބައޮތެވެ. ފެންނަން އޮތް ޖިންސީ އަނިޔާގެ އިތުރުން އެއީ އެ ކުއްޖާގެ މުޅި އުމުރަށް ދެމިގެންދާނެ ނަފްސާނީ ވެސް އަނިޔާ އެކެވެ. މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ތުހުމަތުކުރި އެވެ. އެއީ ސްކޫލުގެ މަަސައްކަތު އަންހެން މީހާ އާއި އެ ކުއްޖާގެ ކާފަ އެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ކުއްޖާ ވި މައްސަލައިގައި ފުލުހުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ އަންހެން މީހާ އެވެ. އެކަމަކު، އެ ކުއްޖާގެ ކާފައަށް ވެސް ތުހުމަތު އިނގިލި ދިއްކޮށް ބޮޑު ސިޔާސީ އަރައިރުމަކަށް މިކަން ހެދި އެވެ. އެންމެ ފަހުން މައްސަލަ ނިމުނު އިރު، ތުހުމަތުކުރި ދެ މީހުން ވެސް ދޫވެ ކުއްޖާއަށް އިންސާފުގެ ހުރިހާ ދޮރުތައް ބަންދުވީ އެވެ. ހެކި ނެތިގެން ދައުވާނުކޮށް މައްސަލަ ފައިލްކޮށްލީ އެވެ.
މި ކަންބޮޑުވުމުން އަރައި ނުގަނެވި އުޅެނިކޮށް ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވި އެވެ. އެއް އާއިލާގެ ހަ ކުއްޖަކާ ޖިންސީ ގޯނާކޮށް، އެކުދިންނަށް ބަރަހަނާ ފިލްމު ދައްކައި ހެދިތާ އެތައް އަހަރެއް ފަހުން އެކަން ފަޅާއަރައި އެ މައްސަލައާ ގުޅިގެން ތުހުމަތުވާ މީހާ ހައްޔަރުކޮށް މަސް ދުވަހަށް ބަންދުކުރިޔަސް ދެވަނަ ފަހަރަށް ބަންދު އިތުރުކުރަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީ އެވެ.
ސަބަބެއްގެ ގޮތުގައި ދެެއްކީ އެކަމުގެ ޝިކާރައަކަށްވި ކުދިން މިހާރު ބޮޑެތިވެފައި ތިބުމާއި ޕީޖީ އޮފީހުން މައްސަލައާ ގުޅޭ ގޮތުން ދޭ ލިޔުން ބަންދު ރިވިއުގައި އާ ލިޔުމެއްގެ ގޮތުގައި ހުށަހަޅަން ޖެހުން ފާހަގަކޮށްފައިވެ އެވެ. އެކަމަކު މައްސަލަ ބަލަން ފެށުމާ އެކު ފުރަތަމަ ދޭ ލިޔުމަށް ބަންދު އަމުރު ދެމެހެއްޓުމާއި ރިވިއުކުރުމުގައި ކުރިން އެތައް މައްސަލައެއްގައި ބަލާފައިވާއިރު މިހާ ބޮޑެތި ސީރިއަސް މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން އެކަހަލަ ސަބަބުތަކާ ހުރެ ދޫވެގެން ދިއުމަކީ ބަލައިގަންނަން ފަސޭހަ ކަމަކަށް ނުވެ އެވެ. އެކަމުގެ ސަބަބުން ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ލިބުމަށް ހުރަސް އެޅެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ލިބުން ލަސްވާތީ ޒުވާންތަކެއް އަޑުއުފުލަނީ-- ފޮޓޯ: އަހުމަދު އަވްޝަން | މިހާރު
ހަ ކުދިންނާ ބެހުނު މީހާ ކޯޓުން ދޫކޮށްލުމުން، އެ ކަންބޮޑުވުން ހިއްސާކުރަމުން އެތަނުން ކުއްޖެއްގެ މަންމައަކު "މިހާރު" އަށް ބުނީ ރާއްޖޭގައި ކިރިޔާ ވެސް އިންސާފެއް ލިބެން އޮތް ތަނަކީ ކޯޓު މަރުހަލާ ކަމަށް އޭނާ ގަބޫލުކުރި ނަމަވެސް އެ ކަހަލަ ކަންކަމާ ހުރެ ކޯޓުތަކަށް އޮންނަ އިތުބާރު ގެއްލޭ ކަމަށެވެ.
