18 ޖުލައި 2022
ރ. އަތޮޅުގެ ރަށެއްގައި މިދިޔަ އަހަރު ޓީޗަރަކާއި އިތުރު ތިން މީހަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން އިންސާފު ނުލިބި އާއިލާ އިން އަނެއްކާވެސް އުދާސްތައް ބަންޑުންކޮށްލައިފި އެވެ.
ރ. އަތޮޅުގެ ރަށެއްގައި މިދިޔަ އަހަރު ޓީޗަރަކާއި އިތުރު ތިން މީހަކުވެގެން ސްކޫލު ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން އިންސާފު ނުލިބި އާއިލާ އިން އަނެއްކާވެސް އުދާސްތައް ބަންޑުންކޮށްލައިފި އެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި، އޭރު ގްރޭޑް އަށެއްގައި ކިޔަވަމުން ދިޔަ ކުއްޖާ ރޭޕްކުރީ ކްލާސް ޓީޗަރާއި އިތުރު ތިން މީހަކު، ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ކުއްޖާ ގެންގޮސްގެންނެވެ. އުމުރުން އޭރު 14 އަހަރުގެ އެ ކުއްޖާ ވަނީ ތަހުގީގީ އިދާރާތަކަށް ވެސް އެކަން ހިނގައިދިޔަ ގޮތް ކިޔައިދީ، ބަޔާން ވެސް ދީފަ އެވެ.
އެކަމަކު އެ މައްސަލައާ ގުޅިގެން ހެކި ނެތް ކަމަށް ބުނެ، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާނުކުރަން ނިންމައި މައްސަލަ ވަނީ ފައިލްކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުން ހިއްސާކޮށް ކުއްޖާގެ ބައްޕަ "މިހާރު" އަށް ކިޔައިދިން ގޮތުގައި މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހިނގައިދިޔަ އެ ހާދިސާއާ ގުޅިގެން ކުއްޖާގެ ބަޔާން ފުލުހުންނާއި ޖެންޑާއިން ވެސް ވަނީ ނަގައިފަ އެވެ. އަދި ޑޮކްޓަރުންގެ ރިޕޯޓުން ވެސް ކުއްޖާ ރޭޕްކޮށްފައިވާ ކަމަށް ދައްކަ އެވެ.
"ދަރިފުޅު މިއޮތީ ކިޔައިދީފައި ފުލުހުންނާއި ޖެންޑާއަށް ވެސް އެކަން ހިނގި ގޮތް. ޑޮކްޓަރުންގެ ރިޕޯޓުން ވެސް ހެކި އެ އޮތީ ފެންނަން. އެވަރުން ވެސް އަހަރެއްވިއިރު އަޅުގަނޑުގެ ދަރިފުޅަށް އިންސާފު ލިބުމުގެ ކޮޅުމަތި ވެސް ނުފެނިގެން މިއުޅެނީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީއަކާ ހަވާލާދީ ފުލުހުން އެ މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް އާއިލާއަށް ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން ވެސް ތުހުމަތުކުރެވޭ ޓީޗަރު އިތުރު ބަޔަކާ ބައިވެރިވެގެން ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ބިރު ދައްކައި ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތަހްގީގުގައި ކުއްޖާ ބުނެފައިވާތީ އެ ޓީޗަރުގެ ބައިވެރިވުމެއް އޮތް ކަމަށް ތަހްގީގަށް ބެލެވޭ ކަމަށެވެ.
އެގޮތަށް ސިޓީގައި އޮތް ނަމަވެސް ޕީޖީ އޮފީހުން މައްސަލަ ފައިލް ކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބައްޕަ ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އާއިލާ އިން ދެން ސިޓީއަކުން އެދިފައި ވަނީ އެ މައްސަލަ އަލުން ރިވިއުކުރެވޭނެ ގޮތެއް އޮތްތޯ އެވެ.
