Roadha Mihaaru
ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާ ދޫކޮށްލައިފި

ޖިންސީ ގޯނާގެ ތުހުމަތުވި ދުވަސްވީ މީހާއަށް ދައުވާ ނުކުރަން ނިންމައި، ބަންދުން ދޫކޮށްލައިފި

21 އެޕްރީލް 2022

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، އޭނާ މިރޭ ބަންދުން ދޫކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާގެ މައްޗަށް ދައުވާ ނުކުރަން ނިންމައި، އޭނާ މިރޭ ބަންދުން ދޫކޮށްލައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި އެ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން އިއްޔެ ވަނީ ތާއީދުކޮށްފަ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އެ މީހާ މިރޭ ދޫކޮށްލީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އެންގުމުން ކަމަށެވެ. އެހެންވެ، މިރޭ އޭނާ ބަންދުން ދޫކޮށްލީ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެ މައްސަލާގައި ލިބެންހުރި ހުރިހާ ހެއްކެއް ހޯދައި، ސުވާލުކުރަން ޖެހޭ ހުރިހާ މީހުން ސުވާލު ކުރި އެވެ. އެކަމަކު 59 އަހަރުގެ މީހާ ފިޔަވައި އެހެން މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭނެ ވަރުގެ ހެއްކެއް ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ މީހާ ދޫކޮށްލަން ގޮވާލައި، އައްޑޫގައި ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަނެއްގައި ވެސް ސޮއިކުރި އެވެ. އެ މައްސަލާގައި އަނިޔާލިބުނު ކުއްޖާގެ އާއިލާ މީހަކަށް ވެސް ބަޔަކު އެކަމުގެ ތުހުމަތު ކުރާއިރު، ހިއުމަން ރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ދަނީ ބަލަމުންނެވެ.