Roadha Mihaaru
ސާޖިންގެ ދަތުރު މި ރޯދަމަހު ވެސް ކުރިއަށް!

ސާޖިންގެ ދަތުރު މި ރޯދަމަހު ވެސް ކުރިއަށް؛ އަދިވެސް މުހިންމު ވާހަކަތަކެއް

31 މާޗް 2023

ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް ދެ މަސް ދުވަސް ވާން ކައިރިވާއިރު މި ރޯދަމަހު ވެސް އޭނާ އުޅެނީ އެ ދަތުރުގަ އެވެ. މިހާރު އޭނާ ހުރީ ހއ. ކެލާގަ އެވެ. އެއީ މި ދަތުރުގައި ދިޔަ 11 ވަނަ ރަށެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ރާއްޖޭގެ "އުތުރުން ދެކުނަށް" ފެށި ދަތުރަށް ދެ މަސް ދުވަސް ވާން ކައިރިވާއިރު މި ރޯދަމަހު ވެސް އޭނާ އުޅެނީ އެ ދަތުރުގަ އެވެ. މިހާރު އޭނާ ހުރީ ހއ. ކެލާގަ އެވެ. އެއީ މި ދަތުރުގައި ދިޔަ 11 ވަނަ ރަށެވެ.

ސާޖިން ބުނީ އެ ދަތުރުގައި ކޮންމެ ރަށެއްގައި 3-5 ދުވަހު މަޑުކޮށް، އެ ރަށަކާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރަމުން އަންނަ ކަމަށެވެ. ރަށްތައް ކަވަރުކަން އެހާ ގިނަ ދުވަސް ނަގަނީ އެހެންވެ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ރަށެއްގެ ވެސް 80-90 ޕަސެންޓް މައުލޫމާތު ނަގައިގެން އަނެއް ރަށަށް ފުރަނީ،" އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތައް ކަމަށްވާ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް، އެ ދަތުރުގައި ރަށްރަށުން ދިމާވާ ތަފާތު އެކި މީހުންގެ ވާހަކަތަކާއި ރަށްރަށުގައި ހުންނަ ތަފާތު ތާރީހީ ތަންތަނާއި މަސްވެރިކަމާއި ދަނޑުވެރިކަމާ އަދި ރަށްރަށުގައި މީހުން ކޮށް އުޅޭ އެކި ކަހަލަ މަސައްކަތްތަކުގެ ފޮޓޯ އާއި ވީޑިއޯ އޭނާ އަންނަނީ ހިއްސާކުރަމުންނެވެ.

ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކޮންމެ ރަށަކާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރޮފައިލް ވީޑިއޯއެއް ވެސް ސާޖިންގެ ޓީމުން އަންނަނީ ގެނެސްދެމުންނެވެ. އެ ވީޑިއޯތައް މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:45 ގައި ޓީވީއެމުން މިހާރު އަންނަނީ ދައްކަމުންނެވެ.

ސާޖިން ބުނީ ހއ. އަތޮޅުގައި 180 ޑައިވް ޕޮއިންޓް އޮތްއިރު، އެތަނުން ހަތް ޑައިވް ޕޮއިންޓަކަށް އޭނާ މިހާރު ހިނގައްޖެ ކަމަށެވެ.

"މި ތަންތަނުގެ ގުދުރަތީ ފުރިހަމަ ކަމަކީ މީހަކު ބަލައި ފޫހި ނުވާނެ މަންޒަރުތަކެއް. މި ހުރިހާ މަންޒަރެއް ވެސް ނަގަމުން މި ދަތުރުގައި ކުރިއަށް މި ދަނީ،" އޭނާ ބުންޏެވެ.

"މި ދަތުރު މިގޮތަށް ހއ. ފެށިގެން އައްޑުއާ ހަމައަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިއްޖެ ނަމަ، މި ރާއްޖޭގެ ހުރިހާ ރަށަކާ ބެހޭ ހުރިހާ މައުލޫމާތެއް އެއްކުރެވޭނެ."

ސާޖިން އެ ދަތުރު ފެށީ ހއ. ތުރާކުނުންނެވެ. މިހާރު އެ އަތޮޅު އުލިގަމާއި މުޅަދު އާއި ހޯރަފުށްޓާއި އިހަވަންދު އާއި ތަކަންދު އާއި ދިއްދު އާއި އުތީމާއި މުރައިދޫ އަދި ވަށަފަރަށް ހިނގައްޖެ އެވެ.