"ޕީޖީން ބުނީ ފުލުހުން އެ މައްސަލައާ ގުޅިގެން ދޭ ޖަވާބެއް އަންގަން. ފުލުހުން ބުނީ ހެއްކާއި ގަރީނާ ހުރި ނަމަ ކުރިއަށް ދާނެ ވާހަކަ. އެކަމަކު އަހަރެއްވީއިރު ވެސް މައްސަލަ ކުރިއަށް ނުދާތީ ކަންބޮޑުވަނީ."
އެ ހާދިސާއާ އެކު ކުއްޖާ އެ ސްކޫލަށް ކިޔަވަންދާން ވެސް ބޭނުމެއް ނުވި އެވެ. އެންމެ ފަހުން މިހާރު ކިޔަވައިދެނީ މާލޭގެ ސްކޫލެއްގައި ކަމަށް ބުންޏެވެ.
"އެކަން ހިނގާދިޔައިމަ ކުއްޖާ ބުނެފި ތިމަންނަ ބޭނުމެއް ނުވެޔޭ އެތަނަށް ކިޔަވަންދާކަށް ވެސް. އޭނާގެ ކޮއްކޮއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. ސްކޫލަށް ދާން ދެކޮޅު ހަދަން ފެށީމަ މާލެއަށް ގެނެސް ކިޔަވައިދެމުން މިދަނީ،" ތިން އަންހެން ކުދިންގެ ބައްޕަ ބުންޏެވެ.
ކުއްުޖާ އަށް އިންސާފު ނުލިބި ދިގުލައިގެންދާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އަނެއްކާ ވެސް އާއިލާއަށް ޝަކުވާތައް ބަންޑުންކޮށްލަން މަޖުބޫރުވެފައި ވަނީ އެ ހާދިސާއާ ގުޅޭ އޯޑިއޯތަކެއް ލީކުވެގެންނެވެ.
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ޓީޗަރުގެ ކޯލް ރިކޯޑިންތަކެއް ލީކުކޮށްލާފައިވާއިރު "ސަމަރޭ" އަކާއި "އެޑަމް" އެއްގެ އިތުރުން އެ ތުހުމަތުކުރާ ޓީޗަރު ދައްކާ ވާހަކަތަކެއް އަޑުއިވެ އެވެ. ކުއްޖާ އެ ވާހަކަތައް ނުކިޔައިދޭ ނަމަ އެކަހަލަ ކަމެއް ނުހިނގަނީ ކަމަށް ބުނެ އެ މީހުން ވާހަކަ ދައްކާފައި ހުރިއިރު އެ މައްސަލައާ ގުޅިގެން ކުންފުންޏެއްގެ އިސް ބޭފުޅަކު، ސަރުކާރުގެ ބައެއް މިނިސްޓަރުންނާ ވާހަކަ ދެއްކެވި ކަމަށް އެ މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކެއް ވެސް އިވެ އެވެ.
އެހެންވެ މައްސަލަ އެހާ ބޮޑަށް ލަސްވެފައި ވަނީ ބަޔަކު ނުފޫޒު ފޯރުވާތީ ކަމަށް ބެލެވޭ ކަމަށް އާއިލާ އިން ބުންޏެވެ.
"ވަކި މީހަކަށް އަޅުގަނޑުމެން ތުހުމަތެއް ނުކުރަން. އެކަމަކު އެ އޯޑިއޯތަކުން އެބަ އިނގޭ ޑިލޭވެދާނެކަން ނުފޫޒުވުން ވެސް."
ކުއްޖާ ސްކޫލުގައި އުޅެނިކޮށް މިދިޔަ އަހަރުގެ މާޗު މަހުގެ ތިން ވަނަ ދުވަހުގެ ވަގުތެއްގައި ޓީޗަރު ވަނީ ސްކޫލުގެ ކަމަކު ކަމަށް ބުނެ ކުއްޖާ ގެސްޓްހައުސްއެއްގެ ކައިރިއަށް ގެންގޮސްފަ އެވެ. އަދި އެންމެ ފުރަތަމަ ޓީޗަރު މައްޗަށް އެރުމަށް ފަހު ކުއްޖާ އަށް ގޮވައި އެ ކުއްޖާ ވެސް އެރުވި އެވެ. އަދި އެތަނަށް ވެއްދުމަށް ފަހު ކުއްޖާ ތަނެއްގައި ބޭންދުމަށް ފަހު ޖޫސް ތައްޓެއް ދިން ކަމަށްވެ އެވެ.
"ކުއްޖާ ކިޔަައިދީފައި އެބަވޭ އެތަނަށް ވެއްދިއިރު މޫނު ނިވާކޮށްގެން ފުލުސް ޔުނިފޯމްގައި ހުރި މީހަކު ވެސް ހުއްޓޭ. އެތަނުގައި ބައިންދާފައި ޖޫސް ދޭން އުޅެން ހެދީމަ ނުބޯނަމޭ ބުނީމަ ގަދަކަމުން ވަޅިން ބިރު ދެއްކީ ބައްޕަގެ މެޝިނުގައި ރޯކޮށްލާނަމޭ، މަންމަ މަރާލާނަމޭ ކިޔާފައި. އެހެންވެ އެ ބުއީ ކަމަށް ބުނީ. އޭގެ ފަހުން ފައި އެއްސިއޭ، އޭގެ ފަހުން ގައިގައި އަތްލިކަން އެނގެޔޭ ދެން ވީ ގޮތެއް ނޭނގެއޭ ކިޔައިދިނީ."
ކުއްޖާ އަށް އެ ދުވަހު ސްކޫލުން ދިޔަ ފަހުން ވީގޮތެއް ނޭނގިގެން އާއިލާއިން ރުގްޔާ ވެސް ކިޔެވި އެވެ. އެކަމަކު ރުގްޔާކުރި މީހާގެ ލަފާގެ މަތިން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކުއްޖާ އަށް ޖިންސީ އަނިޔާވެސް ކޮށްފައިވާ ކަމެވެ.
"އަޅުގަނޑަކީ ނިކަމެތި އާއިލާއެއްގެ މީހެއް. ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކާއި އިތުރު ދެ އަންހެން ކުދިން އަޅުގަނޑުގެ ހުންނަނީ. ދުވަހަކު ވެސް ހިތަކަށް ނާރާ މިކަހަލަ ކަމެއް އަޅުގަނޑުގެ ދަރިއަކަށް ވެދާނެއޭ. ދަރިފުޅު އެ ދިން ބަޔާނާ އެއްގޮތަށް އިންސާފު އަޅުގަނޑު ބޭނުމީ." އޭނާގެ ބައްޕަ ބުންޏެވެ.
ކުއްޖާ ކުރިން ފުލުހުންނާއި ޖެންޑާއަށް ކިޔައިދީފައިވާ ބަޔާނުގެ އޯޑިއޯއެއް ވެސް ލީކުވެފައިވެ އެވެ. އޯޑިއޯތަކުގެ މައްސަލައާ ގުޅިގެން އާއިލާ އިން އިއްޔެ ވަނީ ޖެންޑާއަށް އެކަން ބަލައި އިންސާފު ހޯދައިދިނުމަށް އެދި އާދޭސްކޮށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސާވިސް އިން ބުނީ ކުއްޖާގެ ކޭސް އެ ސާވިސް އިން މޮނިޓާކުރަމުން އަންނަ ކަމަށާއި ކުއްޖާ މިހާރު އުޅެމުންދަނީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުމުން ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމައި ޕީޖީ އޮފީހުން ޑިކްލައިންކޮށްފައިވާތީ އެ މައްސަލަ ފުލުހުން ފައިލްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ކުއްޖާގެ އިތުރު އެސެސްމަންޓްތަކެއް އެބަ ހަދަން: ޕޮލިސް
ރުގްޔާކުރަން ހަތަރު މައިން ރަހީނުކޮށް، ޖިންސީ ގޯނާ
ކައިވެނީގެ ނަމުގައި ރޭޕްކުރުމުން ހައްޔަރުކޮށްފި
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލަބަލަނީ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ގޯނާގެ މައްސަލައާއެކު ޝިދާތާ އިހުސާސްތައް ބޭރުކޮށްލައިފި
ރޭޕް ކޭސް: ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި