Roadha Mihaaru
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ

01 އޯގަސްޓް 2023

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި އަހަރު ވެސް މަދު ނުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މި އަހަރު ވެސް މަދު ނުވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ކުޑަކުދިންނާ ގުޅޭ 1،500 އަށްވުރެ ގިނަ މައްސަލަ ޖެންޑާ އަށް ހުށަހަޅާފައިވެ އެވެ. ޖެނުއަރީ މަހާއި މެއި މަހު ހުށަހެޅި މައްސަލަތަކުގެ އަދަދު 300 ގައި އުޅޭއިރު އެހެން ކޮންމެ މަހަކު 200 އިން މައްޗަށް މި އަދަދު އަރަ އެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. ހަ މަސް ތެރޭ 144 މައްސަލަ ހުށަހަޅާފައިވެ އެވެ.

ޖެނުއަރީ: 27 މައްސަލަ

ފެބްރުއަރީ: 27 މައްސަލަ

މާޗް: 13 މައްސަލަ

އޭޕްރީލް: 21 މައްސަލަ

މޭ: 31 މައްސަލަ

ޖޫން: 25 މައްސަލަ

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ 251 މައްސަލަ ހުށަހަޅާފައިވެ އެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އޭގެ ތެރޭގައި ބިރުދެއްކުމާއި ފުރައްސާރަ ކުރުން ހިމެނެ އެވެ.

ހަ މަހު ހުށަހަޅާފައިވާ އާއިލީ މައްސަލަތަކުގެ އަދަދު އުޅެނީ 198ގަ އެވެ. އެ މުއްދަތުގައި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 102 މައްސަލަ އާއި ކުޑަކުދިންގެ އަހުލާގާ ގުޅޭ 105 މައްސަލަ ހުށަހަޅާފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތެރޭގައި ކުދިން ސްކޫލަށް ނުފޮނުވުމުގެ މައްސަލަތައް ކޮންމެ މަހަކު ވެސް ހުށަހަޅަ އެވެ.

މި އަހަރު ފެށުނުއިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 183 ކުދިންނެވެ. މި އަހަރުގެ މިހާތަނަށް އަލަށް 10 ކުއްޖަކު ވަނީ ޖެންޑާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އެ މުއްދަތުގައި ފޮސްޓާކުރި ކުދިންގެ އަދަދު އުޅެނީ ހައެއްގަ އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި ބެލެހެއްޓުން 140 މައްސަލަ މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ.