Roadha Mihaaru
އައްޑޫން ހައްޔަރުކުރި އަންހެންމީހާ ދޫކޮށްލަން ޕެޓިޝަނެއް

ޖިންސީގޯނާގެ ތުހުމަތަށް ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއް

13 އެޕްރީލް 2022

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދި 3000 މީހުންގެ ސޮޔާ އެކު ހަތަރު އިދާރާއަކަށް ޕެޓިޝަން ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދި 3000 މީހުންގެ ސޮޔާ އެކު ހަތަރު އިދާރާއަކަށް ޕެޓިޝަން ހުށަހަޅައިފި އެވެ.

އެ ޕެޓިޝަން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅުމުގައި އިސްކޮށް އުޅުނު ހުސެއިން ރަޝީދު "މިހާރު" އަށް ބުނީ ޝަރަފުއްދީން ސްކޫލުގައި މަސައްކަތްކުރާތާ 29 އަހަރުވެފައިވާ އެ އަންހެން މީހާގެ ފަރާތުން އެ ސްކޫލުގެ މުސްކުޅި ދަރިވަރަކަށް ވެސް އަދި މިހާރު ކިޔަވަމުން އަންނަ ކުއްޖަކަށް ވެސް ޖިންސީ ގޯނާ ލިބުނު ކަމުގެ އަޑު ކުރިން އަރާފައި ނުވާ ކަމަށެވެ.

ރަނގަޅަށް ހިނގާބިނގާވެ ނޫޅެވޭ 59 އަހަރުގެ އަންހެނަކު އެ މައްސަލާގައި ހައްޔަރުކުރުމުން އައްޑޫގައި ހަމަނުޖެހުން ބޮޑުވެ މުޒާހަރާ ވެސް ކުރި އެވެ. އަންހެންމީހާ ހައްޔަރުކުރީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ސްކޫލު ފާހާނާއަށް ގެންދިޔައީ އޭނާ ކަމަށް ވާތީ ކަމުގެ ތުހުމަތުކުރެ އެވެ. އެކަމަކު ކުއްޖާ ފާހާނާއަށް ގެންދިއުމުގެ ކުރިން ވެސް އެކުއްޖާ އުޅުނު ގޮތުން އޭނާއަށް ޖިންސީ ގޯނާ މާކުރިން ލިބިފައިވާ ކަމަށް މީހުން ތުހުމަތުކުރެ އެވެ.

ހުސެއިން ބުނި ގޮތުގައި އަންހެން މީހާގެ ބަންދަށް ލުޔެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމްގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް ވެސް ވަނީ މައްސަލައ ހުށަހަޅައިފަ އެވެ. އަދި އައްޑޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވެސް ސޮއިކުރެއްވި އެ ޕެޓިޝަން މެންދުރެއްހާއިރު އެ ކައުންސިލަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

"މި ޕެޓިޝަނަކީ ސިޔާސީ ގޮތުން ނުފޫޒާއި ބާރު އޮތް ބަޔަކު ތަހުގީގު އެހެންކޮޅަކަށް އަނބުރާލުމަށް ސްކޫލުގެ މަސައްކަތު މީހަކު ފްރޭމްކުރުމުން އެ އަންހެން މީހާއަށް އިންސާފު ހޯދައިދޭން އެދި ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅި ޕެޓިޝަނެއް،" ހުސެއިން ބުންޏެވެ.

ހުސެއިން ބުނީ އަންހެން މީހާ ހައްޔަރުކުރިތާ މިހާރު 20 ދުވަސްވިޔަސް އޭނާގެ ބަޔާން މިހާތަނަށް ނަގާފައި ނުވާ ކަމަށެވެ. އެހެންވެ ރަނގަޅަށް ތަހުގީގު ހިންގައި މިކަމުގައި އަސްލު ޝާމިލުވާ މީހާ ހައްޔަރުކޮށް އޭނާއަށް ދެވެން އޮތް އެންމެ ބޮޑު އަދަދެއް ދިނުމުގައި ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.

ޝަރީއަތް ނިމެންދެން އެ އަންހެން މީހާ ބަންދުކޮށްފައި ހުއްޓަސް މި މައްސަލައިގައި ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރަނީ ކުއްޖާއަށް ޖިންސީ ގޯނާކުރީ އޭނާގެ ކާފަ ކަމަށެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާކަމަށްވެ އެވެ. ގައިގެ އެކި ތަންތަނުގައި ވަކި އަޅާފައި ހުރި ކަމުގެ ނިޝާން ހުއްޓަސް އެ މައްސަލައިގައި އިތުރު އެހެން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް މިހާތަނަށް ހެކި ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.