Roadha Mihaaru
އިހަވަންދޫން ތަފާތު ރަހައެއް: ހިކިމަސް ޗިޕްސް

އިހަވަންދޫން ތަފާތު ރަހައެއް: ހިކިމަސް ޗިޕްސް

20 ފެބުރުއަރީ 2023

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށަކަށް "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި، މިއީ މިހާތަނަށް އޭނާއަށް ކާލަން ލިބުނު އެންމެ ތަފާތު ކަނޑުމަހުގެ އުފެއްދުމެވެ؛

އިފްރާޒް އަލީ އިފްރާޒް އަލީ

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށަކަށް "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި، މިއީ މިހާތަނަށް އޭނާއަށް ކާލަން ލިބުނު އެންމެ ތަފާތު ކަނޑުމަހުގެ އުފެއްދުމެވެ؛

ހއ. އިހަވަންދުއަށް ހާއްސަ، މި އުފެއްދުމަށް ކިޔަނީ "ހިކިމަސް ޗިޕްސް" އެވެ.

"އަހަންނާއި އަހަރެންގެ ޓީމު ވެސް އަދި ނުކައި މިހާ މީރުކޮށް ހަދައިފައި ހުރި މަހެއް،" ސާޖިން ބުންޏެވެ.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

އިހަވަންދޫގައި ހިކިމަސް ޗިޕްސް ތައްޔާރުކުރާ އައިޝަތު ރަޒިއްޔާ ބުނި ގޮތުގައި، މިހާރު މިއީ ވަރަށް މަގުބޫލު އުފެއްދުމެކެވެ. މި ވިއްކާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު، އޭނާއަށް ކޮންމެ ދުވަހަކު ލިބޭ އޯޑަރުތަކުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

"ރޭގައި ވެސް ފަސް ދަޅު ބޯޓުން ފޮނުވައިފިން. އެހެން ރަށަކުން 10ރ. އަށް ދޭ ވަރުގެ 100 ޕެކެޓްގެ އޯޑަރެއް ވެސް އަތުވެއްޖެ،" އޭނާ ބުންޏެވެ.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހިކިމަސް ޗިޕްސް ހަދަން އައިޝަތު ރަޒިއްޔާ ބޭނުންކުރަނީ ގިތެޔޮ މިރުހާއި ލުނބޮޔާއި ނޫޑްލްސް ސޫޕާއި މުގުރާފައި ހުންނަ އަސޭމިރުހާއި ފެނާއި ވަޅޯ މަހެވެ.

ފުރަތަމަ ކުރާ ކަމަކީ ލުނބޯ ހުތް ފިތާފައި އޭގެ ތެރެއަށް ސޫޕާއި އަސޭމިރުސް އަޅަނީ އެވެ. އަދި ކުޑަ ފެން ފޮދެއް ވެސް އަޅައި އެ އެއްޗެހި އެއްކުރަނީ އެވެ. ފެން އަޅާނީ، ބޭނުންކުރާ ވަޅޯމަހަށް ކުޑަކޮށް ތެއްކަން އަންނާނެ ވަރަށެވެ. އެ ފެނުގެ ތެރެއަށް މިރުސް ފިތުމަށް ފަހު، މަސްތަކާ އެއްކުރާނީ އެވެ.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

"ވަޅޯމަސް ގަނެގެން އަޅުގަނޑުމެން އެ ކައްކާފައި، ކުޑަކޮށް މަޑުކޮށްލައިފައި ދަތިން މި ކޮށަނީ. އެއަށް ފަހު، އަވިން ހިއްކަނީ ތެތްކަން ދާނެ ވަރަށް،" އޭނާ ބުންޏެވެ.

"ކޮށާފައި ހުރި މަސްތައް ދެން ތައްޔާރުކުރި ފެނާ އެއްކޮށްލުމަށް ފަހު އަވަނަށް ލައިގެން އެ ހިއްކުނީމަ، ޗިޕްސް ރެޑީވީ."

އޭނާ ބޭނުންވާ ވަރަށް މަސް ހިއްކުމަށް އަވަނަށް ލައިގެން، މަޑު ގިނީގައި 4-5 ގަޑިއިރު ބަހައްޓަން ޖެހެ އެވެ. އެހެންވެ، މިއީ ވަރަށް ގިނަ ވަގުތު ހޭދަވާ މަސައްކަތެކެވެ.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހއ. އިހަވަންދޫގައި ތައްޔާރުކުރާ ހިކިމަސް ޗިޕްސް.

ހިކިމަސް ޗިޕްސްގެ ކިލޯއެއް އޭނާ ވިއްކަނީ 500ރ. އަށެވެ. ޕެކެޓާއި ދަޅުގައި އޭނާ މި ވިއްކަ އެވެ.

ރަށުންނާއި އެހެން ރަށްރަށުންނާއި ރިސޯޓުތަކުންނާއި މާލެއިން ވެސް އޭނާއަށް އޯޑަރު ލިބެ އެވެ.

ސާޖިން ރާއްޖޭގެ “އުތުރުން ދެކުނަށް” ކުރާ މި ދަތުރުގައި މިހާރު ހއ. ގެ ފަަަސް ރަށަކަށް ހިނގައްޖެ އެވެ. އެ ރަށްރަށުގައި މަސްވެރިންނާ ބައްދަލުކޮށް، އެމީހުން މަސްވެރިކަން ކުރާ ގޮތާއި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. އަދި މަސްވެރިންގެ އިތުރުން ރަށްރަށުގައި ތަފާތު އެކި މަސައްކަތްކުރާ މީހުންނާ ވެސް ސާޖިން ބައްދަލުކުރި އެވެ.