ކުދިންނަށް ބެހުނު މީހާއާ ދެކޮޅަށް އެތައް ހެއްކެއް ހުށަހެޅުމުން އާދައިގެ ކަމެއްގައި ކޯޓު މަރުހަލާއިން ދޫވުމުން ކުދިންނަށް އިންސާފު ނުލިބޭނެ ކަމަށް އޭނާ ދެކެ އެވެ. ސަބަބަކީ އެ ދުވަހު އާ ލިޔުމެއް ނެތް ކަމަށް ބުނެ ކޯޓުން އޭނާ ދޫކޮށްލިއިރު ފުލުހުން އޮތީ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ.
"އެ މައްސަލައާ ގުޅިގެން އޭނާގެ ގެ (ތުހުމަތުކުރެވޭ މީހާ އުޅޭ) ބަލައިފާސްކޮށް އެ ގެއިން ގެންދިޔަ ޕެންޑްރައިވްގައި ހުއްޓޭ ކުދިންގެ ބައިވަރު ބަރަހަނާ ފޮޓޯތައް އެކި ގޮތްގޮތަށް ނަގުވާފައި. އެ ހުރިހާ ކުދިން އެބަ ބުނޭ ބިރު ދައްކައިގެން އެކަން އޭނާ ބެހުނު ކަމަށް. މި ހުރިހާ ހެއްކެއް ހުށަހަޅާފައި އޮއްވާ އެވަރުގެ މީހަކު ދޫވީމަ ދެން ކޮންތަނަކަށްތޯ އަޅުގަނޑުމެން އިންސާފު ހޯދަން ދާނީ،" އެ ކުއްޖާގެ މަންމަ ބުންޏެެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މިހާ ދެ ވަނަ ފަހަރަށް އަމުރެއް ހޯދައިގެން ފުލުހުން ހައްޔަރުކުރުމުން ކޯޓުން މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މިއީ، ރާއްޖޭގެ ހާލަތެވެ. އެފަދަ އެތައް މައްސަލައެއް އިންސާފަށް ވާސިލްނުވެވި އެބަހުއްޓެވެ. ގަޅޮޅު ސްކޫލުގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ވެސް ފައިލްކުރީ ހަމަ އެއްވެސް ހެއްކެއް ނެތިގެންނެވެ. ތުހުމަތުވާ މީހުން ސަލާމަތްވެ ޖިންސީ ގޯނާގެ މައްސަލަތައް ހިނދިގެންދާއިރު އެކަމުގެ ޝިކާރައަކަށްވާ ކުއްޖާގެ މުޅި ދިރިއުޅުން ހަލާކުވީ އެވެ.
ކުޑަ އާބާދީއެއް އޮތް ގައުމަކާ އަޅާބަލާއިރު ރާއްޖެއަކީ ޖިންސީ ގޯނާގެ މައްސަލަތައް ނިސްބަތުން ގިނަ ގައުމެކެވެ. ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ މާޗު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މަހު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ހާނިކަކޮށްގެން 40 މައްސަލަ ހުށަހަޅާފައިވެ އެވެ.
ފެންނަން އޮތީ ޒިންމާ އެޅިފައި ތިބި ދައުލަތުގެ މުއައްސަސާތަކަށް އެ ކުދިން ރައްކާތެރި ނުކޮށްދެވޭ ކަމެވެ. ފުލުހުން ތަހުގީގު ފަށަ އެވެ. ޖެންޑާ އިން އެސެސްމެންޓްތައް ހަދަ އެވެ. މި މަރުހަލާތަކުގެ ތެރެއިން ތުހުމަތުވާ މީހާ ދޫވުމުން ނުވަތަ އެ މީހަކު އަތު ނުޖެހުމުން އެއީ "ނުވާ ކަމެއްގެ ގޮތުގައި ނިންމާލަނީ" އެވެ. މައްސަލަ ފައިލްކޮށްލަނީ އެވެ.
ނިޒާމުން ހޯދޭ މާ ބޮޑު ހައްލެއް އޮތް ކަމަކަށް މި މައްސަލަތައް ތަހައްމަލުކުރާ ގިނަ އާއިލާތަކުން ނުދެކެ އެވެ.
ކުދިންނަށް އިންސާފު ހޯދައި ނުދެވޭ ކަމުގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެއީ އެ މީހުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ހައްލުތައް ހޯދަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް ނުނެރެވެނީ ނަތީޖާ އެވެ. މައްސަލައަކީ އެއީ އެވެ.
ކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުން އަންނައިރު އެކަމުގައި ތުހުމަތުވާ މީހާ ދޫވުމަކީ ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީސީ)ގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެފަދަ މީހުން މުޖުތަމައުގެ ތެރެއަށް ދޫވުމުގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތް ކަމަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެހާ ކަންބޮޑުވާއިރު ނިޒާމުގެ ތެރެއިން ހައްލު ނުހޯދެނީ ކީއްވެތޯ ސުވާލުކުރުމުން މިނިސްޓްރީން ބުނީ، އެ ސާވިސްގެ މިންގަނޑުގެ ދައުރަކީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ހުށަހެޅޭ މައްސަލަ ތަހުގީގުކުރުމާއި ޝަރީއަތާ ހަމައަށް ގެންދިއުމުގެ ޒިންމާ އަދާކުރާނީ ގުޅުން ހުރި އިދާރާތަކުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ޖިންސީ ގޯނާގެ މައްސަލަތަކުގައި އެންމެ މުހިއްމުކަމެއްގެ ގޮތުގައި އެ މިނިސްޓްރީން ކުރާ މަސައްކަތަކީ ކުއްްޖާއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އެހެންވެ ތުހުމަތުކުރެވޭ ފަރާތުގެ ކިބައިން ކުއްޖާ ރައްކާތެރިކުރުމަށް އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރާއިރު އެ މިނިސްޓްރީން ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓަކީ ރަނގަޅު ބުރަދަނެއް ހުރި ލިއުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ ޒުވާނުންތަކެއް އެމީހުންގެ ކަންބޮޑުވުންތައް ޕޯސްޓަރުތަކެއްގައި ލިޔެގެން އަޑުއުފުލަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ނިޒާމު ހަރުދަނާ ކުރުމަށް އެކި މުވައްސަސާތަކާ އެކު މަޝްވަރާކުރި ކަންކަން:
- މެޑިކަލް ރިޕޯޓް ތައްޔާރުކުރުމުގައި ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކޮށް، ޑޮކްޓަރުން ތަމްރީންކުރުމާ މެދު މަޝްވަރާކޮށްފައިވޭ.
- ކުޑަކުދިންގެ ކޭސްތަކުގައި ތަމްރީން ލިބިފައިވާ އަންހެން ފުލުހުން އިތުރުކުރުން.
- ރަށްރަށުގެ ޗައިލްޑް ސެންޓާޑް އިންވެސްޓިގޭޝަން ހަރުދަނާކުރުމަށް ހޯމް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވޭ.
- ޖެންޑާ މިނިސްޓްރީން ހަދައި އެސެސްމަންޓްގެ ފެންވަރު ރަނގަޅުކުރުމަށް އެކި ފަހަރު މަތިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހާ މަޝްވަރާކޮށްފައިވޭ.
ފުލުހުން ބުނީ ޖިންސީ ގޯނާކުރާ މީހުން މުޖުތަމައުގެ ތެރޭގައި އުޅުމަކީ އެ މުއައްސަސާއިން ވެސް އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެދި އާއިލާތަކުގެ މަސްލަހަތު ވެސް އެފަދަ މައްސަލަތާ ގުޅިގެން ގެއްލޭ ކަމަށެވެ. އަދި އެންމެ ބޮޑު ނުރައްކަލަކީ އެކަހަލަ މީހުން މުޖުތަމައަށް ދޫވެފައިވުމުގެ ސަބަބުން ކުށް ތަކުރާރުވާ ހާލަތްތައް އަންނާތީ ކަމަށް ފުލުހުން ބުންޏެވެ.
