Roadha Mihaaru
މަސް ކެއްކުމުގައި 45 އަހަރު؛ މިހާރު ނާއުންމީދުގައި

މަސް ކެއްކުމުގައި 45 އަހަރު؛ މިހާރު ނާއުންމީދުގައި

15 ފެބުރުއަރީ 2023

މަސް ކައްކައި ހިއްކައި ރިހާކުރު ހަދައިގެން ކުރަން ފެށި ވިޔަފާރިއަށް 45 އަހަރުވީ އިރު ވެސް ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާގެ ދެމަފިރިން އަދިވެސް އެ ތިބީ ދެގޮތެއް ނުވެ މިކަމުގަ އެވެ. އެ މީހުންގެ ދިރިއުޅުން ބިނާކުރީ މެދުކެނޑުމެއް ނެތި ކުރަމުން އަންނަ މި މަސައްކަތުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަސް ކައްކައި ހިއްކައި ރިހާކުރު ހަދައިގެން ކުރަން ފެށި ވިޔަފާރިއަށް 45 އަހަރުވީ އިރު ވެސް ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާގެ ދެމަފިރިން އަދިވެސް އެ ތިބީ ދެގޮތެއް ނުވެ މިކަމުގަ އެވެ. އެ މީހުންގެ ދިރިއުޅުން ބިނާކުރީ މެދުކެނޑުމެއް ނެތި ކުރަމުން އަންނަ މި މަސައްކަތުންނެވެ.

ޒުވާން މަސްވެރިޔާ ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށަކަށް "އުތުރުން ދެކުނަށް" ކުރާ ދަތުރުގައި، އުމުރުން 75 އަހަރުގެ ފަރީދާއާ ބައްދަލުކުރުމުން ބުނީ، އޭނާގެ ނުވަ ކުދިންގެ ބަލައިބޮޑުކޮށް، ގެ ހެދީ ވެސް މި މަސައްކަތުން ލިބުނު އާމްދަނީން ކަމަށެވެ. އެކަމަކު މިހާރު އެ ހުރީ މި ބުރަ މަސައްކަތުން ރަނގަޅު އާމްދަނީއެއް ނުލިބޭތީ ކަންބޮޑުވެފަ އެވެ.

ފިރިމީހާ މަހަށް ދާ ދޯނިން ބަހާފައި ދޭ މަސްކޮޅު ކައްކައިގެން އެންމެ ކުރިން މި ވިޔަފާރި ކުރަމުން އަޔަސް މިހާރު އެކަން ކުރަނީ ރަށުގެ ދޯނިތަކުން ބާނަ މަސް ގަނެގެންނެވެ.

ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާ: އޭނާ އާމްދަނީ ހޯދަނީ މަަސް ކެއްކުމުގެ މަސައްކަތުން.

ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާ: އޭނާ އާމްދަނީ ހޯދަނީ މަަސް ކެއްކުމުގެ މަސައްކަތުން.

"މިހާރު މަހުގެ އަގު ދަށީ. 22-26 ބަސްތާ މަސް ދިނީމާ މި ލިބެނީ 10،000ރ. ނޫނިއްޔާ 18،000ރ. އެއް އޮޑިން ގަންނަ މަހަށް ދޭ ވަރު ވެސް ނުވޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ޚަރަދު ދެކޮޅު ނުޖެހޭތީ އެހެން މަސައްކަތްތައް ކޮށްގެން ލިބޭ އެއްޗަކުން ވެސް ގެއްލުން ފޫބައްދަން ޖެހޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި، އެ މަސައްކަތް އެންމެ ފައިދާވި ދުވަސްވަރު، 90ގެ އަހަރުތަކުގައި އާމްދަނީގެ ގޮތުގައި މަހަކު 50،000-70،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބުނެވެ. އެކަމަކު އޭނާ ބުނީ މިހާރު ކިރިޔާ ވެސް ފައިދާއެއް ވަނީ ރިހާކުރު ވިއްކައިގެން ކަމަށެވެ.

ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާގެ ދެމަފިރިން: އެ ދެމަފިރިން އާމްދަނީ ހޯދަނީ މަަސް ކެއްކުމުގެ މަސައްކަތުން.

ހއ. ހޯރަފުށީ، ފަރީދާ ޒަކަރިއްޔާގެ ދެމަފިރިން: އެ ދެމަފިރިން އާމްދަނީ ހޯދަނީ މަަސް ކެއްކުމުގެ މަސައްކަތުން.

ކުރިން ހޯރަފުށީގައި ވަރަށް ގިނަ މީހުން މަސް ކެއްކިޔަސް، މިހާރު އެ މަސައްކަތް ކުރާ މީހުން މަދީ ފަރީދާ ދެކޭގޮތުގައި "ތަރައްގީގެ" ސަބަބުންނެވެ.

"ތަރައްގީ، ގެދޮރަށް ދުން ބުރާފާނެތީ، މިހާރު ވެސް ދައްތަމެންގެ އަސްލު ގޭގައި ނުކެއްކިގެން މިިތަނުގައި ފޫޓެއް [ގޯއްޗެއް] ނަގައިގެން އަންނަން ވެސް މި ޖެހުނީ. މީހުން މައްސަލައެއް ޖައްސަފާނެތީ،" އޭނާ ބުންޏެވެ.