Roadha Mihaaru
މި ފެށީ ބޮޑު ދަތުރެއް، އޮތީ ޝައުގުވެރި ވާހަކަތަކެއް

ޒުވާން މަސްވެރިޔާ މި ފެށީ ބޮޑު ދަތުރެއް، އޮތީ ޝައުގުވެރި ވާހަކަތަކެއް

05 ފެބުރުއަރީ 2023

މި ފަށަނީ މި އަހަރު "މިހާރު"ގެ ކިޔުންތެރިންނަށް ކިޔާލަން ލިބޭނެ އެންމެ ޝައުގުވެރި ވާހަކަތައް ގެނެސްދޭށެވެ؛ މިއީ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ބޮޑު ދަތުރުގެ ތަފާތު، އެކި ވާހަކަތަކެވެ. އޭނާގެ ތަޖުރިބާ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ފަށަނީ މި އަހަރު "މިހާރު"ގެ ކިޔުންތެރިންނަށް ކިޔާލަން ލިބޭނެ އެންމެ ޝައުގުވެރި ވާހަކަތައް ގެނެސްދޭށެވެ؛ މިއީ ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ބޮޑު ދަތުރުގެ ތަފާތު، އެކި ވާހަކަތަކެވެ. އޭނާގެ ތަޖުރިބާ އެވެ.

ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދަތަކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކާންބޯން ކުރާ އެހެނިހެން މަސައްކަތްތެކެވެ. ރަށެއްގެ ހުރިހާ ވާހަކަތަކެވެ.

މި ދަތުރު ސާޖިން ފެށީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުންނެވެ.

ތުރާކުނަކީ ކުރިން ވަރަށް މަސްވެރި ރަށެކެވެ. މިހާރު ވެސް މަސްވެރިކަން ކުރެ އެވެ. އެކަމަކު ކުރީގައި އޮތް ފޯރިއެއް މިހާރަކު ނެތެވެ.

ހއ. ތުރާކުނުގެ ހޮޅުއަށިން ދިމާވި އެ ރަށުގައި ދަނޑުވެރިޔަކާ ސާޖިން ވާހަކަދައްކަނީ.

ހއ. ތުރާކުނުގެ ހޮޅުއަށިން ދިމާވި އެ ރަށުގައި ދަނޑުވެރިޔަކާ ސާޖިން ވާހަކަދައްކަނީ.

އެ ރަށުގެ ބައެއް މަސްވެރިންނާ ދެއްކި ވާހަކަތަކުން ސާޖިންއަށް އެނގުނު ގޮތުގައި، މިހާރު އެ ރަށުގައި އޮންނަނީ ކަންނެލި މަސްވެރިކަން ކުރާ ދެ ދޯންޏެއް އެކަންޏެވެ. ނަމަވެސް، މަހަށް ދާނެ މީހުން ނުވާތީ މަހަށް ފުރަނީ އެންމެ ދޯންޏަކުންނެވެ.

"މި ރަށަކީ މަސްވެރި ރަށެއް. މަސްވެރިކަމުން އާމްދަނީ ހޯދައިގެން ކައިބޮއެ އުޅުނު ރަށެއް. ރަށުގެ ކަތީބުންނަށާއި ރަށުގެ ބޮޑުނަށް މުސާރަ ވެސް ދީ އުޅުނީ މަސްވެރިކަމުން ލިބޭ އެއްޗަކުން. މިހާރު ނެތް މި ރަށުގައި މަސްވެރިކަން ކަމުންނޭ ކައިބޮއެ މިއުޅެނީ ބުނަން ކެރޭނެ އެކަކު ވެސް. އެއްކޮށް ހުއްޓިފައި،" އެ ރަށު މީހުންނާ ދެކެވުނު ވާހަކަތަކަށް ފަހު ސާޖިން ބުންޏެވެ.

އެ ރަށުން ސާޖިންއާ ވާހަކަދެއްކި ގިނަ މީހުން މަސްވެރިކަމަށް ޝައުގުވެރިވާ ކަމަށް ބުނި އެވެ. އެކަމަކު، އެކަމުގައި ހުރި ބައެއް ގޮންޖެހުންތައް ބޮޑުވުމުން އެ މީހުން މަސްވެރިކަމަށް ހުސްވެގެން ތިބެން ޖެހިލުން ވަނީ އެވެ.

"ހއ. އިން އެންމެ ކަންނެއްޔެއް ބާނައިގެން މި ޖެހެނީ މާލެ ދާން މަސްކިރަން. މަސް ކިރޭނެ ގޮތެއް ނެތް. އައިސް ލިބޭނެ ގޮތެއް ނެތް. ވާހަކަ ދައްކާލާ ބައެއް މީހުން އެބަ ބުނޭ މިހާރު ވެސް މަހަށް ދާން ބޭނުމޭ، އެކަމަކު ކިހިނެތް ހެއްޔޭ ދާނީ. ދާނެ މީހަކު ނެތޭ. މަސް ކިރޭނެ ގޮތެއް ކައިރި ހިސާބެއްގައި ނެތޭ،" ސާޖިން ބުންޏެވެ.

ސާޖިން ބުނިގޮތުގައި، ކުރިން އެ ރަށު މީހުން ވަރަށް ރަނގަޅަށް ދަނޑުވެރިކަން ވެސް ކުރި އެވެ. ރަށާ ކައިރީގައި އޮތް ފަޅުރަށެއް ދަނޑުވެރި ކަމަށް ބޭނުންކުރި އެވެ. ނަމަވެސް މިހާރު އެކަން ވެސް އޮތީ ހުއްޓިފަ އެވެ.

އެކަމަކު ފަނޑުނުވެ އޮތީ ގަސް ހެއްދުމަށް އެ ރަށު މީހުންގެ އޮތް ލޯތްބެވެ. ގޭގޭގެ ގޯތިތެރޭގައި ހުސް ޖާގައެއް އޮތް ނަމަ ހުރީ ގަސް އިންދައިފަ އެވެ.

މިކަހަލަ ކިތައްމެ ވާހަކައެއް އަދި އޮތީ އެވެ. މިދިޔަ ބުދަ ދުވަހު ފެށި މި ދަތުރުގައި، ތުރާކުނުގައި ތިން ދުވަހު ހުރުމަށް ފަހު ސާޖިން މިހާރު ހުރީ އުލިގަމުގަ އެވެ.