ކަމާ ގުޅޭ އެހެން މުވައްސަސާތަކުގެ އެހީތެރިކަމާ އެކު ޖިންސީ ގޯނާގެ މައްސަލަތައް ފުލުހުން ބަލަމުން އަންނައިރު އެ އިދާރާއިން ދެކެނީ ނިޒާމުގެ ތެރެއިން މީހުން ދޫވާ މައްސަލަތަކާ ގުޅިގެން އެދެވޭ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައި ޒުވާނަކު ޕޯސްޓަރެއް ހިފައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން | މިހާރު
މީހުން ދޫވާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި އިޖްރާއީ ގޮތުން ދިމާވާ މައްސަލަތަކަށް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އަހުލުވެރި ކުރުވުމާއި، އަދި އަލަން އުފަންވާ އިޖުރާއީ މައްސަލަތަކާއި އެއްގޮތަށް ތަހުގީގުތައް ބައްޓަން ކުރުމާއި ގާނޫނާއި ގަވާއިދާ އަދި ކޯޓުގެ ނިންމުންތަކަށް އަހަލުވެރިކުރުމުގެ މަސައްކަތްތައް ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި އެކަހަލަ ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހަކު ބަންދުން ދޫވެއްޖެނަމަ އެކަމާއި ގުޅިގެން ލިބިފައިވާ ހެއްކާއި ގަރީނާ ވަޒަންކޮށް، އަލުން ބަންދަށް ގެންނަން ޖެހޭ ފަދަ ހާލަތްތަކުގައި ނިޒާމުގައި ހިމެނޭ ފަރާތްތަކާއި އެކު ހާއްސަ މަސައްކަތްތަކެއް ވެސް ކުރެވެ އެވެ. އަދި ހެކި ހޯދުމާއި، ހެކި ރައްކާތެރިކުރުމަށް ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ފަހުގެ ވަސީލަތްތަކާއި ތަމްރީނާއި ހުނަރު އިތުރުކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.
ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަޝްވަރާތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ބުންޏަސް އޭގެ ނަތީޖާއެއް މިހާތަނަކަށް އަދި ނުފެނެ އެވެ. އެކަހަލަ މައްސަލަތަކުގައި ދޫވާ މީހުން އިތުރުވެ އިންސާފަށް އެދި ގޮވަމުން މަގުތަކަށް ނިކުންނަ މީހުންގެ އަދަދު އިތުރުވެއްޖެ އެވެ. އެންމެން ވެސް އާދޭސްކޮށް ގޮވަމުން އެދަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށެވެ. އެހެން ކުއްޖަކަށް ނުބެހެނީސް ތުހުމަތުވާ މީހާ ބަންދުކޮށްދިނުމަށެވެ.
ކޮންމެ ފަހަރަކު ވެސް ޖިންސީ ގޯނާގެ މައްސަލަތައް ގިނަވެ މީހުން ހައްޔަރުކުރުން ލަސްވުމުން މަގުތަކަށް ނިކުމެ އެކަމުގެ ނުރުހުން ފާޅުކުރެ އެވެ. އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުންދަނީ އެމީހުންނަށް ވެސް އެ މައްސަލަތައް ހައްލު ނުކުރެވި މުވައްސަސާތައް ވެސް ފެއިލްވީމަ އެވެ.
މީގެ ދެ އަހަރެއް ކުރިން އުފެދުނު، "ރައިޒްއަޕް އެމްވީ" އަކީ ވެސް އިޖުތިމާއީ މައްސަލަތަކާ ގުޅިގެން އަޑުއުފުލަމުން އަންނަ މޫމެންޓެކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން ރާއްޖޭގައި މިފަހުން ބޭއްވި ގިނަ އިހުތިޖާޖުތަކެއް ރާވަމުން އައި މޫމެންޓުން ވެސް ވަނީ މި މައްސަލައާ ގުޅިގެން އޮތް ކަންބޮޑުވުންތައް ބަންޑުންކޮށްލައިފަ އެވެ.
އެ މޫމެންޓްގެ އެންމެ ކަންބޮޑުމަކަށް އޮތީ މާބޮޑު މައްސަލަތަކަކަށް ނަހަދައި މި މައްސަލަތައް ދިގުލައިގެން ދާތީ އެވެ. މިސާލެއްގެ ގޮތުގައި ފާހަގަކުރީ އައްޑޫގައި ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 23 ދުވަސް ވަންދެން މީހަކު ފްރޭމްކޮށް ޖަލުގައި ބޭއްވުމަށް ފަހު ދޫކޮށްލިއިރު އަދި އަދަށް ވެސް ޖިންސީ ގޯނާކުރި މީހާ ހައްޔަރުނުކުރާތީ އެވެ.
"މިކަހަލަ އެތައް މައްސަލަތަކެއް ފެންމަތިވެ މީހުން ހައްޔަރުކުރިޔަސް 24 ގަޑިއިރު ފަހުން އެމީހުން ކޯޓުން ދޫކޮށްލަނީ ހެއްކެއް ނެތޭ ކިޔާފައި. ދެން ހެކި ހޯދަން އަޅުގަނޑުމެންތޯ ނިކުންނަންވީ،" އެ ޖަމިއްޔާއިން ބުންޏެވެ.
އެ މޫމެންޓުން ބުނީ ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް އޮތް މިންވަރާ އަޅާބަލާއިރު ހެކި ލިބެންވާ މިންވަރަށް ލިބިގެން ޖިންސީ ގޯނާގެ މައްސަލައެއްގައި އަދަބު ލިބުނު މީހުންގެ އަދަދު "އަތުން ގުނާލެވޭހާ މަދު" ކަމަށެވެ.
އެ މޫމެންޓުން ބުނި ގޮތުގައި ކޯޓުތަކުން އެކަށީގެންވާ ގޮތެއްގައި ހެކިތަކަށް ރިއާޔަތްނުކޮށް ކުށްވެރިން ދޫކޮށްލާ މައްސަލަތަކެވެ. ބައެއް ފަހަރު ރަށްރަށުގައި ޖިންސީ ގޯނާކުރާ މީހާއަކީ އެ ރަށެއްގެ ކޯޓެއްގެ ގާޒީއާ އާއިލީ ގުޅުން އޮންނަ މީހަކަށްވާ ހާލަތްތައް މެދުވެރިވެ އެމީހުން ދޫކޮށްލާ ކަމަށް ވެސް އެ މޫމެންޓުން ތުހުމަތުކުރި އެވެ.
އެކަމަކު އެމީހުން މިނިވަންވުމުގެ ސަބަބުން އެެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އެކަން އަޅުވަން މަސައްކަތްކުރާއިރު މީގެ އަސްލު މައްސަލައަކަށް ހައްލެއް ނުލިބެ އެވެ. އޭގެ ބަދަލުގައި ކުއްޖާގެ މުޅި ދިރިއުޅުން ހަލާކުވީ އެވެ.
އެއް އޮތޯރިޓީ އަނެއް އޮތޯރިޓީއަށް އިނގިލި ދިއްކޮށްލަ ކޮށްލާ ތިއްބާ އެތައް ކުޑަކުދިންގެ ދިރިއުޅުން ހަލާކުވެގެން އެބަދޭ -- ރައިޒް އަޕް މޫމެންޓް
އަނެއް ކަމަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން އަންނަ، "އޮފެންޑާސް އެމްވީ" ވެބްސައިޓު މެއިންޓެނަންސްގެ މަސއްކަތެއްގައި އިންނަކަމަށް ދައްކާތާ އެތައް އަހަރެއްވެފައިވާތީ ކުށްވެރިންގެ މައުލޫމާތު ހޯދުމަށް އޮތް ދައްޗެވެ.
ޖިންސީ ޝިކާރައަށް ވުމަކީ ކުއްޖެއްގެ މުޅި ހަޔާތުގައި މުޅިންހެން އަނދިރި ދުވަސްތަކެއް ހޭދަކުރަންޖެހޭ ކަމެކެވެ.
ތިބާ ސައިކޮލޮޖީގެ ފައުންޑާ އަދި ސައިކޮލިޖިސްޓެއް ކަމަށްވާ ނަދާ ޝަރީފް، "މިހާރު" އަށް ވިދާޅުވީ އެކަހަލަ ކުދިންގެ ހެދިބޮޑުވުމަށް ނުރަނގަޅު އެތައް އަސަރެއް ކުރާ ކަމަށެވެ. އެކަހަލަ ކަންކަމުގެ ސަބަބުން ކުދިންގެ ހަށިގަނޑުގައި ބައެއް ފަހަރު އެކި ކަހަލަ އަނިޔާގެ ނިޝާންތައް ފެންނަން ހުރުމަކީ ވެސް އޭގެ ސަބަބުން އުނދަގުލަކާ އެ ކުދިން ކުރިމަތިލާންޖެހޭ ކަމެކެވެ.
ނަދާ ވިދާޅުވި ގޮތުގައި ޖިންސީ ގޯނާގެ ސަބަބުން ކުދިންނަށް ކުރާ ނޭދެވޭ އަސަރުގެ ތެރޭގައި އެކުދިންނަށް ކަންކަމަށް ކުރިމަތިލާން ފަސްޖެހުމާއި މީހުންނަށް އިތުބާރުކުރަން ދަތިވެ، އެކި މީހުންނާ އޮންނަ ގުޅުމަށް ވެސް ބަދަލުތަކެއް އަންނަ ކަމަށެވެ. އަދި ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް އުނދަގޫ ކަމަކަށް އެކުދިންނަށްވެ އެވެ.
