Roadha Mihaaru
ކުދިންނަށް އަނިޔާކުރާ މައްސަލަތައް ގިނަ ވަނީ

ކުދިންނަށް އަނިޔާކުރާ މައްސަލަތައް ގިނަ ވަނީ

15 ނޮވެމްބަރ 2017

ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުޑަކުދިންނަށް އަނިޔާކުރުމާ ގުޅިގެން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތައް އިތުރުވަމުންދާކަން އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 272 މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 122 މައްސަލަ އަކީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގެ ތެރޭގައި ވެސް އެންމެ ގިނައީ އެ ކުދިންނަށް އިހުމާލުވެގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެ ފަދަ 33 މައްސަލައެއް ހުށަހަޅާފައިވާއިރު ޖިންސީ ގޯނާކޮށްގެން، 28 މައްސަލައެއް އަދި ޖިސްމާނީ ހާނިއްކަ ކުރުމާ ގުޅިގެން 25 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ބުލީ އަދި ފުރައްސާރަ ކުރުމުގެ 15 މައްސަލައަކާއި ނަފްސާނީ ހާނިއްކަ ކޮށްގެންނާއި ގެވެށި އަނިޔާތައް ފެނި ނުވަތަ ދެއްކުމުގެ ނުވަ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ސައިބާ ބުލީން އާއި ކުދިންގެ ފަރާތުން ނާޖާއިޒް ފައިދާ ނެގުމުގެ ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އެ މިނިސްޓްރީން އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، އެކި ކަހަލަ ކުށްތައް ކޮށްގެން 18 ކުއްޖެއްގެ މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ވައްކަން ކުރުމާއި މާރާމާރީ ހިންގުމާއި ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ހިމެނެ އެވެ.

ކުޑަކުދިންގެ އަޚުލާގީ 19 މައްސަލައެއް ވެސް މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމާއި ރުޅިގަދަވުމާއި ގެއިން ނިކުމެގެން ދިޔުން ހިމެނެ އެވެ.

އާއިލީ ގިނަ މައްސަލަތަކެއް ކުޑަކުދިންނަށް ދިމާވެގެން ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ކުދިން ބެލުމުގައި ދިމާވާ މައްސަލަތައް ކަމަށް ޖެންޑާއިން ބުންޏެވެ.