"ކުއްޖާގެ ވިސްނުމަށް ވެސް ބަދަލުތަކެއް އަންނާނެ. މިސާލަކަށް ސްކޫލުގައި ކިޔަވައިދޭއިރު އެ ކުދިންނަށް އެބަ އުނދަގޫވޭ އެޓެންޝަން ދޭން. ކިޔަަވައިދޭ އެއްޗަކަށް ފޯކަސް ކުރަން ދަތިވޭ. ބައެއް ހާލަތްތަކުގައި ކިޔަވަން ފޫހިވެސް އެބަވޭ،"
ނަދާ ވިދާޅުވީ ޖިންސީ އަނިޔާ ލިބޭ ބައެއް ކުދިންނަކީ ވައެލެންޓް ބިހޭވިއާއެއް ހުންނަ ކުދިން ކަމަށެވެ. އެކި ކަހަލަ މައްސަލަތަކާ ގުޅިގެން ވަރަށް ބޮޑަށް ރުޅިއައިސްފައި އެކުދިންނަށް ރިއެކްޓް ކުރެވޭ ގޮތްވެ އެވެ.
2020 ގައި މާލޭގައި ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި އެ ފަދަ ހާދިސާއެއް ދިމާވި ޒުވާނަކު ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އަސަރުތަކަކީ ބައެއް ކުދިންގެ އެހާ އަވަހަށް ފިލައިގެންދާ ކަންކަމެއް ވެސް ނޫނެވެ. މިއީ ވަރަށް ދިގު މުއްދަތަކަށް ކުރިމަތިވާ އުނދަގޫތަކަކަށްވާތީ ނަފްސާނީ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިއްމުކަމެކެވެ.
އެހެންވެ، ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި އެމިނިސްޓްރީން ޖިންސީ ޝިކާރައަކަށްވާ ކުދިންނަށް ނަފްސާނީ އެހީތެރިކަންދެ އެވެ. ޖެންޑާ މިނިސްޓްރީގެ ކައުންސެލިން އެންޑް ސައިކޮލޮޖިކަލް ސަޕޯޓް ސެކްޝަނުގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ އެކި ފަރާތްތައް މެދުވެރިކޮށް، އެކި ކުދިންނަށް ކައުންސެލިން ސެޝަންތައް ދެނީ އެކުދިންގެ ހާލަތު ރިއާޔަތްކޮށްފަ އެވެ.
އެކަމަކު ނަފްސާނީ އެހީތެރިކަމުން އެކަނި ފުދޭނެ ހެއްޔެވެ؟ ކުއްޖާއަށް ޖިންސީ ގޯނާކުރާ މީހާ މުޖުތަމައުގެ ތެރޭގައި ދޫވެފައި ހުރިހާ ހިނދަކު ލޮލު ފިޔަ ޖަހާ ލެވިދާނެތޯ ސުވާލު އުފެދެ އެވެ. ވަކިން ހާއްސަކޮށް ޖިންސީ ވަކިތަކުގެ ޝިކާރައަކަށްވާ ބައެއް ކުދިންނަކީ ގޭތެރޭގެ މާހައުލުގައި އެ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހޭ ކުދިންށްވާއިރު ތުހުމަތުކުރެވޭ މީހުން ދޫވެ އަނބުރާ ހަމަ އެ މާހައުލަށް ދޫކޮށްލުމަކީ އެނގި ތިބެ އެކުދިންގެ ފުރާނަ ނުރައްކަލަށް ވައްޓާލުން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ.
މީގައި އެންމެ ހިތްދަތިކަމަކީ އެއްވެސް މީހެއްގެ މައްސަލަ ސާބިތުނުވެ މައްސަލަ ފައިލްކޮށްލާ ހިސާބެވެ. އެކަމަކު މީހަކު ދީގެން ނޫނީ ނުލިބޭނެ އެތައް އަނިޔާތަކެއް ހުންނައިރު އެއްވެސް މީހަކަށް ތުހުމަތުނުކުރެވޭންވީ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ޖިންސީގޯނާގެ ތުހުމަތުކުރެވޭ މީހަކު ދޫކޮށްލައިފި
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފި
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް
3އަހަރުގެ ކުއްޖަކާ ބެހުނު 76އަހަރުގެ މީހަކު ހައްޔަރު
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި